ސިއްހަތު

ލޭ ދިޔާކުރާ ބޭސް ބޭނުންކޮށްގެން ފަރުވާދިނުމުގެ ޚިދުމަތް އައި.ޖީ.އެމް.އެޗުން ފަށައިފި


ލޭ ދިޔާކުރާ ބޭސް ބޭނުންކޮށްގެން ސްޓްރޯކަށް ފަރުވާދިނުމުގެ ޚިދުމަތް އައި.ޖީ.އެމް.އެޗުން ދޭން ފަށައިފިއެވެ.

ސްޓްރޯކް ޖެހުމަކީ މުޅި ހަށިގަނޑުން ނުވަތަ ހަށިގަނޑުގެ ބަޔަކުން ބާރުކެނޑޭ ބައްޔެކެވެ. މިބައްޔަށް ބައެއް ފަހަރު ވާގިނެތޭ ބަލި ނުވަތަ ވާބައްޔޭވެސް ކިޔައެވެ. ސްޓްރޯކްގެ ސަބަބުން ސިކުނޑީގެ ވަކި ހިސާބަކަށް ލޭގެންގޮސްދޭ ހޮޅި ބަންދުވެ، އެހިސާބަށް ލިބެންޖެހޭ ލެއާއި، އޮކްސިޖަންއާއި ގުލްކޯޒް ނުލިބި، އެ ހިސާބުގެ މަސައްކަތްހުއްޓި ސިކުނޑީގެ އެބައި މަރުވެއެވެ. މިކަމަށް އަވަސް ފަރުވާ ނުދެވިއްޖެނަމަ އެގެއްލުމަކީ ރަގަޅު ނުކުރެވޭ ދާއިމީ ގެއްލުމަކަށް ބަދަލުވުމުގެ ފުރުޞަތު އޮވެއެވެ.
ސްޓްރޯކްގެ ދެ ވައްތަރެއް ވެއެވެ. ފުރަތަމަ ވައްތަރަކީ އިސްކިމިކް ސްޓްރޯކެވެ.

ސްޓްރޯކް ޖެހުމުގެ 80 އިންސައްތައަކީ މިވައްތަރުގެ ސްޓްރޯކްކަން ފާހަގަކުރެވެއެވެ. އިސްކިމިކް ސްޓްރޯކްގެ ސަބަބުން ލޭހޮޅިތަކުގެ ތެރޭގައި ގަނޑުއެތިކޮޅެއް އުފެދި، އެއެތިކޮޅު ލޭހޮޅީގެ ތެރޭގައި ދަތުރުކޮށްފައި ގޮސް، ސިކުނޑީގެ ލޭހޮޅިއެއްގެ ތެރޭގައި ތާށިވެ، އެހޮޅި ބެދޭގޮތްވެއެވެ. ގިނަ ފަހަރަށް މިފަދަ ގަނޑު އެތިކޮޅު އުފެދެނީ ކޮލެސްޓްރޯލް ގިނަވެ، ލޭހޮޅިތަކުގެ ތެރޭގައި އަށަގަނެ، އޭގެ އެތިކޮޅެއް އެތަނުން ނެއްޓި ލޭހޮޅިތަކުގެ ތެރޭގައި ދައުރުވާން ފެށުމުންނެވެ.

ސްޓްރޯކް ޖެހުމުގެ ދެވަނަ ވައްތަރަކީ ހީމޮރޭޖިކް ސްޓްރޯކެވެ. މިއީ ލޭގެ ޕްރެޝަރު މަތިވެ، ސިކުނޑީގެ ލޭހޮޅިތައް ފަޅައިގެން ގޮސް، ލޭއޮހޮރުމުގެ ސަބަބުން ސިކުނޑީގެ ބައެއް ހިސާބުތައް ފިތި، އެތަނުން ކުރާ މަސައްކަތް ހުއްޓާލުމެވެ. މިއީވެސް ލޭމައްޗަށްދާ މީހުންނަށް ކުރިމަތިވާ ވަރަށް ނުރައްކާތެރި ޙާލަތެކެވެ.

ސްޓްރޯކް ޖެހޭ މީހުންނަށް ދެވޭ ފަރުވާގެ ކަންކަން ހަރުދަނާކުރުމަށް ކުރާ މަސައްކަތުގެ ދަށުން، ލޭދިޔާކުރާ ބޭސް ބޭނުންކޮށްގެން ސްޓްރޯކަށް ފަރުވާ ދެވޭނެ އިންތިޒާމް އައި.ޖީ.އެމް.އެޗްގައި މިހާރު ވަނީ ޤާއިމުކޮށްފައެވެ. އެގޮތުން ލޭ ދިޔާކުރުމަށް ބޭނުންކުރާ އިންޖެކްޝަނެއްކަމަށްވާ "ޓިޝޫ ޕްލާސްމިނޯޖެން އެކްޓިވޭޓަރ"، ޓީ.ޕީ.އޭ ބޭނުންކޮށްގެން ސިކުނޑީގައި ގަނޑުވާ ލޭކޮޅު ވިރުވާލުމުގެ ޚިދުމަތް އެ ހޮސްޕިޓަލުން އަންނަނީ ދެމުންނެވެ. އައި.ޖީ.އެމް.އެޗްގެ ކޮންސަލްޓަންޓް އިން ނިއުރޮލޮޖީ ޑރ.އަޙްމަދު ރަޝީދު ވިދާޅުވީ، މި އިންޖެކްޝަން ދެވޭނީ ސްޓްރޯކްޖެހޭތާ ގިނަވެގެން 4 ގަޑިއިރާއި ބައިގެ ތެރޭގައިކަމުން، ސްޓްރޯކެއްގެ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ހޮސްޕިޓަލަށް އައުން މުހިއްމުކަމަށެވެ.

