ޚަބަރު

ހއ.ކެލާއިން ރުއް ނެގުން ހުއްޓުވައިފި


އަމިއްލަ ފަރާތަކުން ހއ.ކެލައިން ޤަވައިދާ ޚިލާފަށް ރުއްގަސް ނަގައިގެން ގެންދަނިކޮށް އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީން އެކަން ހުއްޓުވައިފިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން އެންވަޔރަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޢަލީ ނަސީރު ވިދާޅުވި ކެލައިން ރުއްގަސް ނެގުން ހުއްޓުވައި އެމައްސަލަ މިހާރު ބަލަމުންދަކަމަށެވެ. އީޕީއޭއިން ވިދާޅުވީ ކެލައިން ރުއްނަގާކަމުގެ މަޢުލޫމާތު ލިބިފައިވަނީ މިދިޔަ ހަފްތާތެރޭގައި އެރަށުން އަލަށް ގޯތި ދޫކުރި ސަރަޙައްދުންކަމަށެވެ.

މީގެ އިތުރުން އެ އަތޮޅު ބާރަށުން ރުއްނެގުމުގެ މައްސަލައެއް ފެންމަތިވެފައިވާތީ އެކަމާ ގުޅޭގޮތުން ނަޞީރު ވިދާޅުވީ ބާރަށުން ނަގަމުން ދަނީ ނަރުދަމާ ނިޒާމް ޤާއިމްކުރުމަށްޓަކައި ސާފު ކުރަމުންދާ ބިމުގައި ހުރި ރުއްތަކެއްކަމަށެވެ. އަދި އީއައިއޭ ހެދުމަށް ފަހު އެ ސަރަހައްދުން 600އަށް ވުރެ ގިނަ ރުއްގަސް ނެގުމުގެ ހުއްދަ ދީފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ރުއްގަސް އުފުރުމާއި އެތަކެތި އެއްތަނުން އަނެއްތަނަށް ގެންދިޔުމުގެ ޤަވާއިދު ބަދަލުކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ، އީޕީއޭއިން ވަނީ ވިދާޅުވެފައެވެ. އެހެންނަމަވެސް ޤަވާޢިދަށް ގެންނަ ބަދަލުތަކެއް އެއެޖެންސީން ވިދާޅެއްނުވެއެވެ. ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން އެއެޖންސީގެ އެސިސްޓެންޓް ޑިރެކްޓަރ ޖެނެރަލް ޑރ.އިބްރާހިމް މުޙައްމަދު ވިދާޅުވީ ރުއްގަސް ނެގުމާއި އެއްތަނުން އަނެއްތަނަށް ގެންދިޔުމުގެ މައްސަލަތައް އެންމެ ގިނައިން އަންނަނީ ތަރައްޤީގެ މަޝްރޫއުތަކާއި ރައްޔިތުންގެ ގޯތިން ރުއްގަސް ނެގުމުގެ މައްސަލަތައްކަމަށެވެ.

ފަހަކަށް އައިސް ރާއްޖޭގެ އެކި ސަރަޙައްދުތަކުން ޤަވާޢިދާ ޚިލާފަށް ރުއްގަސް އުފުރުމައި އެއްތަނުން އަނެއްތަނަށް ގެންދާ މައްސަލަތައް ދަނީ ފެންމަތިވަމުންނެވެ. ރާއްޖޭގައި ހަދާ ރިސޯޓުތައް ފެހި ކުރުމަށް ރާއްޖޭގެ ރަށްތަކުން ރުއް ގަސް އަންނަނީ ކަނޑަމުންނެވެ. އަދި ހަމައެއާއެކު ރާއްޖޭގެ ބައެއް ރަށްރަށުން ރުއްގަސް ކަނޑައި ރާއްޖެއިން ބޭރަށް ބައެއް ފަރާތްތަކުން އަންނަނީ އެކްސްޕޯޓުވެސް ކުރަމުންނެވެ.