ޚަބަރު

އަލަށް އައްޔަންކުރި އެސީސީއާއި މިމަހުގެ 21 ވަނަ ދުވަހު ބައްދަލުކުރަނީ


އަލަށް އެކުލަވާލި އެންޓިކޮރަޕްޝަން ކޮމިޝަންގެ މެމްބަރުންނާއި ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީން މިމަހުގެ 21ވަނަ ދުވަހު ބައްދަލުކުރުމަށް ހަމަޖައްސައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމެޓީން މިއަދު ބޭއްވި ބައްދަލުވުމުގައި އަލަށް އެކުލަވާލި އޭސީސީގެ މެމްބަރުންނާ ބައްދަލުކުރައްވައި އެބޭފުޅުންގެ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުންވެސް ކޮމިޝަނަށް ދިމާވެފައިވާ ދަތިތަކައި، ހުރި ކަންބޮޑުތައްވެސް ކޮމިޓީގެ ފަރާތުން އޮޅުންފިލުވުމަށް ވަނީ ހަމަޖެހިފައެވެ.
އޭސީސީ ހާޒިރުކުރުމަށް ކޮމިޓީގައި ނުގި ވޯޓްގައި ކޮމިޓީއަށް ހާޒިރުވި މެމްބަރުންގެ އިއްތިފާޤުން ވަނީ ފާސްކޮށްފައެވެ. އޭސީސީގެ މެންބަރުކަމަށް، ކަނޑައެޅި އަލްއުސްތާޛާ ފާޠިމަތު އަނޫލާ އާއި މަރްޔަމް ޝިއުނާ އާއި ޢާއިޝަތު ޢަބްދުﷲގެ އިތުރުން ޢަލީ އަޝްރަފަށް މަޤާމުގެ ފަތްކޮޅު ދެއްވާފައިވަނީ ސެޕްޓެމްބަރު މަހުގެ 9ވަނަ ދުވަހު ރައީސުލް ޖުމްޙޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހެވެ.

އޭސީސީގެ މައިގަނޑު މަސައްކަތަކީ ދިވެހި މުޖުތަމަޢަކީ ކޮރަޕްޝަންގެ ޢަމަލުތަކުން ސަލާމަތްވެފައިވާ ނަޒާހަތްތެރި މުޖްތަމަޢަކަށްހެދުމެވެ. އޭސީސީގެ ކޮރަޕްޝަންގެ ޢަމަލު ހިންގާ ފަރާތްތަކާމެދު ތަފާތު ކުރުމެއްނެތި ފިޔަވަޅުއެޅުމާއި، ކޮރަޕްޝަންގެ ޢަމަލުތަކަށް މަގުފަހިނުވާނެ ގޮތަކަށް ދައުލަތުގެ ހިންގުން ބައްޓަންކުރުމާއި، ކޮރަޕްޝަންގެ ސަބަބުން ގެއްލިގެންދާ ދައުލަތާއި ފަރުދުންގެ ޙައްޤުތައް އިޢާދަކޮށް ޙިމާޔަތްކުރުމާއި، ކޮރަޕްޝަންގެ ޢަމަލުތައް ވިޔަނުދިނުމަށް ގުޅިގެން މަސައްކަތްކުރުމުގެ އިތުރުން ނަޒާހަތްތެރި މުޖުތަމަޢުއެއް ބިނާކުރުމަށްވެސް އޭސީސީން މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނެއެވެ.