ޚަބަރު

7 ފެބްރުއަރީގެ 2 މައްސަލައެއް މަޖިލީހުން ބަލަނީ


2012ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 7ވަނަ ދުވަހު ހިނގައިދިޔަ ކަންތައްތަކާ ގުޅިގެން 2 މައްސަލައެއް ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ބަލަން ފަށައިފިއެވެ.

އެކޮމިޓީން މި ދެމައްސަލަ ބެލުމަށް ހަމަޖެހިފައިވާއިރު ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުވެސް ވަނީ މިމައްސަލަތައް މަޖިލީހުން ބަލަމުންދާކަމަށް ވިދާޅުވެފައެވެ.

ކޮމިޓީން ބެލަމުންދާ ދެމައްސަލަޔަކީ 7 ފެބްރުއަރީ 2012 ގެ ފަހުން ވެރިކަމާއި ހަވާލުވެ ވަޑައިގަތް ޑރ.މުހައްމަދު ވަހީދު ހަސަން މަނިކު ވެރިކަމުގައި ހުރެވޭ މުއްދަތައްވުރެ 6 ދުވަސް އިތުރަށް ވެރިކަމުގައި ހުންނެވި މައްސަލައާއި 7 ފެބްރުއަރީ 2012ގައި ހިނގައިދިޔަ ހަމަނުޖެހުންތަކުގައި އިސްކޮށް ތިއްބެވި މީހުންގެ މައްސަލަ ބަލައި ފިޔަވަޅު އަޅައިދިނުމަށް އެދި ފޮނުވާފައިވާ މައްސަލައެވެ.

ވަޙީދުގެ ވެރިކަމުގެ މުއްދަތު އިތުރުކޮށްފައިވަނީ ސްޕްރީމްކޯޓުން ނެރުނު ގައިޑްލައިނެއްގެ ދަށުންނެވެ. ޤާނޫނު އަސާސީގައި ބުނާ މުއްތުތަކުގައި ރިޔާސީ އިންތިޚާބް ނުބޭއްވި ދިގުލައިގެން ދިއުމުގެ ސަބަބުން ސްޕްރީމްކޯޓުން ވަނީ ވެރިކަމަށް އިންތިޚާބުވި އޭރުގެ ރައީސުލް ޖުމްހޫރިއްޔާ ވެރިކަމުގެ ހުވާ ކުރެއްވުމާ ހަމައަށް އޭރުގެ ރައީސުލް ޖުމްހޫރިއްޔާ ޑރ.މުހައްމަދު ވަހީދު ވެރިކަމުގައި ހުންނެވޭނެކަމަށެވެ.

7 ފެބްރުއަރީ 2012ވަނަ އަހަރުގައި ހިނގައިދިޔަ ކަންތައްތަކާ ގުޅިގެން މިހާރުގެ ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ ވެސް ވަނީ ރައްޔިތުންގެ މަޖިލީހަށް ހާޒިރިކޮށް ސުވާލުކޮށްފައެވެ. ކާށިދޫ ދާއިރާގެ މެމްބަރު ޢަބްދުﷲ ޖާބިރު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ހޯމް މިނިސްޓަރ އިމްރާން ވިދާޅުވީ 7 ފެބްރުއަރީގެ ފަސްބައި ނަގައި ކޮނެ ހަދާނަމަ ޤައުމަށް ގެއްލުން ލިބިދާނެ ކަމަށެވެ. އަދި އެދުވަހުގެ ޙާލަތާއި މިއަދުގެ ޙާލަތު ވަރަށްބޮޑަށް ބަދަލުވެފައިވާކަމަށް ހޯމް މިނިސްޓަރު އިމްރާން ޢަބްދުﷲ ވަނީ ވިދާޅުވެފައެވެ.