ކުޅިވަރު

ސެމީއިން ޖާގަ ނުލިބުނަސް ރަނގަޅު ފައިޓެއް ދެވުނު - ނަބީހާ


ސެމީގެ ޖާގައެއް ނުލިބުނު ކަމުގައި ވިޔަސް ގްރޫޕް ސްޓޭޖުގައި ރަނގަޅު ވާދައެއް ކުރެވުނު ކަމަށާއި ޚާއްސަކޮށް ކާމިޔާބު ކުރެވުނު ގޭމްތަކުގައި ދެއްކުނު ކުޅުމާއިމެދު ހިތްހަމަޖެހޭކަމަށް ފާތިމަތު ނަބީހާ ޢަބްދުލްރައްޒާގް ބުނެފިއެވެ.

ސައުތް އޭޝިއަން އަންޑާ 21 ރީޖަނަލް ބެޑްމިންޓަން ޗެމްޕިއަންޝިޕުގެ މިކްސް ޓީމް އިވެންޓުގެ ސެމީއިން ޖާގައެއް ނުލިބި ރާއްޖެ ވަނީ ކަޓާފައެވެ. ރާއްޖެ ހިމެނޭ ގުރޫޕުން އެއްވަނަ ޓީމުގެ ގޮތުގައި ސެމީއިން ޖާގަހޯދީ ސްރީލަންކާއެވެ. ދެވަނަ ޓީމުގެ ގޮތުގައި ސެމީއިން ޖާގަ ހޯދީ ނޭޕާލްއެވެ.

ގްރޫޕް ސްޓޭޖުގެ ފަހު ޓައީގައި ނޭޕާލް އާއި ދެކޮޅަށް ވާދަކުރި މެޗައްފަހު ޕީއެސްއެމް ސްޕޯޓްސް އާއި ވާހަކަ ދައްކަމުން ނަބީހާ ޢަބްދުލްރައްޒާގް ބުނީ، މިކްސް ޓިމް އިންޓުގައި އަމާޒަކަށްވީ ސެމީއިން ޖާގަހޯދުން ކަމަށާއި، ނަމަވެސް ގްރޫޕުގައި ލައްވާލި ޓީމް ތަކާއި އަޅާބަލާއިރު، ރާއްޖެއަށް ރަނގަޅު ވާދައެއް ކުރެވުނުކަމަށެވެ. އެގޮތުން ސައުތް އޭޝިއާ ރީޖަންގައި އިންޑިއާ ނަގާފައި ދެން އެންމެ ވަރުގަދަ ދެޤައުމަކީ ނޭޕާލް އާއި ލަންކާ ކަމަށާއި، ނޭޕާލް އަތުންވެސް ދެގޭމް ކާމިޔާބުކުރެވުމުން ހިތްހަމަ ޖެހޭކަމަށް ނަބީހާ ބުންޏެވެ.

ނަބީހާ ބުނީ ބަންގްލަދޭޝް އާއި ދެކޮޅަށް ކުޅުނު ޓައީއަކީ ރާއްޖެއަށް ކާމިޔާބު ކުރެވޭނެ ވަރުގެ ޓައީއެއް ކަމަށާއި، ނަމަވެސް ތަންކޮޅެއް މިސްޓޭކްތައް ގިނަވީކަމަށެވެ.

"ނަބީ ދެކޭގޮތުގަ އަސްލު ރަނގަޅު ފައިޓެއް ދެވިއްޖެ. އެއީ މިރީޖަންގަ އިންޑިއާ ނަގާފަ އެންމެ ވަރިގަދަ ދެގައުމު މިގުރޫޕުގަ މިއޮތީ، އެކަމު ނޭޕާލް އަތުންވެސް ދެގޭމް ގެނެވިއްޖެ، ދެން ބަންގްލަދޭޝް ޓައީ އެއީ އަސްލު ރާއްޖެއަށް ވިން ކުރެވޭނެ ޓައީއެކޭ ބުނެވޭނީ، އެކަމު އެޓައީގަ ތަންކޮޅެއް މިސްޓޭކް ގިނަވީ، ވެދާނެ ސީދާ މިމުބާރާތަށް ޓާގެޓް ކޮށްގެން ފަރިތަކުރުންތަކެއް ކުރެވިފަ ނެތީމަ ކަމަށް" ނަބީހާ ބުންޏެވެ.

މިކްސް ޓީމް އިވެންޓުގެ ގްރޫޕް ސްޓޭޖުގެ ފަހު ޓައީގައި ރާއްޖެ ވާދަކުރީ ނޭޕާލް އާއި ދެކޮޅަށެވެ. މިމެޗުން ރާއްޖެ ބަލިވީ 3-2 ގޭމުންނެވެ. މިޓައީގައި ރައްޖެ މޮޅުވީ އަންހެން ޑަބަލްސް އަދި މިކްސް ޑަބަލްސް ގޭމުންނެވެ. ނޭޕާލް މޮޅުވީ ފިރިހެން ސިންގަލްސް، އަންހެން ސިންގަލްސް އަދި ފިރިހެން ޑަބަލްސްއިންނެވެ.