ވިޔަފާރި

އިންކަމް ޓެކްސްއިން އަހަރަކު 600 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބޭނެ


އަލަށް ތަޢާރަފުކުރާ އިންކަމް ޓެކްސް ޤާނޫނާއެކު ދަޢުލަތަށް ޢާމްދަނީގެ ގޮތުގައި އަހަރަކު 600 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބޭނެކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

އިންކަމް ޓެކްސްއަކީ ވަކި ވަކި ފަރުދުންނަށް ލިބޭ އާމްދަނީން ދަޢުލަތަށް ނަގަން ހަމަޖައްސާފައިވާ ޓެކްސްއަކަށްވާއިރު، މިއީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ރިޔާސީ ވަޢުދުފުޅެކެވެ.

ދިވެހިރާއްޖެއަށް އިންކަމް ޓެކްސް ތަޢާރަފުކުރުމުގެ އެންމެ ބޮޑު މަޤްޞަދަކީ ޓެކުހުގެ ނިޒާމް ފުރިހަމަކޮށް، ވަކިވަކި ފަރުދުންނަށް ލިބޭ ޢާމްދަނީއަށް ޖަވާބުދާރީކުރުވާ، މުއްސަނދިންނާއި ފަޤީރުންގެ ފަރަގު ކުޑަކޮށް ދަޢުލަތުގެ ޢާމްދަނީ އިތުރުކުރުންކަމަށް ސަރުކާރުން ވިދާޅުވެއެވެ. އަދި މިފަދަ ނިޒާމަކާއެކު ވަގު ވިޔަފާރިކުރުމާއި ނަހަމަގޮތުގައި މުއްސަނދިވުން ހުއްޓުވޭނެކަމަށްވެސް ސަރުކާރުން ވިދާޅުވެއެވެ.

އިންކަމް ޓެކްސްގެ 3 ބާވަތެއް ހިމެނެއެވެ. އެއީ ފްލެޓް ރޭޓް، ޕްރޮގްރެސިވް ރޭޓް އަދި ޑުއަލް އިންކަމްއެވެ. މީގެތެރެއިން ރާއްޖޭގައި ތަންފީޒުކުރަން ފެންނަނީ ޑުއަލް އިންކަމް ޓެކްސްގެ ނިޒާމެއްކަމަށް އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް، އައި.އެމް.އެފުން ލަފާދީފައިވީނަމަވެސް ރާއްޖޭގައި މިވަގުތު އެންމެ އެކަށީގެންވާގޮތެއްގައި ތަންފީޒުކުރެވެންއޮތީ ޕްރޮގްރެސިވް ރޭޓްގެ އިންކަމް ޓެކްސް ނިޒާމެއްކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވެއެވެ.

އިންކަމް ޓެކްސް ޤާނޫނާއި ގުޅޭގޮތުން މީޑިއާތަކަށް މަޢުލޫމާތުދެއްވަމުން ފިނޭންސް މިނިސްޓްރީގެ ޓެކްސް ޕޮލިސީ ކޮންސަލްޓަންޓް އަރްޝަދު ޖަމީލު ވިދާޅުވީ، ޕްރޮގްރެސިވް ރޭޓްގެ އިންކަމް ޓެކްސް ނިޒާމަކާއެކު ގިނައިން ޢާމްދަނީ ލިބޭ ފަރާތްތަކުގެ އަތުން ނިސްބަތުން ގިނައިން ޓެކްސް ނެގޭނެކަމަށާއި އަދި އެކި ގިންތިތަކުގައި ފުޅާވަމުންދާ ޢާމްދަނީގެ ފަރަގު ކުޑަކުރެވިގެންދާނެކަމަށެވެ. އަދި މިއީ ސެއިންޓް ލޫސީއާ، މޯރީޝަސްފަދަ ޖަޒީރާ ޤައުމުތަކުގައި މިހާރުވެސް ކާމިޔާބުކަމާއެކު ތަންފީޒުކުރަމުންދާ ނިޒާމެއްކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގައި އިންކަމް ޓެކްސްގެ ޤާނޫނެއް އެކުލަވާލުމުގައި މުހިއްމު 5 ކަމަކަށް ބަލާފައިވާނެކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވެއެވެ. އެގޮތުން މި ނިޒާމަކީ އިންސާފުވެރި، ތަފާތުކުރުމެއްނެތް، ފަސޭހަ، ޚަރަދުކުޑަ، އަދި ވަކި އުޞޫލަކުން ތަންފީޒުކުރެވިގެންދާނެ ނިޒާމަކަށް ހެދުމަށް އިސްކަންދީފައިވާނެކަމަށް އެ މިނިސްޓްރީން ވިދާޅުވެއެވެ. އިންކަމް ޓެކްސް ނެގުމަށް ހަމަޖެހިފައިވަނީ ރާއްޖޭގައި ވަޒަންވެރިވެފައިވާ ފަރާތެއްނަމަ ރާއްޖެއިންނާއި ރާއްޖޭން ބޭރުން ލިބޭ ޢާމްދަނީންނެވެ. އަދި ވަޒަންވެރިވެފައިނުވާ ފަރާތްތެއްނަމަ ހަމައެކަނި ރާއްޖެއިން ލިބޭ އާމްދަނީއަކުންނެވެ.

