ޚަބަރު

އަމާޒަކީ ދަރިވަރުން ބޭނުންތަނެއްގައި ކިޔެވޭނެގޮތް ހެދުން - މާރިޔާ


މިއަދުގެ ސަރުކާރުގެ އަމާޒަކީ ސްކޫލް ދަރިވަރުންނަށް އެ ދަރިވަރަކު ބޭނުންތަނެއްގައި ކިޔެވޭނެގޮތް ހަދައިދިނުން ކަމަށް މިނިސްޓަރ އޮފް ޑިފެންސް މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

ދަރުމަވަންތަ ސްކޫލުގެ އަހަރީ އިނާމުދިނުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަދައްކަވަމުން މިނިސްޓަރ ވިދާޅުވީ ކުދިން ބޭނުންވަނީ މާލޭގައި ނަމަ މާލެއިން އަދި ރަށުންނަމަ ރަށުންވެސް ވަސީލަތްތަކާއިއެކު ކިޔެވޭނެ ގޮތް ހައްދަވާދެއްވުމަކީ އަމާޒެއްކަމަށެވެ. މީގެ އިތުރުން މިނިސްޓަރ ވިދާޅުވީ ކޮންމެ މީހަކީ ކާމިޔާބީއަށް ވާސިލް ވެވޭނެ މީހެއްނޫން ކަމަށެވެ. ކަން މިހެން ހުރި ކަމުގައިވިޔަސް ކޮންމެ ކުއްޖެއްގެވެސް އަމާޒަކީ ވަނަ ހޯދުންކަމަށް ވުން މުހިންމު ކަމަށެވެ.

ދަރުމަވަންތަ ސްކޫލުން ފާއިތުވި އަހަރުގައި ކާޟިޔާބީ ހޯދިދަރިވަރުންނަށް އިނާމު ދިނުމަށް ބޭއްވި ޖަލްސާގައި އެކި މާއްދާތަކުން ވަނަ ވަނަ ހާސިލްކުރި ދަރިވަރުންނާއި ފާހަގަކޮށްލެވޭ ވަނަތައް ހާސިލްކުރި ދަރިވަރުންނަށް ވަނީ އެވޯޑު ދީފައެވެ.

އެގޮތުން ދަރުމަވަންތަ ސްކޫލުގެ 2018ވަނަ އަހަރު ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް ހޮވިފައިވަނީ އެ ސްކޫލްގެ ވައިސްކެޕްޓަން ކަމުގެ މަގާމުގައިވެސް އޭރު ހުރި ދަރިވަރެއް ކަމުގައިވާ ޔޫސުފް އަލްހާން ރަމީޒްއެވެ. ހުރިހާގޮތަކުން ފާހަގަކޮށްލެވޭ އެންމެ މޮޅު ދަރިވަރުގެ ޝަރަފް އަލްހާން ހޯދިއިރު އަލްހާނަކީ އަދަބީ ތައުލީމީ އަދި ކުޅިވަރު ހަރަކާތްތަކުގައިވެސް ބައިވެރިވާ މޮޅު ހީވާގި ދަރިވަރެކެވެ. އަދި އަލްހާން ވަނީ ފާއިތުވި ތިން އަހަރުވެސް އެސްކޫލުން ގްރޭޑުން އެންމެ މޮޅު ދަރިވަރުގެ ވަނަ ހާސިލްކޮށްފައެވެ.

ދަރުމަވަންތަ ސްކޫލުގައި ބޭއްވި ހަފްލާގައި މިނިސްޓަރ އޮފް އެޑިއުކޭޝަން އައިޝަތު އަލީއާއި މިނިސްޓަރ މާރިޔާވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.