ޚަބަރު

ޖަމްބަލް ސޭލުން ލިބުނު ފައިސާއާއެކު "މާލެ ފަޔަރ ރިލީފް" އެކައުންޓަށް 2.5 މިލިއަނަށްވުރެ ގިނަ ރުފިޔާ


"ދަރުމަ" ޖަމްބަލް ސޭލްގައި ލިބުނު 50،000 ރުފިޔާއާއެކު "މާލެ ފަޔަރ ރިލީފް" އެކައުންޓަށް 2.5 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިފައިވާކަަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ހާމަކުރައްވައިފިއެވެ.

"ދަރުމަ" ޖަމްބަލް ސޭލްއަކީ، މިދިޔަ މަހުގެ 20 ވަނަ ދުވަހު މާލޭގައި ހިނގި އަލިފާނުގެ ޙާދިސާގެ އަސަރުކުރި ފަރާތްތަކަށް އެހީވުމަށް ދަރުމަވެރިންގެ އިސްނެގުމާއެކު އެންޑީއެމްއޭއިން މިމަހުގެ ހަތަރަކުން ހަޔަކަށް ކުރިއަށްގެންދިޔަ ހަރަކާތެކެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން، އެންޑީއެމްއޭގެ ރިލީފް ޑިސްޓްރިބިއުޝަން ސެންޓަރގެ އިންޗާރޖް އާމިނަތު އިޒްދިޙާ ރުޝްދީ ވިދާޅުވީ، މި ޖަމްބަލް ސޭލްގެ ތެރެއިން ވިއްކާފައިވަނީ އަލިފާނުގެ ހާދިސާގައި އަސަރުކުރި ފަރާތްތަކަށް އެހީވުމަށް އެކި ފަރާތްތަކުން ހަދިޔާކުރި އަންނައުނުގެ ތެރެއިން މިހާރު ނުގެންގޮސްހުރި އަންނައުނުތަށްކަމަށެވެ. ސޯޝަލް ސެންޓަރ އައުޓް ޑޯގައި ކުރިއަށްގެންދިޔަ މިހަރަކާތުގައި އަންނައުނުގެ އިތުރުން ކުޑަކުދިންގެ ނެޕީފަދަ ތަކެތި ވިއްކާފައިވާކަން އިޒްދިހާ ފާހަގަކުރެއްވިއެވެ.

މިދިޔަ މަހުގެ 20 ވަނަ ދުވަހު މާލޭގައި ހިނގި އަލިފާނުގެ ޙާދިސާގެ އަސަރުކުރި ފަރާތްތަކަށް އެހީވުމަށް އެންޑީއެމްއޭއިން ހުޅުވި "މާލެ ފަޔަރ ރިލީފް" އެކައުންޓް މިހާރު ވަނީ ބަންދުކޮށްފައެވެ. އެގޮތުން އެ އެކައުންޓް ބަންދުކުރިއުރު ދެ މިލިއަން ފައްސަތޭކަ އަށާވީސް ހާސް އައްސަތޭކަ ތެއްތިރީސް ރުފިޔާ ތިރީސް ހަތް ލާރި ލިބިފައިވާކަމަށް އެންޑީއެމްއޭއިން ވިދާޅުވެއެވެ.

ހ.އަބަދަށްފެހި މަގު ސަރަހައްދުގައި ހިނގި އަލިފާނުގެ ހާދިސާގައި އަސަރުކުރި ފަރާތްތަކަށް އެހީވުމަށް، އެންޑީއެމްއޭއިން ޚާއްސަ ޖަމްބަލް ސޭލެއް ބޭއްވާފައިވާއިރު، މިހާދިސާގައި އަސަރުކުރި ފަރާތްތަކަށް އެހީވުމަށް ގިނަ ފަރާތްތަކަކުންވަނީ ފަންޑުތަށް ހަދައިގެން އެހީވުމުގެ މަސައްކަތް ކޮށްފައެވެ. އެންޑީއެމްއޭއިން މިހާރުވެސް ދަނީ އަލިފާނުގެ ހާދިސާގައި ބޯހިޔާވަހިކަން ގެއްލުނު ބައެއް ފަރާތްތަކަށް ވަގުތީ ހިޔާވަހިކަން ފޯރުކޮށްދީ، ކާބޯ ތަކެއްޗާއި އަންނައުނުގެ އެހީ ފޯރުކޮށްދެމުންނެވެ.