ޚަބަރު

ވަގު ވޯކްވިސާ ކާޑްތަކެއް ހިފައިގެން ރާއްޖެ އެތެރެވާން އުޅުނު މީހަކު ހިފަހައްޓައިފި


ނަކަލުކޮށްފައިވާ ވޯކް ވިސާ ކާޑުތަކެއް ހިފައިގެން ރާއްޖެ އެތެރެވާން މަސައްކަތް ކުރި ބިދޭސީއަކު އިމިގްރޭޝަނުން ހިފަހައްޓައިފިއެވެ.

ވޯކް ވިސާ ކާޑުތަކާއިއެކު އިމިގްރޭޝަނުން ހިފަހައްޓާފައިވަނީ ފިރިހެނެކެވެ. ހިފެހެއްޓި މީހާގެ އަތުން ރާއްޖޭގައި ބޭނުންކުރާ ވޯކް ވިސާ ނަކަލުކޮށްފައިވާ 3 ކާޑްވަނީ ފެނިވެފައެވެ. މި 3 ވޯކް ވިސާ ކަރޑްވެސް ހައްދާފައިވަނީ ތަފާތު 3މީހުންގެ ނަމުގައެވެ. ކާޑުތައް ހިފައިގެން ރާއްޖެ އެތެރެވާން މަސައްކަތް ކުރި މީހާ މިހާރުވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށުގައެވެ.

ރާއްޖޭގައި ހުއްދަ ނެތި އުޅެމުން އަންނަ ބިދޭސިންނާއި، ހުއްދައިގެ މުއްދަތު ހަމަވެފައިވާ ފަރާތްތަކާއި، ކާކުކަން އަންގައިދޭ ސައްހަ ލިޔެކިޔުން ނެތް ބިދޭސީ މަސައްކަތްތެރިން ގިނަވެ، މިފަދަ މައްސަލަތައް ބޮޑުވުމާގުޅިގެން ސަރުކާރުންވަނީ މިފަދަ މީހުން ޤަވައިދުގެ ތެރެއަށް ވެއްދުމަށް އަލުން ރަޖިސްޓްރީކޮށްދިނުމުގެ ފުރުސަތު ހުޅުވާލާފައެވެ.

އިކޮނިމިކް މިނިސްޓްރީއިން ހާމަކޮށްފައިވާ ގޮތުގައި ރާއްޖޭގައި ލޭބަރުންގެ ގޮތުގައި އެއް ލައްކަ ތިރީސް ހާސް ބިދޭސިންދަނީ މަސައްކަތް ކުރަމުންނެވެ. މީގެތެރެއިން ފަސްދޮޅަސް ހާސް މީހުން އުޅެމުނދަނީ ލިޔެކިޔުންތައް ހަމަނުކޮށް ޤަވައިދާ ޚިލާފަށެވެ. ޤަވައިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ އަހަރެއްހައި ދުވަހުގެތެރޭގައި ޙައްލުކޮށްދެއްވާނެކަމަށް ސަރުކާރުންވަނީ ވިދާޅުވެފައެވެ.

ޕާސްޕޯޓް އޮޅުވާލައިގެން ޤަވައިދާ ޚިލާފައި ރާއްޖެ އެތެރެވުމަށް މަސައްކަތް ކުރާ މީހުން ދެނެގަނެ، އެފަދަ މީހުންނާއި މެދު އިމިގްރޭޝަނުން އަންނަނީ ފިޔަވަޅު އަޅަމުން. އެގޮތުން މިއަހަރުގެ މިހާތަނަށް އެހެން މީހުންގެ ފޮޓޯ ޖެހި ޕާސްޕޯޓް ހިފައިގެން ރާއްޖެ އެތެރެވާން މަސައްކަތްކުރި 17މީހުން އިމިގްރޭޝަނުންވަނީ ހިފަހައްޓާފައެވެ. އަދި މިފަރާތްތައްވަނީ އަނބުރާ ޤައުމަށް ފޮނުވާލާފައެވެ.