ކުޅިވަރު

ބޮޑު ތިން ކުލަބް އަނަރޫފަވުމަކީ ފުޓްބޯޅަ އަށް އޮތް ބޮޑު ނުރައްކަލެއް: ސުޒޭން


ރާއްޖޭގެ އެންމެ ގިނަ ދުވަސްވީ އަދި އެންމެ ކާމިޔާބު ތިން ކުލަބު ކަމަށްވާ ނިއުރޭޑިއަންޓާއި ވެލެންސިއާ އަދި ވިކްޓަރީގެ މިއަދު އޮތް އަނަރޫފަ ހާލަތަކީ ދިވެހި ފުޓްބޯޅައިގެ ފޯރި ނަގަހައްޓަން އޮތް ވަރަށް ބޮޑު ހުރަހެއް ކަމަށް ތަޖުރިބާކާރު ކޯޗު އަލީ ސުޒޭން ބުނެފި އެވެ.

ޕީއެސްއެމްގެ ދިވެހި ފުޓްބޯޅަ ޕްރޮގްރާމްގައި ވާހަކަ ދައްކަމުން ސުޒޭން ބުނީ އެތިން ކުލަބު ވާދަވެރި ފުޓްބޯޅައާ ދުރުގައި އޮތުމަކީ ފުޓްބޯޅައިގެ ފޯރި ގެއްލޭ މުހިންމު ސަބަބެއް ކަމަށެވެ.

"އެތިން ކުލަބުގެ ފަހަތުގައި މިތިބީ ރާއްޖޭގެ ފުޓްބޯޅައިގެ ދުވަސްވީ ބްރޭންޑް ނަންތައް. ފުޓްބޯޅައިގައި ކާމިޔާބު ހޯދާފައި ތިބި މީހުން މިތިބީ އެތިން ކުލަބާ ގުޅިފައި. މިހެންވީމަ އެތިން ކުލަބުގެ މިއަދުގެ ނިކަނެތި ހާލަތަކީ ފުޓްބޯޅަ ވަޅުޖެހިފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް ކުރާ މަސައްކަތަށް އެލޭ ހުރަހެއް،" ކުރިން ވިކްޓަރީ އާއި ވެލެންސިއާ ކުޅުނު ސުޒޭން ބުންޏެވެ.

އޭނާ ބުނީ ރާއްޖޭގެ ކުލަބުތައް ތިބީ އެކުލަބަކާ ހަވާލުވާ މީހަކު ނުވަތަ ކުލަބަށް ހަރަދުކުރާ މީހަކު ހުރިހާ ކަމެއް ކޮށްނުދީފިނަމަ ހާލުގައި ޖެހޭ ހިސާބުގައި ކަމަށާއި މިއީ ކުލަބުގެ މިހާތަނަށް ހިންގިގޮތުން ދިމާވި މައްސަލައެއް ކަމަށެވެ. ސުޒޭން މިހެން ބުނިއިރު ނިއުރޭޑިއަންޓް އޮތީ މުސާރަ ނުދީގެން ފީފާގެ ސަސްޕެންޝަނެއްގަ އެވެ. ވެލެންސިއާ ދެ ވަނަ ޑިވިޝަނުގަ އެވެ. ވިކްޓަރީ އޮތީ ރެލިގޭޓްވުމާ ގާތުގަ އެވެ. ތަޖުރިބާކާރު ކޯޗު މުހައްމަދު ނިޒާމް ބުނީ އިހުގައި އޮތް ފޯރި ގެނެވޭނީ ސަޕޯޓަރުން ކުލަބުތަކުގެ ފަހަތުގައި ތިބެގެން ކަމަށާއި ރާއްޖޭގެ ބޮޑު ފޭންބޭސްއެއް އޮތް ތިން ކުލަބަކީ ނިއު، ވިކްޓަރީ އަދި ވެލެންސިއާ ކަމަށެވެ.

"އެއިރު އަޅުގަނޑުމެންނަށް އުނދަގޫވޭ 2 ޖަހާއިރު ދަނޑަށް ނުވަދެއްޖެނަމަ ސަޕޯޓަރުންނާހުރެ އެމީހުންގެ ކިޔޫގެ ތެރެއިން ދަނޑަށް ވަންނަން. އެކަމަކު މިއަދު ސަޕޯޓަރުންނެއްނެތް. އެއިރު އޮތް ފޯރި މިއަދުގެ ކުޅުންތެރިންނަށް ކިޔާދިނަސް އެމީހުންނަށް ފެނިފައި ނެތް މަންޒަރެއްވީމަ ގަބޫލުކުރަން ދަތިވޭ. ސަޕޯޓަރުންނާ ނުލައި ފުޓްބޯޅަ ފޯރި ގަދަ ކުރުމަކީ ދަތި ކަމެއް،" ނިއު އާއި ވެލެންސިއާ އަށް ކުޅުނު ނިޒާމްބެ ބުންޏެވެ.