ޚަބަރު

ގުދަންތައް ބަލައި ފާސްކުރުމުގެ މަސައްކަތްވަނީ ނިމިފައި - އެމްއެންޑީއެފް


މާލެގައިހުރި ކެމިކަލް ގުދަންތައް ބަލައި ފާސްކުރުމުގެ މަސައްކަތް ނިމިފައިވާކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ. އެމްއެންޑީފުން ވިދާޅުވެފައިވަނީ ގުދަންތައް ފާސްކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔައީ މިދިޔަ މަހުގެ 22އިން 25އަށް ކަމަށެވެ.

ކެމިކަލް ގުދަންތަކުގެ މައްސަލައާއި އަދިި ބަލާ ފާސަކުރުމުގައި ފާހަގަވި ކަންކަމާގުޅޭގޮތުން ކަމާގުޅޭ މުއައްސަސާތަކާއެކު މިހާރު މަޝްވަރާކުރަމުންދާކަމަށް އެމްއެންޑިއެފުންވަނީ ވިދާޅުވެފައެވެ. ގުދަންތަކުގެ މައްސަލައިގައި ފާހަގަވި ކަންކަމާގުޅޭ އިތުރު މަޢުލޫމާތެއް އެމްއެންޑިއެފުން ހާމަކުރައްވާފައެއް ނުވެއެވެ.

މާލޭގައި ހުރި ގުދަންތައް ބަލައި ފާސްކުރުމަށް ނިންމީ، ކެމިކަލް ގުދަންތައް މީހުން ދިރިއުޅޭ ސަރަޙައްދުގައި ހުރި މިންވަރު ދެނެގަނެ، އެތަންތަނުގެ ރައްކާތެރިކަން ހުރި މިންވަރު ބެލުމަށެވެ.

އެންއެންޑިއެފުން މިއަހަރުގެ ކުރީކޮޅު ކުރިއަށްގެންދިޔަ އިންސްޕެކްޝަންގައި ވިދާޅުވެފައިވަނީ މާލޭގައި ކެމިކަލް ހިމެނޭ ބާވަތްތައް ރައްކާކުރާ 126 ގުދަން ހުރިކަމަށެވެ. އަދި މީގެ ތެރެއިނ 83 ގުދަން ހުރީ އާމުން ދިރިއުޅޭ ސަރަޙައްދުތަކުގައިކަމަށްވެސް އެފަރާތުން ވިދާޅުވެފައިވެއެވެ.

ސަރުކާރުން މިހާރުވަނީ މިފަދަ ތަންތަން ތިލަފުއްޓަށް ބަދަލުކުރުމަށް ނިންމާފައެވެ. މިކަމަށް ޚާއްސަކޮށްގެން ތިލަފުށީގައި ގުދަން ހެދުމުގެ މަސައްކަތް މިހާރުދަނީ ކުރަމުންނަނެވެ. މިފަދަ ގުދަންތަކުގައް ހުންނަންޖެހޭ މިންގަނޑުތައް ހިމަނައިގެން ޤަވައިދެއްވެސްވަނީ އެކުލަވާލާފައެވެ.

މާލޭގައި މިދިޔަމަހުވަނީ ކެމިކަލް ރައްކާކޮށްފައިވާ ގުދަނެގައި ރޯވެ ނުރައްކާތެރި އަލިފާނުގެ ޙާދިސާއެއް ހިނގާފައެވެ. މި ޙާދިސާގައި 4 ގުދަނަކާއި 7 ގެއެއްގައިވަނީ އަނަދާފައެވެ.