ޚަބަރު

އިންޑިޔާއިން ރާއްޖެއަށް ފިޔާ ލިބުމުގައި އެއްވެސް ދަތިކަމެއް ނެތް - ފޮރިން މިނިސްޓްރީ


އިންޑިއާއަށް ކުރިމަތިވެފައިވާ މޫސުމީ ވިއްސާރާއިގެ ސަބަބުން އެޤައުމުން ފިޔާ ބޭރުކުރުން ހުއްޓާލި ނަމަވެސް ރާއްޖެއަށް ފިޔާ ލިބުމުގައި އެއްވެސް ދަތިކަމެއް ނެތްކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

މިނިސްޓްރީން މިހެން ވިދާޅުވެފައިވާ އިންޑިއާއަށް ކުރަމުންދާ ބޯ ވިއްސާރައާއި ގުޅިގެން އިންޑިއާގެ ދަނޑުތައް ހަލާކުވެ އެޤައުމުން ފިޔާ އެކްސްޕޯޓުކުރުން ހުއްޓާލާފައިވާ ދަނޑިވަޅެއްގައެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ފޮރިން މިނިސްޓްރީގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރ މިޢުވާން މުހައްމަދު ވިދާޅުވީ އިންޑިއާއިން ރާއްޖެއަށް ތަކެތި އެކްސްޕޯޓުކުރުމަށް ލިބިފައިވާ ޚާއްސަ ކޯޓާއެއްގެ ދަށުން 8 ބާވަތެއް އިމްޕޯޓުކުރުމަށް ކޯޓާ އިތުރުކޮށްފައިވާކަމަށެވެ. އަދި މިބާވާތްތަކުގެ ތެރޭގައި ފިޔާ ހިމެނޭކަމަށާއި ކުރިޔަށް އޮތް 3 އަހަރު ދުވަހަށް މި ބާވަތްތައް ލިބުމުގައި އެއްވެސް ދަތިކަމެއް ކުރިމަތިނުވާނެކަމަށް އޭނާ ވިދާޅުވިއެވެ.

" އިންޑިއާގެ ކުރީގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރ ސުޝްމާ ސްވަރާޖް ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި 1 އޭޕްރީލް އިން ފެށިގެން 3 އަހަރުދުވަހުގެ މުއްދަތަކަށް ދިވެހިންނަށް ބޭނުންވާ ޒަރޫރީ 8 ބާވަތެއްގެ ކޯޓާ ވަނީ އިތުރުކޮށްފަ. މީގެ ތެރޭގައި ފިޔާ ހިމެނޭ." މިޢުވާން ވިދާޅުވިއެވެ.

އިންޑިއާއަށް ކުރަމުން މިދާ މޫސުމީ ވިއްސާރާއިގައި އިންޑިއާގެ ދަނޑުގޮވާންތައް ވަނީ ހަލާކުވެ ބޭނުންނުކުރެވޭ ވަރުވެފައެވެ. މި ދަނޑިވަޅުގައި އިންޑިއާއިން މިފަދަ ބާވަތްތައް އެކްސްޕޯޓުކުރާ ޤައުމުތަކަށް މި ބާވަތްތައް ލިބުމުގައި ދަތިތަކާއި ކުރިމަތިވަމުން އެބަދެއެވެ. އެގޮތުން އިންޑިއާއިން ފިޔާ އެކްސްޕޯޓުކުރުން ހުއްޓާލުމާއެކު ބަންގްލަދޭޝް ފަދަ ޤައުމުތަކުގައި ފިޔާގެ އަގު މިވަނީ އުފުލެން ފަށާފައެވެ.

އިންޑިއާއިން އަހަރެއްގެ މައްޗަށް 19.3 މިލިއަން ޓަނުގެ ފިޔާ އުފައްދައެވެ. މިއީ 500 މިލިއަން ޑޮލަރާއި ގާތްކުރާ ވަރުގެ އަދަދެކެވެ.