އިންކަމް ޓެކްސް ނެގުމަށް ސަރުކާރުން ހުށަހަޅާފައިވަނީ މަހަކު 40 ހާސް ރުފިޔާއަށްވުރެ އިތުރަށް އާމްދަނީ ލިބޭ ފަރާތްތަކުގެ އަތުންނެވެ. އެގޮތުން 40 ހާހާއާއި 60 ހާހާއި ދެމެދުގެ އާމްދަނީއެއް ލިބޭ ފަރާތެއްނަމަ 8 ޕަސެންޓްގެ ރޭޓުން، 60 ހާހާއި 100 ހާހާއި ދެމެދުގެ ޢާމްދަނީއެއް ލިބޭ ފަރާތެއްނަމަ 10 ޕަސެންޓްގެ ރޭޓުން އަދި 100 ހާހަށްވުރެ މަތިން ޢާމްދަނީ ލިބޭ ފަރާތެއްނަމަ އިންކަމް ޓެކްސްގެ ގޮތުގައި 15 ޕަސެންޓް ނެގުމަށް އިންކަމް ޓެކްސްގެ ޤާނޫނުގެ ބިލުގައި ހުށަހަޅާފައިވެއެވެ.

އަރްޝަދު ވިދާޅުވީ، އިންކަމް ޓެކްސް ނެގޭނެ ޢާމްދަނީގެ ބާވަތްތަކުގެ ތެރޭގައި އުޖޫރަ، ވިޔަފާރިކޮށްގެން ލިބޭ ޢާމްދަނީއާއި، އުފުލޭ މުދަލާއި ނުއުފުލޭ މުދަލުން ލިބޭ ކުލި، ޑިވިޑެންޑް، އިންޓްރެސްޓް، އަދި ރޯޔަލްޓީގެ ގޮތުގައި ލިބޭ ޢާމްދަނީ ހިމެނޭކަމަށެވެ. އަދި އިންކަމް ޓެކްސް ރާއްޖެއަށް ތަޢާރާފުކުރެވުމާއެކު، ހަމައެކަނި އިންކަމް ޓެކްސް މެދުވެރިކޮށްވެސް ދަޢުލަތަށް ޢާމްދަނީގެ ގޮތުގައި އަހަރަކަށް 600 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބޭނެކަމަށް އަންދާޒާކުރެވޭކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އިންކަމް ޓެކްސްގެ ޤާނޫނާއެކު މިހާރު ނަގަމުން އަންނަ 5 ބާވަތެއްގެ ޓެކްސް އުވިގެންދާނެކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވެއެވެ. އޭގެ ތެރޭގައި ރެމިޓަންސް ޓެކްސް، ލޭންޑް ސޭލްސް ޓެކްސް، ބީ.ޕީ.ޓީ ނުވަތަ ވިޔަފާރީގެ ފައިދާއިން ނެގޭ ޓެކްސްގެ އިތުރުން ބޭންކް ޕްރޮފިޓް ޓެކްސްއާއި ޕެޓްރޯލިއަމް ޓެކްސް ހިމެނެއެވެ. އިންކަމް ޓެކްސްއާއި ބެހޭ ޤާނޫނުގެ ބިލް މި އަހަރުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ، އަންނަ އަހަރު މި ނިޒާމް ރާއްޖެއަށް ތަޢާރަފުކުރުމަކީ ސަރުކާރުގެ އަމާޒެކެވެ.