އެމްއެންޑީއެފުން ކަނޑައަޅާފައި މިންގަނޑުތަކަށް ނުފެތޭ ތެޔޮ ބައުޒަރުތަކުގެ ހުއްދަ ބާތިލޮކޮށް އަލަށް ބައުޒަރުތައް ރަޖިސްޓްރީކޮށް ނުދިނުމަށް ޕްލޭނިން މިނިސްޓްރީން ނިންމައިފިއެވެ.
މާލޭ ޕެޓްރޯލް ޖެޓީގައި މިދިޔަ ހޯމަ ދުވަހު ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގައި 9 މީހަކު ވަނީ ފިހިފައެވެ. އަދި މި ހާދިސާގައި ލޯންޗަކާއި ހަތަރު ބައުޒަރުވަނީ އަނދާ ހުލިވެފައެވެ.
ޕްލޭނިންގ މިނިސްޓްރީއިން މިއަދު ކުރި އިއުލާނެއްގައި ވަނީ ޓީޖެޓީ ސަރަޙައްދުގައި ބައުޒަރުތައް ޕާކުކޮށް، އުޅަނދުތަކަށް ތެޔޮ ފޯރުކޮށްދިނުމުގެ ޚިދުމަތް ދެމުން ގެންދަނީ އެއްވެސް ވަރަކަށް ރެގިއުލޭޓް ކުރެވިގެން ނޫންކަމަށެވެ. އަދި ހޯމަ ދުވަހު އެ ސަރަޙައްދުގައި ހިނގި އަލިފާނުގެ ހާދިސާ ހިނގާފައިވަނީވެސް ބައުޒަރުތައް ޕާކުކޮށް، ތެޔޮޓޭންކްތަކުގެ ގޮތުގައި ޤަވައިދާ ޚިލާފަށް ބޭނުންކުރަމުން ދަނިކޮށްކަމަށެވެ.
- ތެޔޮ ބައުޒަރުތައް ޕާރކް ކުރުމަށް ކަނޑައެޅިފައިވާ ސަރަހައްދު ނޫން އެހެން ސަރަހައްދެއްގައި ތެޔޮ ބައުޒަރުތައް ޕާކުކޮށްފައި ނުބޭއްވުން.
- އުޅަނދުފަހަރަށް ތެޔޮ އެޅުމަކަށްޓަކައި، ކަނޑައެޅިފައިވާ އުސޫލާއި އެއްގޮތަށް ބަނދަރު ތޮއްޓާއި ކައިރިކޮށް ތެލުގެ ޚިދުމަތްް ދިނުން. އަދި ޚިދުމަތް ދިނުމަށްފަހު، ޕާކު ކުރުމަށް ކަނޑައެޅިފައިވާ ސަރަހައްދަށް އެނބުރިދިއުން.
- އެއްވެސް ހާލަތެއްގައި، ބަނދަރު ތޮށި ކައިރީގައި ތެޔޮ ބައުޒަރު ޕާކު ކޮށްފައި ނުބޭއްވުން.
- ތެޔޮ ބައުޒަރުތައް ބެހެއްޓުމަށް ކަނޑައެޅިފައިވާ ސަރަހައްދުގައި އަލިފާން ނިވާ ނިޒާމް ޤާއިމް ކުރުން.
- ތެޔޮ ބައުޒަރުތައް ބެހެއްޓުމަށް ކަނޑައެޅިފައިވާ ސަރަހައްދުގެ ސަލާމާތީ ކަންތައްތައް މޮނިޓަރ ކުރުން
- އެސަރަހައްދުގައި، ޚިދުމަތް ދިނުމުގެ ކަންތައް ކުރިއަށްދާގޮތް މޮނިޓަރކޮށް ރެގިއުލޭޓް ކުރުމުގެ މަސައްކަތް، މާލޭ ސިޓީ ކައުންސިލާއި ގުޅިގެން މޯލްޑިވްސް ޕޮލިސް ސަވިސަސް އިން ކުރިއަށް ގެންދިއުން.
ޕްލޭނިން މިނިސްޓްރީން ވިދާޅުވީ ތެޔޮ ބައުޒަރުތައް މާލެތެރޭގައި ދުއްވުމާއި، އުޅަނދުތަކަށް ތެޔޮ ފޯރުކޮށްދިނުމުގެ ކަންތައް ކުރިއަށްގެންދިޔުމަކީ ރައްކާތެރިކަމެއް ނޫންކަމަށެވެ. އެހެންކަމުން ދާއިމީ ގޮތެއްގައި، މި ޚިދުމަތް ދިނުމަށް އަމާޒު ކުރެވިފައިވަނީ، ތިލަފުށި ނުވަތަ އަލަށް ތަރައްޤީ ކުރެވޭ ގުޅީފަޅުގައިކަމަށެވެ.
މާލެ-ތިލަފުށި ބްރިޖް ލިންކާއި އެކު ގުޅީފަޅު ތަރައްޤީ ކުރެވެންދެން ވަގުތީ ގޮތުން، ތެޔޮ ބައުޒަރުތައް ޕާކު ކޮށްފައި ބޭއްވޭނެ އިންތިޒާމެއް މާލޭ ދެކުނުން ހިއްކާފައިވާ ސަރަހައްދުން ބައެއްގައި ކަނޑައަޅާފައިވާކަމަށާއި އެސަރަހައްދުގައި ތެޔޮ ބައުޒަރުތައް ޕާކު ކުރުމާއި، އުޅަނދުތަކަށް ތެޔޮ ފޯރުކޮށްދިނުމުގައި އެ މިނިސްޓްރީން ކަނޑައެޅި އުސޫލުތަކަށް އަމަލުކުރަމުން ގެންދިޔުމަށްވެސް ޕްލޭނިން މިނިސްޓްރީން ވިދާޅުވެއެވެ.