ކުޅިވަރު

ސުޒޭންގެ ފާޑުކިއުން މިނިސްޓަރ މަހުލޫފަށް


ގަލޮޅު ދަނޑުން ފުޓްބޯޅަ ބޭރުކޮށް ހޯމް އެންޑް އަވޭ އުސޫލުން އަތޮޅުތަކުގައި ފުޓްބޯޅަ ކުޅުމުން މާފޯރިގަދަވާނެ ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފް ވިދާޅުވެފައިވާތީވެ ތަޖުރިބާކާރު ކޯޗު އަލީ ސުޒޭން އެކަމަށް ވަރަށް ބޮޑަށް ފާޑުކިޔައިފި އެވެ.

ޓީވީއެމްގެ ދިވެހި ފުޓްބޯޅަ ޝޯގައި ވާހަކަ ދައްކަމުން ސުޒޭން ބުނީ އަތޮޅުތެރޭގެ ފުޓްބޯޅަ ކުރިއަރާނަމަ އެކަމާ އެންމެ ބޮޑަށް އުފާކުރާނެ މީހަކަށްވާނީ އޭނާ ކަމަށެވެ.

"އަތޮޅުތަކުން އެންމެ ދުރަށް ދިޔަ ޓީމަކީ ތިނަދޫ ޓީމު. އެ ޓީމު ގެންގުޅުނީ އަޅުގަނޑު. އެކަމަކު އަތޮޅުތަކުގައި ހޯމް އެންޑް އަވޭ އުސޫލުން އަދި ވަސީލަތްތައް ހުރި ގޮތުން ފުޓްބޯޅަ ކުޅެވޭކަށްނެތް. މިނިވަން ޗެމްޕިއަންޝިޕުގައި މިދިޔަ އަހަރު ފައިނަލްގައި ތިމަރަފުއްޓާއި ފޯކައިދޫ ކުޅުނު މެޗު ބަލަން ވަރަށް ގިނަ މީހުންވަތް. އޭގެ ފަހުން ވެސް ފޯކައިދޫ މެޗުތަކެއް ކުޅެފި. އެމެޗުތައް ބަލާކަށް ބަޔަލު ނުދޭ. އެހެންވީމާ އެއްވެސް ދިރާސާއެއްނެތި މިކަހަލަ ވާހަލަ ދެއްކުމަކީ ހަމަޖެހޭ ކަމެއްނޫން،" ސުޒޭން ބުންޏެވެ.

ގްރީން ސްޓްރީޓްސްގެ ކޯޗު ބުނީ މިނިސްޓަރު މަހްލޫފަކީ ފުޓްބޯޅައިގެ ހާލަތު އެނގިވަޑައިގެންވާނެ ބޭފުޅެއް ކަމަށާއި ފުޓްބޯޅަ ރަނގަޅުކުރާނަމަ މިހާރަށްވުރެ ޒިންމާދާރުގޮތެއްގައި އެންމެނާއެކު މަސައްކަތް ކުރަންޖެހޭ ކަމަށެވެ.