ކުޅިވަރު

ޒޯން 4 ގެ ޗެމްޕިއަންކަން ދިއްގަރު ހޯދައިފި


މިހާރު ކުރިޔަށްދާ ގޯލްޑެން ފުޓްސަލް ޗެލެންޖްގެ ޒޯން 4 ގެ ޗެމްޕިއަންކަން މ.ދިއްގަރު ހޯދައިފިއެވެ.

ޒޯން 4 ގެ ޗެމްޕިއަންކަން ދިއްގަރު ހޯދީ ޒޯން ބުރުގައި އެޓީމު ކުޅުނު ދެ މެޗުވެސް ކާމިޔާބުކޮށްގެންނެވެ. އެގޮތުން ޒޯން ބުރުގައި ކުޅުނު ފުރަތަމަ މެޗުގައި 0-4 އިން ނާލާފުށީގެ މައްޗަށް ކުރި ހޯދިއިރު ރޭ އދ.އޮމަދޫގެ މައްޗަށް 4-5 އިން ދިއްގަރުވަނީ ކުރި ހޯދާފައެވެ. މި މެޗުގައި ދިއްގަރު ޓީމުން ޖެހި ލަނޑުތައް އެޓީމަށް ކާމިޔާބުކޮށްދިނީ، އާދަމް ހަލީލް، އަލީ މާޖިދު އަދި މުހައްމަދު އަލީއެވެ. އޮމަދޫ ޓީމުން ޖެހި ލަނޑުތައް އެޓީމަށް ކާމިޔާބުކޮށްދިނީ، މޫސާ އަރީފް އަލީ އަޒްމީ އަދި ޢަބްދުﷲ އަޖްރަމްއެވެ.

މުބާރާތުގައި ރޭ ކުޅުނު އެހެން މެޗުތަަކަަށް ބަލާލާއިރު، ޒޯން 2 ގައި ބ.އޭދަފުއްޓާއި ރ.އިނގުރައިދޫ ބައްދަލުކުރި މެޗު ނިިމުނީ 3-3 އިން ދެ ޓީމުވެސް އެއްވަރުވެގެންނެވެ. ފޯރިގަަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި އިނގުރައިދޫ ޓީމުން ޖެހި ލަނޑުތައް އެޓީމަށް ކާމިޔާބުކޮށްދިނީ، އަޙުމަދު އައިހަމް، އަލީ ހާފިޒް އަދި އަލީ ފާތިހުއެވެ. އޭދަފުށިން މި މެޗުގައި ޖެހި ލަނޑުތައް އެޓީމަށް ކާމިޔާބުކޮށްދިނީ، އިޝާން އިބްރާހިމް އަދި އަޙުމަދު އަޝްރަފްއެވެ.

ޒޯން 3 ގައި ރޭ ކުޅުނު މެޗުގައި ބައްދަލުކުރީ ކ.ގުރައިދޫއާއި ޅ.ހިންނަވަރުއެވެ. މި މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ. ޒޯން ބުރުގައި ގުރައިދޫ ކުޅުނު ފުރަތަމަ މެޗުގައި ބޮޑުފުޅަދޫއާއި ވާދަކޮށް 2-5 އިން ވަނީ ބަލިވެފައެވެ. ރޭގެ މެޗުގައި ގުރައިދޫ ޓީމުން ޖެހި ދެ ލަނޑުވެސް އެޓީމަށް ކާމިޔާބުކޮށްދިނީ އަޙުމަދު ޝުއޫންއެވެ. ހިންނަވަރު ޓީމުން ޖެހި ލަނޑުތައް އެޓީމަށް ކާމިޔާބުކޮށްދިނީ އަލީ އަކްރަމްއެވެ.

މުބާރާތުގެ ޒޯން 5 ގައި ރޭ ކުޅުނު މެޗުގައި ބައްދަލުކުރީ ފ.ނިލަންދޫއާއި ތ.ތިމަރަފުއްޓެއެވެ. މި މެޗު 1-8 ގެ ބޮޑު ތަފާތަކުން ކާމިޔާބުކުރީ ތިމަރަފުއްޓެއެވެ. އެޓީމުން މި މެޗުގައި ޖެހި ލަނޑުތައް ކާމިޔާބުކޮށްދިނީ، އިބްރާހިމް އަސްވަދު، އަލީ ޝިފާއު އަދި އިސްމާއިލް މުނީޒުގެ އިތުރުން ޝިފާން އަޙުމަދެއެވެ. ނިލަންދޫ ޓީމުން މި މެޗުގައި ޖެހި ހަމައެކަނި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އަޙުމަދު ވާފިރުއެވެ.

މުބާރާތުގެ ޒޯން 8 ގެ ދެ މެޗެއްވެސް ރޭ ވަނީ ކުޅެފައެވެ. އެގޮތުން ހެންވޭރާއި ވިލިމާލޭ ބައްދަލުކުރި މެޗު 3-3 އިން އެއްވަރުވެގެން ނިމުނުއިރު މާފަންނާއި ހުޅުމާލެ ބައްދަލުކުރި މެޗުވެސް ނިމުނީ 4-4 އިން އެއްވަރުވެގެންނެވެ.

ހެންވޭރާއި ވިލިމާލެ ބައްދަލުކުރި މެޗުގައި ހެންވޭރު ޓީމުން ޖެހި ލަނޑުތައް އެޓީމަށް ކާމިޔާބުކޮށްދިނީ، އިބްރާހިމް އަތީގް ހަސަން އަދި އަޙުމަދު ރިފާތްއެެވެ. ވިލިމާލެ ޓީމުން ޖެހި ލަނޑުތައް އެޓީމަށް ކާމިޔާބުކޮށްދިނީ އިސްމާއިލް ވިފާގް އަދި ޢަބްދުﷲ މުޢާޒްއެވެ.

މުބާރާތުގައި ރޭ މާފަންނާއި ހުޅުމާލެ ބައްދަލުކުރި މެޗުގައި މާފަންނު ޓީމުގެ ލަނޑުތައް އެޓީމަށް ކާމިޔާބުކޮށްދިނީ، މުހައްމަދު ޔަފާއު އަދި މުހައްމަދު ސުޖަން އަޙުމަދުއެވެ. ހުޅުމާލޭ ޓީމުން މި މެޗުގައި ޖެހި ހަތަރު ލަނޑުވެސް އެޓީމަށް ކާމިޔާބުކޮށްދިނީ، ޢަބްދުﷲ ޝާފިއުއެވެ.

މިދިޔަ މަހުގެ 15 އިން މިމަހުގެ 18 ގެ ނިޔަލަށް ހުޅުމާލެގައި ކުރިޔަށްދާ މި މުބާރާތުގައި 66 ރަށަކުން ވަނީ ބައިވެރިވެފައެވެ. މުބާރާތުގެ ޒޯން ބުރުގެ މެޗުތައް ދެން ކުޅޭނީ މާދަމާރެއެވެ.