ޚަބަރު

ތިނަދޫގެ "ބީ" ކެޓެގަރީގެ ފްލެޓުތައް ލިބުނު މީހުންގެ ވަގުތީ ލިސްޓު ޢާންމުކޮށްފި


ގދ. ތިނަދޫގައިއިމާރަތް ކޮށްފައިވާ ފްލެޓްތަކުގެ ތެރެއިން "ބީ" ކެޓެގަރީން ފްލެޓް ލިބުނު މީހުން ގެ ވަގުތީ ލިސްޓް ޢާއްމު ކޮށްފިއެވެ.

ބީކެޓަގަރީގައި ހިމެނެނީ 25 ފްލެޓެވެ. މިފްލެޓްތަކަށް ޕޮއިންޓް ލިބިފައިވާ ގޮތް ވެސް ވަގުތީ ލިސްޓްގައި ހިމަނާފައިވެއެވެ. ތިނަދޫ ކައުންސިލުން ވަނީ މި ލިސްޓާ ގުޅިގެން ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު މިމަހުގެ 14 ވަނަ ދުވަހާ ހަމަޔަށް ހުޅުވާލާފައެވެ. މިމަޝްރޫޢުގެ ދަށުން ދޫކުރުމަށް ހަމަޖެހިފައިވާ "އޭ" ކެޓެގަރީގެ 80 ފްލެޓް ލިބުނު މީހުންގެ ވަގުތީ ލިސްޓް މިދިޔަ ހަފްތާގައި ޢާއްމުކުރުމަށްފަހު، ޝަކުވާ ހުށަހެޅުމުގެ ފުރުޞަތުވެސް ހުޅުވާލާފައިވެއެވެ.

ތިނަދޫގައި އަޅާފައިވަނީ ޖުމްލަ 120 ފްލެޓެވެ. މިފްލެޓް ތަކުގެ ތެރެއިން ސީ ކެޓަގަރީގައި ހިމެނޭ 15 ފެލްޓަކީ ވިޔަފާރި އުޞޫލުން ވިއްކުމަށް ހަމަޖެހިފައިވާ ފްލެޓްތަކެއް ކަމަށް އެރަށު ކައުންސިލުން ބުނެއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ތިނަދޫ ކައުންސިލްގެ ރައީސް، އަލީ އަމްޖަދު ވިދާޅުވީ ބީ ކެޓެގަރީގެ ފްލެޓުތަކަށް އެދިފައިވާ މީހުންނަށް މާކްސް ލިބުނު ގޮތުގެ ލިސްޓާ ގުޅިގެން ޝަކުވާތައް ހުށަހަޅަމުންދާކަމަށެވެ. އަދި އެމީހަކަށް ޕޮއިންޓް ލިބުނުގެ ގޮތުގެ ތަފްޞީލް ކިޔައިދިނުމުގެ އިންތިޒާމް އެކައުންސިލުން ހަމަޖައްސާފައިވާ ކަމަށާއި، ފްލެޓުތައް ޙަވާލު ކުރުމުގައި ބަލާނީ ހައުސިން މިނިސްޓްރީން އެ ފްލެޓުތައް ދޫކުރުމަށް ހަދާފައިވާ އުސޫލު ތަކަށް ކަމަށްވެސް ކައުންސިލުން ބުނެއެވެ.

މިފްލެޓްތަކަށް އެދި ފޯމު ހުށަހެޅި މީހުންނަށް މާކްސް ލިބުނު ގޮތުގެ ލިސްޓު މީގެ ކުރިން ވެސް އިއުލާން ކޮށްފައިވެއެވެ. އެއީ ރައީސް ޔާމީންގެ ވެރިކަމުގެ އެންމެ ފަހު ދުވަސްކޮޅު ތެރޭ ފްލެޓް ލިބޭ މީހުންގެ ލިސްޓް އާންމު ކޮށްފައިވަނިކޮށް މިކަމާ ގުޅިގެން ގިނަ ޝަކުވާތަކެއް ހުށަހަޅާފައިވާތީ ތިނަދޫ ކައުންސިލުން އެކަން ބަލައިދިނުމަށް އޭސީސީގައި އެދިފައިވެއެވެ. އޭސީސީން އެފަހަރު އެންގީ ހައުސިން މިނިސްޓްރީއާ ގުޅިގެން ފްލެޓް ދޫކުރުމުގެ ކަންކަން ކުރިއަށް ގެންދިއުމަށެވެ.

މިފަހަރު ފްލެޓުތަކުގެ ލިސްޓު ޢާންމުކޮށްފައި ވަނީ މިނިސްޓްރީގެ ލަފާގެ މަތިން އެ ކައުންސިލުން އެކުލަވާލި ކޮމިޓީއަކުން ފޯމުތައް އަލުން ބަލައި އެލިސްޓު މުރާޖަޢާ ކުރުމަށްފަހުއެވެ.