ރާއްޖެއަށް ވިޔަފާރީގެ ފަހި ފުރުސަތުތައް ހޯދައިދިނުމަށް އިކޮނޮމިކް މިނިސްޓްރީން ޔޫރަޕިއަން ޔޫނިއަންއާއެކު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ. މިއީ ޔޫރަޕިއަން ޔޫނިއަންއާއެކު މިފަދަ ގޮތަކަށް ރާއްޖެއިން ބާއްވާ ފުރަތަމަ ބައްދަލުވުމެވެ.
މި ބައްދަލުވުމުގައި ޔޫރަޕިއަން ޔޫނިއަންއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ޓުންގް ލައި މާރގް އާއި އިކޮނޮމިކް މިނިސްޓަރ ފައްޔާޟް އިސްމާޢިލްއާއި ޕްލޭނިންގް މިނިސްޓަރ މުޙައްމަދު އަސްލަމް ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.
މި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން އިކޮނޮމިކް މިނިސްޓަރ ފައްޔާޟް އިސްމާޢިލް ވިދާޅުވީ މި ބައްދަލުވުމަކީ ރާއްޖެއަށް އިންވެސްޓްމަންޓް ފުރުސަތުތައް ހޯދައިދިނުމަށްޓަކައި ސަރުކާރުން ޕޮލިސީ ލެވެލްގައި ގެނެވޭނެ ބަދަލުތައް ދެނެގަތުމަށް ރަނގަޅު ފުރުސަތަކަށް ވާނެކަމަށެވެ. މި ބައްދަލުވުމުގައި މިނިސްޓަރ ވަނީ ރާއްޖޭގެ ކުރިއެރުމަށް ޔޫރަޕްގެ ޤައުމުތަކުން މުހިއްމު ދައުރެއް އަދާކުރައްވާކަމަށް ވިދާޅުވެފައެވެ.
ވަކީން ޚާއްސަކޮށް ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ޔޫރަޕިއަން ޔޫނިއަންގެ ޙިއްސާ ބޮޑުކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ. އެގޮތުން މިހާރުވެސް ރާއްޖެއަށް އަންނަ ފަތުރުވެރިންގެ %49-%50 އިންސައްތައަކީ ޔޫރަޕްގެ ޤައުމުތަކުންކަމާއި އަދިވެސް ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރާތްކުރާ ސަރަޙައްދަކީ ޔޫރަޕްކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ. މިނިސްޓަރ ފައްޔާޟް ވަނީ އީޔޫއާއި ރާއްޖެއާއި ދޭތެރޭ އޮތް މި ގުޅުން ހަރުދަނާކޮށް ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަކީ ސަރުކާރުގެ އަމާޒެއްކަމަށެވެ.
މީގެ އިތުރުން މިނިސްޓަރ ވަނީ ބޭރު ޤައުމުތަކަށް މަސް އެކްސްޕޯޓްކުރުމުގައި ރާއްޖެއަށް ދަތިތަކެއް ކުރިމަތިވާކަމަށް ފާހަގަކުރައްވާފައެވެ. މިނިސްޓަރ ވިދާޅުވީ ރާއްޖެއިން މައިގަނޑުގޮތެއްގައި މަސް އެކްސްޕޯޓުކުރަނީ ޔޫރަޕިއަން ޔޫނިއަންގެ ޤައުމުތަކަށްކަމަށާއި އުއްމީދަކީ މިބައްދަލުވުންތަކާއެކު ބޭރުގެ ޤައުމުތަކަށް އެކްސްޕޯޓުކުރާ މަހުގެ އަދަދު ކުރިޔަށްއޮތް ތާނގައި އިތުރުވުން ކަމަށެވެ.
މި ބައްދަލުވުން ބާއްވާނެކަމަށް، މިއަހަރުގެ އޮގަސްޓްމަހު އީޔޫގެ ނައިބު ރައީސް ފެޑްރީކާ މޮގެރިނީ ރާއްޖެ ކުރެއްވި ރަސްމީ ދަތުރުފުޅުގައި އެކަމަނާ އިޢުލާނުކުރެއްވިއެވެ. މި ބައްދަލުވުމުގެ ސަބަބަބުން ޔޫރަޕްގެ އިއްތިޙާދާއި ރާއްޖެއާއި ދެމެދުގެ ގުޅުންތައް ބަދަހިވެގެންދާނެކަމަށް ރާއްޖެއިން ޤަބޫލުކުރެއެވެ.