ކުޅިވަރު

ކާމިޔާބީގެ ހުރިހާވެސް ޝުކުރެއް ހައްގީ ކުޅުންތެރިންނަށް - ޗޭތަން އަންންދް


އެންމެ ފަހު ވަގުތާއި ޖެހެންދެން ކުޅުންތެރިން ކުރި ހިތްވަރުން ލިބުނީ ޚާއްސަ ކާމިޔާބީއެއް ކަމަށް އިންޑިއާ ޓީމުގެ ކޯޗް ޗެތަން އަނަންދް ބުނެފިއެވެ.

އައްޑޫ ސިޓީގައި މިހާރު ކުރިއަށްދާ ލިނިންގ ސައުތް އޭޝިއަން އެކާވީސް އަހަރުން ދަށުގެ ރީޖަނަލް ބެޑްމިންޓަން ޗެމްޕިއަންޝިޕުގެ ކިމްސް ޓީމް އިވެންޓުގެ ޗެމްޕިއަންކަން ހޯދުމަށްފަހު ޕީއެސްއެމް ސްޕޯޓްސް އާއި ވާހަކަ ދައްކަމުން އިންޑިއާގެ ކޯޗް ޗެތަން އަނަންދް ބުނީ، ފައިނަލަށް ނިކުތް އިރުވެސް ޗެމްޕިއަންކަން ހޯދޭނެކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް އޮތް ކަމަށާއި، ސަބަބަކީ އޭނާގެ ކުޅުންތެރިންނަކީ އެއްވެސް ގޮތަކަށް ބަލިވާން ބޭނުންވާ ކުޅުންތެރިން ނޫންވީމަކަމަށެވެ.

ޗެތަން އަނަންދް ބުނީ، އޭނާގެ ޓިމުގައި ތިބީ ބޮޑަށް ސިންގަލްސް ކުޅުންތެރިން ކަމަށާއި، އެހެންކަމުން ކޮންމެވެސް ވަރަކަށް ޑަބަލްސް މެޗުތަކުގައި ކުޅުންތެރިންނަށް އެންމެ މޮޅު ކުޅުން ދައްކަން އުނދަގޫވިކަމަށެވެ. ނަމަވެސް ފައިނަލް ޓައީގެ ފުރަތަމަ މެޗުން ސައި ޗަރަން ކޯޔާ ބަލިވުމުން ޑަބަލްސް މެޗުތަށް ކާމިޔާބުކުރަން މަޖުބޫރިވި ކަމަށާއި، މިކާމިޔާބީއަކީ އެންމެ ފަހު ވަގުތާއި ޖެހެންދެން ކުޅުންތެރިން ކުރި މިންނެތް މަސައްކަތުން ލިބުނު ކާމިޔާބީއެއް ކަމަށްވެސް ޗޭތަން އަނަންދް ބުންޏެވެ.

އިންޑިއާގެ ކޯޗް ޗޭތަން އަނަންދް ވަނީ ފައިނަލް މެޗައްފަހު ވަރަށް ބޮޑަށް އޭނާގެ ޓީމުގެ ޒުވާން ކުޅުންތެރިޔާ މަންސި ސިންގްއަށް ތައުރީފް ކޮށްފައެވެ. ޗޭތަން ބުނީ، ފުރަތަމަ މެޗުން ކޯޔާ ބަލިވުމުން އެއްވެސް ހާސްކަމެއްނެތި އިންޑިއާއަށް އުންމީދު އައުކޮށްދިނީ މަންސި ސިންގްހ ކަމަށާއި ދެއްކި ސިންގްލްސް މެޗުގަ އާއި ޑަބަލްސް މެޗުގައިވެސް އޭނާ ދެއްކި މޮޅު ކުޅުމަށް ތައުރީފް ކުރާކަމަށެވެ.

"ހަގީގަތުގައި ޓައޯގެ ފުރަތަމަ މެޗުން ބަލިވިޔަސް މާބޮޑު ހާސްކަމެއް ނުލިބުނު، ވަރަށް ބޮޑު ޔަގީންކަމެއް އޮތް އޭރުވެސް ޗެމްޕިއަންކަން ލިބޭނެކަމުގެ. ދެން ޚައްސަކޮށް ދެވަނަ ގޭމްގައި މަންސި ސިންގްހ ދެއްކި މޮޅު ކުޅުމަށް ތައުރީފް ހައްގު. އަސްލު އަހަރެންގެ ޓީމުގަ ތިބީ ސިންގަލްސް ކުޅުންތެރިން. އެކަމު ޑަބަލްސް މެޗުތަކުގައި އެކުޅުންތެރިން އެދެއްކީ ތަފާތު ކުޅުމެއް،" އިންޑިއާގެ ކޯޗް ޗޭތަން އަނަންދް ބުންޏެވެ.

ޗޭތަން އަނަންދް ބުނީ، ޗެމްޕިއަންކަން ލިބުނަސް އުފާ ފާޅުކުރާނެ ވަގުތެއް ނެތް ކަމަށާއި، މިހާރުންސުރެ ހުރިހާވެސް ވިސްނުމެއް ހުރީ އޯޕަންސް ކެޓަގަރީއިން ރަނގަޅު ކާމިޔާބީއެއް ހޯދަން ކަމަށެވެ.

އިންޑިއާއިން މިކްސް ޓީމް އިވެންޓުގެ ޗެމްޕިއަންކަން ހޯދީ ފައިނަލް ޓައީގައި ލަންކާގެ މައްޗަށް ފަހަތުންއަރައި 3-1 ގޭމުން ކުރިހޯދައިގެންނެވެ. ފައިނަލް ޓައީގެ ފުރަތަމަ ގޭމް ގެންދިޔައީ ސްރީލަންކާއިންނެވެ. އެއީ ފިރިހެން ސިންގަލްސް ގޭމެވެ. ނަމަވެސް އިންޑިއާއިން ޖެހިގެންއައި އަންހެން ސިންގަލްސް، ފިރިހެން ޑަބަލްސް އަދި އަންހެން ޑަބަލްސް ގޭމްތަށް ކާމިޔާބުކޮށް ޗެމްޕިއަންކަން ހޯދިއެވެ.