ޚަބަރު

ނާޒިމް: ދަރިވަރުންގެ ޙައްޤުގައި ޤުރުބާންވި ޕްރިންސިޕަލް


މުދައްރިސުންނާއި ދަރިވަރުންނާ ދެމެދު އޮންނަނީ ބެލެނިވެރިންނާ އޮންނަފަދަ މަތިވެރި ގުޅުމެކެވެ. މަދަރުސާއަކީ ދަރިވަރުންގެ ދެވަނަ ގެއަށްވެފައި އޮންނައިރު ސްކޫލް މާޙައުލުގައި ދަރިވަރުންގެ ކަންކަން ބަލަހައްޓަމުންދަނީ މުދައްރިސުންނެވެ. އެހެންކަމުން މުދައްރިސުންނާއި ދަރިވަރާ ދެމެދު ޤާއިމްވެފައި އޮންނަނީ ވަރަށް ވަރުގަދަ ގުޅުމެކެވެ.

މިއަހަރުގެ މުދައްރިސުންގެ ދުވަސް ފަހަގަކުރަމުންދާއިރު އަޅުގަނޑުމެންގެ ހިތްތަކުން ދުވަހަކުވެސް ފިލައިގެންނުދާނެ އަގުހުރި މަސައްކަތްތައްކެއް ކޮށްދެއްވި އެތައްމުދައްރިސުންނެ އެބަތިއްބެވެ. މިފަދަ ބައެއް މުދައްރިސުން މިއަދު އަޅުގަނޑުމެންނާއެކު ނެތްނަމަވެސް އެބޭފުޅުންގެ ޒިކުރާއަކަށް ނިމުމެއް ނުވެއެވެ.

2011ވަނަ އަހަރުގެ ސެޕްޓެމްބަރުމަހުގެ 9ވަނަ ދުވަހު ހިރިޔާ ސްކޫލްގެ ދަރިވަރުންތަކެއް މާލެއަތޮޅު ހުރައަށް ކުރި ފީލްޑް ޓްރިޕްގައި މޫދަށް ގެނބިގެން މަރުވި ދަރިވަރުން ސަލާމަތް ކުރަން އުޅެނިކޮށް ނިޔާވި އެސްކޫލްގެ ޕްރިންސްޕަލް ޢަލީ ނާޒިމްގެ ހަނދާނަކީ މުދައްރިސުންގެ ދުވަހު ޚާއްސަކޮށް އާވާނެ ހަނދާނެކެވެ. އަމިއްލަ ފުރާނައަށް ބަލާލުމެއްނެތި ދަރިވަރުން ސަލާމަތްކުރުމަށް ނާޒިމް ކުރެއްވި މަސައްކަތަކީ ހިތްވަރުގަދަ މަތިވެރި ޚިދުމަތެކެވެ. އެއީ ހަޤީޤީ ޤުރްބާނީއެކެވެ.

މިދަތުރުގައި ހުރައަށް ދިޔަ ހިރިޔާ ސްކޫލުގެ ދަރިވަރުންގެ ތެރެއިން ހަތަރު ދަރިވަރަކާއި އެސްކޫލުގެ ޕްރިންސިޕަލް ވ.ފެލިދޫ އަލީ ނާޒިމް ނިޔާވިތާ މިވަނީ އަށްއަހަރުވެފައެވެ. 2011ވަނަ އަހަރުގެ ސެޕްޓެމްބަތުމަހުގެ 9ވަނަދުވަހު ހިނގި މިޙާދިސާއަކީ ރާއްޖޭގެ ތަޢުލީމީ ހަޔާތަށާއި މުޅިޤައުމަށްވެސްއައި ވަރަށް ހިތާމެވެރިދުވަހެކެވެ.

ފިޝަރީޒް ސައިންސްގެ ތަޖުރިބާ ދަތުރަކަށް އެ ސްކޫލްގެ 32 ދަރިވަރުން ކ.ހުރާއަށް ގޮސް އުޅުމުގެ ތެރޭގައި، ފަސް މީހެއްގެ ފުރާނަ ގެއްލިގެންދިޔައީ ކުޑަކުޑަ ވަގުތުކޮޅެއްގެ ތެރޭގައެވެ. އެހިތާމަވެރި ހާދިސާ ހިނގި ވަގުތު މޫދަށް އެރި އުޅުނީ އޭގެ ތެރެއިން 7 ކުއްޖެކެވެ. މޫދުގެ ފުން ހިސާބަށް ދެވި ގެނބެން ފެށުމުން ކުދިންގެ ރުއިމުގެ އަޑު އިވުމާއެކު ސްކޫލުގެ އޭރުގެ ޕްރިންސިޕަލް އަލީ ނާޒިމް އެސަރަޙައްދަށް ދިޔައީ އޭނާގެ ލޮބުވެތި ދަރިވަރުން ސަލާމަކޮތް ހިމާޔަތްކޮށްދިނުމަށެވެ. އޭނާގެ އަމިއްލަ ފުރާނައަށްވުރެ އޭނާއަށް މުހިންމުވީ އެދަރިވަރުންގެ ސަލާމަތެވެ.

ނާޒިމްއަށް ސަލާމަތް ކުރެވުނީ ގެނބުނު ކުދިންގެތެރެއިން ތިން ކުދިންނެވެ. އެހެންދަރިވަރުން ސަލާމަތްކުރަން އުޅުމުގެތެރޭގައި ނާޒިމްގެ ފުރާނަދިޔައެވެ. ނޭވާ ހުސްވެ މަރުވަމުންދިޔައިރުވެސް އޭނާ ބެލީ އިތުރު ދަރިވަރަކު ސަލާމަތްކުރެވޭތޯއެވެ. އެހެންނަމަވެސް އެންމެފަހުން މޫދުން ނަގަންޖެހުނީ އެ ލޮބުވެތި ޕްރިންސިޕަލްގެ ފުރާނަނެތް މަސްގަނޑެވެ. އޭނާ ދުނިޔެ ދޫކޮށް ދިޔައީ އޭނާގެ ދަރިވަރުންގެ ޙައްގުގައެވެ. ދަރިވަރުންގެ ޙައްގުގައި ނިމިގެންދިޔައީ މުދައްރިސެއްގެ ހިތްހެޔޮކަމާ ޒިންމާ އަދާކޮށްފައެވެ. ދިރިތިބީން ފެންކަޅިކުރުވާފައެވެ.

ނާޒިމްއަކީ ރާއްޖޭގެ ތަޢުލީމީ ހަޔާތުގައި އަގުހުރި މަސައްކަތްތަކެއް ކުރެއްވި ބޭފުޅެކެވެ. ހިރިޔާ ސްކޫލްގެ އޭރުގެ ޕްރިންސްޕަލް ދައްކުވައިދިނީ ސްކޫލްމާހައުލާ އެފަދައިން ބޭރުގައިވެސް ދަރިވަރުންގެ ޒިންމާ އުފުލި ނަމޫނާ މިސާލެވެ. ދަރިއެއްގެ މައިންބަފައިން އެދަރިފުޅުގެ ފުރާނަ ސަލާމަތް ކުރުމަށް ކުރާނެ މަސައްކަތް މުދައްރިސުންވެސް ކުރާނެކަން ސާބިތުކޮށްދީފައެވެ.