" ލޭ ދިޔާކުރުމަށް އަޅުގަނޑުމެން މި ބޭނުންކުރަނީ އިންޖެކްޝަނެއް.. މި އިންޖެކްޝަނުން ކޮށްދޭކަމަކީ ސިކުނޑީގައި ގަޑުވެފައި އިންނަ ގަޑުލޭކޮޅު ވިރުވާލަދިނުން.. އޭރުން ސެލްގެ ބްލޮކްވި އޭރިއާއަށް ބޭނުންވާ އޮކްސިޖަނާއި ގުލްކޯޒް އަދި ލޭ އަލުން ދަތުރުކުރަން މި ފަށަނީ.." ޑރ. އަޙްމަދު ރަޝީދު ވިދާޅުވިއެވެ.

ޑރ.އަޙްމަދު ރަޝީދު ވިދާޅުވީ ލޭ ދިޔާކުރާ ބޭސް ބޭނުންކޮށްގެން މިހާތަނަށް ފަރުވާ ދެވުނު ޕޭޝަންޓުގެ ޙާލަތު ވަރަށް ރަނގަޅުކަމަށެވެ. ޑރ.އަޙްމަދު ރަޝީދު ވިދާޅުވީ، މި އިންޖެކްޝަނަކީ ލޭ ދިޔާކުރާ ބޭހެއްކަމުން މި ބޭހުގެ ސަބަބުން ލޭ އައުމުގެ ފުރުޞަތު އޮންނަކަމަށާ، މި ބޭސް ނުދިންކަމުގައިވިޔަސް ސިކުނޑީގެ ބައެއް ހިސާބުތަކުން ލޭ ހޮޅިތައް ބެދިއްޖެނަމަ، ލޭ އައުމުގެ ފުރުޞަތު އޮންނަކަމަށެވެ. އެފަދަ ހާލަތެއްގައިވެސް ބަލިމީހާއަށް ބޭނުންވާ އިތުރު ފަރުވާ ދެވޭނެ އިންތިޒާމްވެސް އެ ހޮސްޕިޓަލުގައި ޤާއިމުކޮށްފައިވާކަމަށް ޑރ.ރަޝީދު ވިދާޅުވިއެވެ.

"މި ބޭހަކީ ލޭ ދިޔާކުރާ ބޭހެއްކަމުން، މި ބޭހާއެކީ ބައެއްކަހަލަ ސައިޑް އިފެކްޓްސްތައް ނުވަތަ ނޭދެވޭ އަސަރުތައް ކުރުން އެކަށީގެންވޭ. މިސާލަކަށް ލޭ ދިޔާކުރާ ބޭހެއްވީމަ، މި ބޭހުގެ ސަބަބުން ލޭ އައުމުގެ ފުރުޞަތު އަބަދުވެސް އެބައޮވޭ.. ޙާއްސަކޮށް ސިކުނޑީގެ ލޭހޮޅި ބެދިފައި އިންނަތަނަށް ނުވަތަ ސްޓްރޯކްޖެހިފައި އިންނަތަނަށް ލޭ އެޅޭގޮތްވޭ.. ބޭސް ނުދިންކަމުގައިިވިޔަސް ސިކުނޑީގެ ބައެއް އޭރިއާތަކުގެ ލޭ ހޮޅިތައް ބްލޮކްވީމަ ވަރަށް ފަސޭހައިން ލޭ އާދޭ.. އެފަދަ ހާލަތަކަށް ގޮސްނަމަވެސް ފަރުވާ ދެވޭނެ އިންތިޒާމް މިހާރު މިވަނީ ހަމަޖެހިފައި" ޑރ. އަޙްމަދު ރަޝީދު ވިދާޅުވިއެވެ.

ސްޓްރޯކްޖެހުމަށް މަގުފަހިކުރުވާ ބައެއް ކަންކަމުގެތެރޭގައި ހިތުގެ ބައްޔާއި ހަކުރު ބަލީގެ އިތުރުން ލޭމައްޗަށް ދިއުންފަދަ ބަލިތައް ހިމެނެއެވެ. މީގެ އިތުރުން މަސްތުވާތަކެތި ބޭނުންކުރުމާއި، ދުންފަތުގެ އިސްތިއުމާލުކުރާނަމަ ސްޓްރޯކް ޖެހުމުގެ ފުރުޞަތު ބޮޑެވެ. ސްޓްރޯކްގެ ސަބަބުން ސިކުނޑީގައި ލޭގަނޑުވުން ހުއްޓުވުމަށްޓަކާ ލޭ ދިޔާކުރާ ބޭސް ދިނުމުގެ އިތުރުން އެފަދަ ޕޭޝަންޓުންނަށް ބޭނުންވާ ފިޒިއޮތެރަޕީއާއި ސްޕީޗް ތެރެޕީ ލިބޭނެ އިންތިޒާމްވެސް އައި.ޖީ.އެމް.އެޗުގައި ވަނީ ޤާއިމުކޮށްފައެވެ. ހަމައެހެންމެ ސްޓްރޯކް ޖެހިގެން އަންނަ މީހުންނަށް ފަރުވާ ދިނުމަށްޓަކާ ޙާއްސަ ސެންޓަރެއް ދަރުމަވަންތަ ހޮސްޕިޓަލުގައި ޤާއިމުކުރުމުގެ މަސައްކަތްވެސް އައި.ޖީ.އެމް.އެޗުން ދަނީ ކުރަމުންނެވެ.