ޚަބަރު

ވެސްޓް ޕާކް ސަރަޙައްދުގައި ހުރި ގާޑިޔާތަކުގެ ސާފު ތާހިރުކަން ކުޑަވުމުން އެ ގާޑިޔާތައް ނަގަނީ


މާފަންނު ވެސްޓް ޕާކް ސަރަޙައްދުގައި ހުރި ގާޑިޔާތަކުގެ ސާފު ތާހިރުކަން ކުޑަވުމުގެ ސަބަބުން އެ ގާޑިޔާތައް ނަގަން އަންގައިފިއެވެ.

މާލޭ ސިޓީ ކައުންސިލްގެ މޭޔަރ ސިފާ މުޙައްމަދު ވިދާޅުވީ ގާޑިއާތަން ނަގަން އަންގާފައިވަނީ ހެލްތް ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭއިން ބަލައި، ތައްޔާރުކޮށްފައިވާ ރިޕޯޓުގައި އެ ތަންތަނުގެ ސާފު ތާހިރުކަން ކުޑަކަމަށް ބުނެފައިވާތީކަމަށެވެ. ސިފާ ވިދާޅުވީ ގާޑިޔާތައް ނެގުމުގައި މިވަގުތު އިސްކަން ދެނީ ސާފު ތާޚިރުކަން ކުޑަވުމާއި އަދި ޤަވާދުތަކާއި ޚިލާފަށް ހިންގަމުންދާ ގާޑިއާތައް ބަލައިގެންކަމަށެވެ. އެގޮތުން ޤަވާއިދުން މީރާއަށް ފައިސާ ނުދައްކާ ގާޑިއާތައް ނެގުމަށް އިސްކަންދޭކަމަށް ސިފާ ވިދާޅުވިއެވެ.

ސިފާ ވިދާޅުވީ ގާޑިޔާތަކަކީ ދިވެހިން ތިބެގެން ހިންގަން ޖެހޭ ވިޔަފާރިތައް ނަމަވެސް ގިނައިން ފެންނަނީ ބިދޭސީން ގާޑިޔާތައް ހިންގާތަންކަމަށެވެ. އެހެންކަމުން މިކަންކަމަށްވެސް ބަލާނެކަމަށް މޭޔަރ ވިދާޅުވިއެވެ.

ގާޑިޔާތައް ހިންގާފަރާތްތަކަށް މިމަހުގެ 10 ވަނަ ދުވަހުގެ ކުރިން އެ ގާޑިޔާތައް ނެގުމަށް ވަނީ ފުރުޞަތު ދީފައެވެ. އެ ތާރީޚްގެ ފަހުން ނުނަގައިފިނަމަ ސިޓީ ކައުންސިލުން ގާޑިޔާތައް ނަގާނެއެވެ.

ސިޓީ ކައުންސިލުންވަނީ ގާޑިޔާތައް ނަގައި ވެސްޓް ޕާކު ސަރަހައްދަށް ބަދަލުތަކެއްވެސް ގެނައުމަށްވެސް ނިންމާފައެވެ. އާ ސަހަރާ ފުރަގަހާއި، މަސްވެރިންގެ ޕާކާއި ވެސްޓް ޕާކް ސަރަޙައްދަށް ގާޑިއާތައް ބަދަލުކޮށްފައިވަނީ ބްރިޖާއި ރިންގް ރޯޑްގެ މަސައްކަތް ފެށުމާ ގުޅިގެންނެވެ.