ވިޔަފާރި

މަންޓާ އެއަރގެ ސީޕްލޭންތައް އަންނަ ހަފްތާގައި ރާއްޖެ ގެންނަނީ


ރާއްޖޭގެ އެއަރލައިނެއްކަމަށްވާ މަންޓާ އެއާއިން ސީޕްލެން ދަތުރުތައް ފެށުމަށް އަންނަ ހަފްތާގައި 2 ސީޕްލޭނެއް ރާއްޖެ ގެނައުމަށް ހަމަޖެހިފައިވާކަމަށް މަންޓާ އެއަރލައިނުން ބުނެފިއެވެ.

މަންޓާ އެއަރ އިން ބުނީ "DHC-6 ޓްވިން އޮޓަރ" މަރުކާގެ 2 ސީޕްލޭނެއް މިމަހުގެ 10 ވަނަ ދުވަހު ރާއްޖެ އަންނާނެކަމަށެވެ. އަދި މިރޭގެ ދަންވަރުގެ ވަގުތެއްގައި މި ސީޕްލޭންތައް ކެނެޑާއިން ފުރައިގެން 7 މަންޒިލެއްގައި ޖެއްސުމަށްފަހު އަންނަ ހަފްތާގެ ބުރާސްފަތި ދުވަހު ރާއްޖެއަށް އަންނާނެކަމަށް މަންޓާއިން ބުނެއެވެ.

މަންޓާ އެއަރއިން ސީޕްލޭން ފްލީޓަށް މުޅި ޖުމްލަ 10 ސީޕްލޭން ގެނައުމަށް ވަނީ ނިންމާފައެވެ. އެގޮތުން އަންނަ ހަފްތާގައި ގެނައުމަށް ހަމަޖެހިފައިވާ ސީޕްލޭންތަކުގެ އިތުރުން "DHC-6 ޓްވިން އޮޓަރ" މަރުކާގެ އިތުރު 3 ސީޕްލޭން މިމަހުގެ ތެރޭގައި ރާއްޖެ ގެންނާނެކަމަށް މަންޓާއިން ބުނެއެވެ. އަދި ބާކީ 5 ސީޕްލޭން މިއަހަރުގެ ތެރޭ ގެންނާނެކަމަށް ވެސް މަންޓާއިން ބުނެއެވެ.

މަންޓާ އެއަރއަކީ ރާއްޖޭގެ އެތެރޭގެ އުދުހުންތަކަށް ޚާއްސަކޮށްގެން ރާއްޖޭގައި އޮޕަރޭޓްކުރާ 3 ވަނަ އެއަރލައިނެވެ. މި އެއަރލައިންގެ ދަތުރުތައް ރަސްމީކޮށް ފަށާފައިވަނީ މިއަހަރުގެ ފެބްރުއަރީ މަހުއެވެ. މި އެއަރލައިންގެ އުދުހުންތައް މި ވަގުތު ބާއްވަމުން ގެންދަނީ ބ. ދަރަވަންދޫއަށާއި ދ. ކުޑަހުވަދޫއަށެވެ.