ކުޅިވަރު

އިނގިރޭސި ޓީމުން މަޝްހޫރު ކުޅުންތެރިންތަކެއް އުނިކޮށްފި


ޔޫރޯ ކޮލިފައިންގައި ވާދަކުރާ އިނގިރޭސި ގައުމީ ޓީމުން މަޝްހޫރު ކުޅުންތެރިންތަކެއް އުނިކޮށް ޒުވާން ކުޅުންތެރިންނަށް ފުރުސަތުދީފި އެވެ.

ޓީމުން އުނިކޮށްފައިވަނީ ޓޮޓެންހަމުގެ ޑެލޭ އަލީ އާއި މެންޗެސްޓާ ޔުނައިޓެޑުގެ ޖެސޭ ލިންގާޑާއި އާރޮން ބިކާސާ އާއި ލިވަޕޫލްގެ އެލެކްސް އޮކްލައިޑް ޗެމްބްލައިން އާއި މެންޗެސްޓާ ސިޓީގެ ކޭލް ވޯކާ އެވެ.

މި ކުޅުންތެރިންގެ ބަދަލުގައި ޓީމަށް ނަގާފައިވަނީ ޗެލްސީގެ ޒުވާން ފޯވަޑް ޓަމީ އަބްރާމް އާއި ފިކާޔޯ ޓޯމާރީ އެވެ. އަދި އެވަޓަންގެ ފަބިއަން ޑެލްފް އަލުން ޓީމަށް ނަގާފައިވެ އެވެ.

ކޯޗު ގެރެތް ސައުތް ގޭޓް ބުނީ މިމަހު 11ގައި ޗެކްރިބަޕްލިކާއި ދެކޮޅަށް ކުޅޭ މެޗާއި 14 ވަނަ ދުވަހު ބަލްގޭރިއާ ދެކޮޅަށް ކުޅޭ މެޗަށް ކުޅުންތެރިން ނެގިއިރު އުނދަގޫ ނިންމުންތައް ނިންމަން ޖެހުނު ކަމަށެވެ.

ޓީމަށް އަލަށް ނަގާފައިވާ އަބްރާމް އަކީ 22 އަހަރުގެ ކުޅުންތެރިއެކެވެ. އޭނާ އަށް އިނގިރޭސި ގައުމީ ޓީމުގެ އިތުރުން ނައިޖީރިއާގެ ގައުމީ ޓީމަށް ވެސް ކުޅުމުގެ ފުރުސަތު އެބައޮތެވެ. އަދި ޓޮމޯރީ އަކީ ކެނެޑާގެ 20 އަހަރުން ދަށުގެ ޓީމަށް ކުޅެފައިވާ ކުޅުންތެރިއެކެވެ.

ސައުތް ގޭޓް ބުނީ މި ދެ ކުޅުންތެރިންނަކީ ވެސް މޮޅު ދެ ކުޅުންތެރިން ކަމަށާއި އިނގިރޭސި ވިލާހަށް ކުޅެން ދެ ކުޅުންތެރިން ވެސް ތިބީ ތައްޔާރަށް ކަމަށެވެ.