ޚަބަރު

ބޭރުގެ ބޯޓުން ފެނިފައިވަނީ 70ކިލޯގެ މަސްތުވާތަކެތި - ޕޮލިސް


މަސްތުވަތަކެތި ޓްރެފިކް ކުރަންއުޅެނިކޮށް ހިފެހެއްޓި ބޭރުގެ ބޯޓު ބަލައި ފާސްކުރިއިރު 70 ކިލޯގެ މަސްތުވަތަކެތި ފެނިފައިވާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

މަސްތުވާތަކެތީގެ މައްސަލައިގައި ހިފެހެއްޓި ބޭރުގެ ބޯޓާއެކު ރާއްޖޭގެ ދޯންޏެއްވެސްވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ. މި ދެ އުޅަނދުވެސް މިހާރުވަނީ ދޫނިދޫއަށް ގެނެސްފައެވެ.

ފުލުހުންނާއި އެމްއެންޑީއެފުންދަނީ މި އުޅަނދުތައް އިތުރަށް ބަލާ ފާސްކުރުމުގެ މަސައްކަތް ކުރަމުންނެވެ. ފުލުހުން ވިދާޅުވީ މިހާތަނަށް ބެލި ބެލުމުން އީރާނުގެ ދިދަ ޖަހައިގެން ރާއްޖޭގެ ޚާއްސަ އިޤްތިޞާދީ ޒޯންގައި ހަރަކާތްތެރިވި ބޯޓުން މަސްތުވާތަކެތި އަޅާފައިހުރި 3 ގޯނި ފެނިފައިވާކަމަށެވެ. އަދި މި ތިން ގޯނިން މަސްތުވާތަކެތި އަޅާފައިހުރި 70 ޕެކެޓް ފެނިފައިވާކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.

ބޭރުގެ މީޑީއާތަކުން ކުރިން ރިޕޯޓުކޮށްފައިވާގޮތުން އެ ބޯޓުން ފެނިފައިވަނީ 150ކިލޯގެ މަސްތުވާތަކެއްޗެވެ. ނަމަވެސް ފުލުހުން ވިދާޅުވެފައިވަނީ އެ ބޯޓު ބަލައި ފާސްކުރުމުން މިހާތަނަށް ފެނިފައިވަނީ 70 ކިލޯގެ މައްސަތުވާތަކެތި ކަމަށެވެ. މި މަސްތުވާތަކެތީގެ އަގު 59.2 މިލިއަން ރުފިޔާއަށް އަރާކަމަށް ޕޮލިސް ކޮމިޝަނަރ މުޙައްމަދު ޙަމީދުވަނީ ވިދާޅުވެފައެވެ.

މި މައްސަލައާއި ގުޅިގެން ފުލުހުން ވަނީ 10 މީހުން ހިފަހައްޓާފައެވެ. މީގެތެރޭގައި ހިމެނެނީ ދިވެހި ދޯނީގައި ތިބި 2 ދިވެހިންނާއި، 2 ބިދޭސީންނާއި، ބޭރު ބޯޓުން ހިފެހެއްޓި ކާކުކަން ނޭގޭ 6 މީހުން ނެވެ. މި މައްސަލާގައި ހައްޔަރުކުރި އެއްވެސް މީހެއްގެ މަޢުލޫމާތު މިހާތަނަށް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

މި ބޯޓު ކައިންރިން އަތުލައިގެން ރާއްޖޭގެ ދޯންޏަކީ ބޯޓުން މަސްތުވާތަކެތި ނެގުމަށްޓަކައި އެ ސަރަޙައްދުގައި ހަރަކާތްތެރިވި ދޯންޏެކެވެ. އަތުލައިގެން ބޯޓަކީ ކޮން ޤައުމަކަށް ނިސްބަތްވާ ބޯޓެއްކަން މިހާތަނަށް ބެލި ބެލުމުން އެނގިފައެއް ނުވެއެވެ.

އިތުރު ތަޙްގީޤަށް ބޭރުގެ ބޯޓު ދޫނިދުއަށް ގެނެސްފައިވަނީ ރޭ ދަންވަރު 02:00ހާއިރުއެވެ. އަދި ދިވެހި ދޯނި ދޫނިދުއަށް ގެނެސްފައިވަނީ މިއަދު ހެނދުނު 06:30 ހާއިރު ކަމަށް ފުލުހުން ވިދާޅުވެއެވެ.

މަސްތުވަތަކެތި ޓްރެފިކް ކުރަން އުޅެނިކޮށް ބޭރުގެ ބޯޓަކާއި ރާއްޖެގެ ދޯންޏެއް ހިފަހައްޓާފައިވަނީ މިމަހުގެ އެއްވަނަ ދުވަހުއެވެ.