ޚަބަރު

150ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ދިވެހި ދޯންޏެއް ހިފަހައްޓައިފި


ކަނޑުމަތިން އަތުލައިގެން 150 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައާގުޅިގެން ދިވެހި ދޯންޏެއްވެސް އެމްއެންޑީއެފްގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.

އެމްއެންޑީއެފުން ވިދާޅުވީ މަސްތުވާތަކެތި ފެނުނު ބޯޓު ކައިރީގައި ޙަރަކާތްތެރިވަނިކޮށް އަތުލައިގެންފައިވަނީ "ހޭދަކުރި-7" ނަމަކަށްކިޔާ ދިވެހި ދޯންޏެއްކަމަށެވެ. މި ދޯންޏަކީ ބޭރުގެ އުޅަނދުން މަސްތުވާތަކެތި ނެގުމަށްޓަކައި، ޙަރަކާތްތެރިވާކަމަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ހިފެހެއްޓި ދޯންޏެކެވެ. ދިވެހި ދޯނި ހިފަހައްޓާފައިވަނި މަސްތުވާތަކެތި އަތުލައިގަތް ބޭރުގެ ބޯޓު އޮތް ސަރަަޙައްދުންނެވެ.

ފުލުހުން ވިދާޅުވީ މިހާތަނަށް ލިބުނު މަޢުލޫމާތަށް ބަލާއިރު މި އޮޕަރޭޝަނުގައި ހިފެހެއްޓި ބޯޓުގައި އެއްވެސް އައިޑެންޓިފިކޭޝަނެއް ނެތް 6 މީހަކު ހިފެހެއްޓިފައިވާކަމަށެވެ. އަދި ހިފެހެއްޓި ދޯނިން ދިވެހި 2 ފިރިހެނުންނާއި ބަނގްލަދޭޝްގެ 2 ފިރިހެނުން ސަލާމަތީ ބާރުތަކުގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.

ކޯސްޓްގާޑުގެ ބެލެމުގެ ދަށަށް ގެނައި ބޯޓަކީ، އީރާނުގެ ދިދަ ނަގައިގެން ދުއްވަމުން ދިޔަ ބޯޓެއްނަމަވެސް އެއީ ކޮން ޤައުމަކަށް ނިސްބަތްވާ އުޅަނދެއްކަން އަންގައިދޭ ލިޔެކިޔުމެއް އަދި ފެނިފައި ނުވާކަމަށްވެސް އެމްއެންޑީއެފުން ވިދާޅުވެއެވެ. މި ބޯޓު ހިފަހައްޓާފައިވަނީ އިންޑިއާގެ ކޯސްޓްގާޑުން މިމަހުގެ 1 ވަނަ ދުވަހު ދިން މަޢުލޫމާތަކާއި ގުޅިގެން އެމްއެންޑީއެފާއި ފުލުހުންގެ ޑްރަގް އެންފޯސްމެންޓް ޑިޕާޓްމަންޓާއި ޑްރަގް އިންޓަލިޖެންސް ޑިޕާޓްމަންޓު ގުޅިގެން ހިންގި އޮޕަރޭޝަނެއްގައެވެ.

މި ބޯޓު ހިފަހައްޓާފައިވަނީ ހއ.ތުރާކުނު ހުޅަނގުން 172 ނޯޓިކަލް މޭލި ބޭރުން، ރާއްޖޭގެ ޚާއްސަ އިޤްތިޞާދީ ޒޯނުންނެވެ. އެމްއެންޑީއެފް ކޯސްޓްގާޑާއި، ފުލުހުން ގުޅިގެން މި ބޯޓު މާލެ ގެނައުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

މި އުޅަނދުގެ މައްސަލަ މޯލްޑިވްސް ޕޮލިސް ސާރވިސްއިން ދަނީ ތަހުޤީޤުކުރަމުންނެވެ.