ޚަބަރު

ނޮޅިވަރަންފަރުގެ 52 އާއިލާއަކަށް ބަދަލުފައިސާ ދޭން ފަށައިފި


2011ވަނަ އަހަރު ހދ.ނޮޅިވަރަންފަރަށް ބަަލުކުރި މީހުންގެ ތެރެއިން މިހާތަަނަށް ދާއިމީ ބޯހިޔާވަހިކަން ނުލިބި ތިބި ފަރާތްތަކަށް ބަދަލު ފައިސާގެ ގޮތުގައި ފައިސާ ދޫކުރަން ފަށައިފިއެވެ. މި ފައިސާ ދޫކުރަނީ 3 މަރުޙަލާއަށް ބަހާލައިގެންނެވެ.

2011ވަނަ އަަހަރު ހދ. ނޮޅިވަރަންފަރަށް ބަދަލުކޮށްފައިވާ ހދ.ކުނބުރުދޫ، ހދ.ފަރިދޫ، ހދ.މާވައިދޫ ޢާއިލާތަކުގެ ތެރެއިން މިހާތަނަށް ބޯހިޔާވަހިކަން ފޯރުކޮށްނުދީވަނީ 52 އާއިލާއެކެވެ. ނޮޅިވަރަންފަރު ކައުންސިލުން ބުނެފައިވަނީ މި ޢާއިލާތައް މިހާތަަނަށް ދިރިއުޅެމުން އައިސްފައިވަނީ އެމީހުން އަމިއްލައަށް ހޯދާފައިވާ ތަންތަނުގައިކަމަށެވެ. ސަރުކާރުން މިހާރުވަނީ މި ޢާއިލާތަށް އެރަށަށް 2011ވަނަ އަހަރު ބަދަލުކުރި މުއްދަތުން ފެށިގެން، އަންނަ އަހަރާހަމައަށްވާ މުއްދަތަށް ބަދަލު ފައިސާގެ ގޮތުގައި ފައިސާ ދޭން ނިންމާފައެވެ.

ހައުސިންގ މިނިސްޓްރީއިން ބުނެފައިވަނީ މި ފައިސާ ދޫކުރާނީ 3 މަރުޙަލާއަކަށް ބަހާލައިގެންކަމަށެވެ.
އެގޮތުން މިހާރުވަނީ ފުރަތަމަ މަރުޙަލާއަށްވާ ފައިސާ ރަށު ކައުންސިލާއި ހަވާލުކޮށް ބެހުމުގެ މަސައްކަތް ފަށާފައިވާކަަމަށް ހައުސިންގ މިނިސްޓްރީއިންވަނީ ބުނެފައެވެ.

ނޮޅިވަރަންފަރު ކައުންސިލްގެ ނައިބު ރައީސް އަޙްމަދު ވަހީދު ޕީއެސްއެމްއަށް ވިދާޅުވީ ފައިސާ ބަހަނީ މަހަކަށް 3000 ރުފިޔާގެ މަގުންކަމަށެވެ. އަދި ފުރަތަމަ މަރުޙަލާގައި 39 މަހަށްވާ ފައިސާ އެއްކޮށް އާއިލާތަކަށް ދިނުމަށްވަނީ ހަމަޖެހިފައެވެ. އެއީ ޖުމްލަ ސަތޭކަ ސަތާރަ ހާސް ރުފިޔާއެވެ. ބާކީ މަސްތަކުގެ ފައިސާ ދިނުމަށް ނިންމާފައިވަނީ އަންނަ އަހަރު ދެ މަރުޙަލާއަކަށް ބަހާލައިގެންނެވެ.

މި ފައިސާ ދޫކުުރާނީ ރަސްމީ ދުވަސްތަކުގައި ހެނދުނު 09:00 އިން 12:00އަށް ނޮޅިވަރަންފަރު ކައުންސިލްއިންނެވެ. ފައިސާ ދޫކުރަނީ 2 ހެކިންގެ ހާޒިރުގައެވެ. ގޭގެ ވެރިމީހާގެ އައިޑީކާޑާއި، ހެކިންގެ އައިޑީކާޑް ގެނައުމުން ފައިސާ ދޫކުރާނެއެވެ.

ކައުންސިލުން ވިދާޅުވެފައިވަނި ގޭގެ ވެރިފަރާތް ނިޔާވެފައިވާ ގޭގޭގެ ފައިސާއާއި، އެކަކަށްވުރެ ގިނަ މީހުންގެ މައްޗައް ރެޖިސްޓްރީކޮށްފައިވާ ގޭގެ ފައިސާ ހަވާލުކުރާނީ ހައުސިންގ މިނިސްޓްރީގެ ލަފަޔާއިއެކު ކޯޓު މެދުވެރިކޮށްކަމަށެވެ.

ހައުސިންގ މިނިސްޓްރިއިން ގެދަނީ މި 52 އާއިލާއަށް ދާއިމީ ބޯހިޔާވަހިކަން ދިނުމަށް މަސައްކަތް ކުރައްވަމުންނެވެ. އެގޮތުން އެރަށުގައި މިހާރު އަޅަން ފަށާފައިވާ 60 ހައުސިންގ ޔުނިޓްގެ ތެރެއިން 52 ހައުސިންގ ޔުނިޓް ޚާއްސަކޮށްފައިވަނީ މި އާއިލާތަކަށްކަމަށް އެރަށު ކައުންސިލުން ވިދާޅުވެއެވެ. މި މަސައްކަތް އަންނަ އަހަރުގެ މޭ މަހުގެ ނިޔަލަށް ނިންމުމަށް ހައުސިންގ މިނިސްޓްރީއިން މިއަހަރުވަނީ ބަޔަކާއި ހަވާލުކުރައްވާފައެވެ.

ހައުސިންގ މިނިސްޓްރީން ވިދާޅުވެފައިވަނީ މިގޮތަށް ފައިސާ ދޫކުރަންޖެހޭ ހަމައެކަނި ރަށަކީ ނޮޅިވަރަންފަރުކަމަށެވެ. މި ތިން ރަށުން ހިޖުރަކުރި އާއިލާތަކާއިއެކު ނޮޅިވަރަންފަރުގެ އާބާދީ 2000އާއި ގާތްކުރެއެވެ.