ޚަބަރު

އެމްއެމްސީއާއި ބްރޯޑްކޮމް އެއްކޮށްލުމަށް 4 މެމްބަރުންގެ ކޮމިޓީއެއް އެކުލަވާލައިފި


މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނާއި މޯލްޑިވްސް މީޑިޔާ ކައުންސިލް އެއްކޮށްލުމުގެ މަސައްކަތް ކުރުމަށް ކުޑަކޮމިޓީއެއް އެކުލަވާލައިފިއެވެ.

މިމައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީގައި ކުރެވުނު މަޝްވަރާތަކަށްފަހު ދެކޮމިޝަން އެއްކޮށްލުމަށް ކުރަންޖެހޭ މަސައްކަތް ކުރުމަށް 4 މެމްބަރުންގެ ކޮމިޓީއެއް ވަނީ އެކުލަވާލާފައެވެ. މިކޮމިޓީގައި ހިމެނި ވަޑައިގަންނަވަނީ މީޑިޔާދާއިރާގައި ޙަރަކާތްތެރިވެފައިވާ ދެމެމްބަރުންގެ ގޮތުގައި ހިމެނޭ ވެލިދޫ ދާއިރާ މެމްބަރު މުޙައްމަދު ޢަބްދުﷲ ޝަފީޤާއި ގަމު ދާއިރާގެ މެމްބަރު މުޙައްމަދު ވިސާމެވެ. މީގެ އިތުރުން މިކޮމިޓީގައި ހިމެނި ވަޑައިގަންނަވާ އެނެއް ދެ މެމްބަރުންނަކީ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުސާމާއި، ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ރިޒާއެވެ.

ކޮމިޓީގެ މުޤައްރިރު އައްޑޫމީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވީ ބްރޯޑްކާސްޓިން ކޮމިޝަނާއި މޯލްޑިވްސް މީޑިޔާ ކައުންސިލް އެއްކޮށްލުމުގެ މަސައްކަތް ކުރަމުންދަނީ އެޓާނީ ޖެނެރަލާވެސް މަޝްވަރާކުރުމަށް ފަހުގައި ކަމަށާ، އޭޖީވެސް އަދި ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުންވެސް މި ދެކޮމިޝަން އެއްކޮށްލުމުގެ ވިސްނުން ގެންގުޅުއްވާކަމަށެވެ.

މިމައްސަލާގައި ވާހަކަދެއްކެވި ކޮމިޓީ މެމްބަރުންގެ ތެރެއިން ވެލިދޫ ދާއިރާ މުޙައްމަދު ޢަބްދުﷲ ޝަފީޤާއި ގަމު ދާއިރާގެ މެމްބަރު މުޙައްމަދު ވިސާމް ވިދާޅުވީ ކޮމިޓީ މަރުހަލާގައި ދެކޮމިޝަން އެއްކޮށްލުމުގެ މަސައްކަތް ފެށިނަމަވެސް، މަސައްކަތްކަތުގެ ބޮޑުމިނުން މިމަސައްކަތުގައި ގިނަ ދުވަސްތަކެއް ވުމަކީ އެކަށީގެންވާކަމަށެވެ. ދެކޮމިޝަން އެއްކޮށްލުމުގެ މަސައްކަތް ކުރިކަމުގައި ވީނަމަވެސް މިހާރު ބޮރޯޑްކާސްޓިން ކޮމިޝަންގެ މައްސަލާގައި މަޖިލީހުން ވަކިކުރަން ނިންމާފައިވާ މެމްބަރުންނާއި، ރައީސުލް ޖުމްހޫރިއްޔާ އެކޮމިޝަނަށް އައްޔަންކުރުމަށް ފޮނުވި ނަންތައް ފާސްކުރުމުގެ މަރުހަލާ ކުރިއަށް ގެންދިއުމަކީ ކުރަންޖެހޭ ކަމެއްކަމަށް ދެކިވަޑައިގަންނަވާކަމަށާ، އެގޮތަށް އެކަންކުރުމަށް މިދެބޭފުޅުންވަނީ އެދިވަޑައިގެންފައެވެ.

މިމައްސަލާގައި ކޮމިޓީންވަނީ މިދެބޭފުޅުންވެސް ހުށަހެޅުއްވި ގޮތަށް ބޮރޯޑްކާސްޓިން ކޮމިޝަނުން ވަކިކުރަން ޖެހޭ މެމްބަރުން ވަކިކޮށް، އައްޔަންކުރަންޖެހޭ ފަރާތްތައް އައްޔަންކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ނިންމާފައެވެ. ބްރޯޑްކާސްޓިން ކޮމިޝަންގެ މެމްބަރުކަމުން އެކޮމިޝަނުގެ ރައީސް މުޙައްމަދު ޝަހީބާއި ނާއިބު ރައީސް ފާތިމަތު ޒައިނާ ވަކިކުރަން ކޮމިޓީން ނިންމައި މަޖިލިސް ތަޅުމަށް ވަނީ ފޮނުވާފައެވެ.

އަދި އެކޮމިޝަންގެ މެމްބަރުންގެ ގޮތުގައި ތިއްބެވި ޙަސަން ނަބާހާއި އިސްމާޢީލް ޞަފްވާން މަޤާމުން އިސްތިއުފާ ދެއްވުމުން އެމަޤާމަށް މީހުން އައްޔަންކުރުމަށް ރައީސް އޮފީހުންވަނީ މަޖިލީހަށް ފޮނުއްވާފައެވެ. 36 ބޭފުޅަކު ކުރިމަތިލެއްވި މިމަޤާމަށް ރައީސް އޮފީހުން ފޮނުއްވި ލިސްޓުގެ އެންމެ ކުރީގައި ހިމެނޭ 4 ބޭފުޅުންނަކީ ޝިފްލާ އިބްރާހީމާއި، މުޙައްމަދު ޙިލްމީއާއި އަޙްމަދު ޤައިސްއާއި، ޢަލީ ޔޫސުފެވެ.