ތަރައްްޤީ

ރާއްޖޭގެ އޭވިއޭޝަން ދާއިރާ ތަރައްޤީކުރުމާގުޅޭ އެއްބަސްވުމެއްގައި އައިކާއޯއާއެކު ސޮއިކުރަނީ


އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން، އައިކާއޯއާ ގުޅިގެން ރާއްޖޭގެ ސިވިލް އޭވިއޭޝަން ދާއިރާ ތަރައްޤީކުރުމުގެ އެއްބަސްވުމެއްގައި ސޮއިކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ.

މި މަޝްވަރާތައް ކުރައްވާފައިވަނީ ކެނެޑާގެ މޮންޓްރިއާލްގައި ކުރިއަށްދިޔަ އައިކާއޯ ޖެނެރަލް އެސެމްބްލީގެ ހަވާސާގައި އެއިދާރާގެ ޓެކްނިކަލް ބިއުރޯގެ ޑިރެކްޓަރ ޖޯޖް ވަރގަސްއާއެކު މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން ޢާއިޝަތު ނަހުލާ ބޭއްވެވި ބައްދަލުކުރެއްވުމެއްގައެވެ.

އައިކާއޯއާއެކު ޤާއިމުކުރާ އެއްބަސްވުމަކީ ރާއްޖޭގެ އޭވިއޭޝަން ދާއިރާއަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމާއި، އޭވިއޭޝަނާ ގުޅޭގޮތުން ޤާއިމުކޮށްފައިވާ ބައިނަލްއަޤްވާމީ މިންގަނޑުތައް އެންމެ ފުރިހަމަގޮތުގައި ރާއްޖޭގައި ތަންފީޒުކުރުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމާގުޅޭގޮތުން ވެވޭ އެއްބަސްވުމެއްކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވިދާޅުވެއެވެ.

މި ބައްދަލުކުރެއްވުމުގައި ރާއްޖޭގެ އެއަރޕޯޓުތަކުގެ އިންފްރާސްޓްރަކްޗަރ ކެޕޭސިޓީ އިތުރުކުރުމާއި، އެއަރޕޯޓްތަކުގެ އޮޕަރޭޝަންތަކާއި މެނޭޖްކުރުމުގެ ކަންކަން ހަރުދަނާކުރުމާއި، އެތަންތަނުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް، އެއަރ ނެވިގޭޝަންގެ ކަންކަން މިހާރަށްވުރެ ހަރުދަނާކުރުމުގައި އައިކާއޯއިން އެހީތެރިކަން ފޯރުކޮށްދެވިދާނެ ކަންކަމާއި ގުޅޭގޮތުން މަޝްވަރާކޮށްފައިވެއެވެ. ހަމައެހެންމެ އޭވިއޭޝަން ދާއިރާއާއި ގުޅުންހުރި މަޝްރޫޢުތަކަށް ފަންޑް ހޯދުމާއި ގުޅޭގޮތުންވެސް މިނިސްޓަރ ނަހުލާ ވަނީ މިބައްދަލުކުރެއްވުމުގައި މަޝްވަރާކުރައްވާފައެވެ.

އައިކާއޯގެ ޓެކްނިކަލް ބިއުރޯގެ ޑިރެކްޓަރާއި ޓްރާންސްޕޯޓް މިނިސްޓަރ ނަހުލާ ބައްދަލުކުރައްވާފައިވާއިރު، މިނިސްޓަރ ނަހުލާވަނީ އައިކާއޯގެ ޕެސިފިކް ރީޖަންގެ ޑިރެކްޓަރާއި، އެތަނުގެ އިސްވެރިންނާއި މިއަހަރުގެ މާރޗުމަހުގެ ތެރޭގައިވެސް ބައްދަލުކުރައްވާ، ރާއްޖޭގެ އޭވިއޭޝަން ދާއިރާ ތަރައްޤީކުރުމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.