ވިޔަފާރި

ބިޒްނަސް އެކްސްޕޯއަށް 2000 އަށްވުރެ ގިނަ މީހުން ޒިޔާރަތްކުރި


އޯރކާ މީޑިއާ ގުރޫޕުން އިންތިޒާމްކޮށްގެން ބޭއްވި ފުރަތަމަ މޯލްޑިވްސް ބިޒްނަސް އެކްސްޕޯއަށް ދެހާހަށްވުރެ ގިނަ މީހުން ޒިޔާރަތްކޮށްފައިވާކަމަށް އެ ކުންފުނިން ބުނެފިއެވެ.

މި އެކްސްޕޯއަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ޚާއްސަކޮށްގެން، މިވިޔަފާރިތައް ކުރިއެރުވުމުގެ ބޭނުމުގައި ބޭއްވި އެކްސްޕޯއެކެވެ. އަދި ގުޅުން ބަދަހިކުރަންޖެހޭ ފަރާތްތަކާއި ގުޅުން ބަދަހިކޮށް، އެ ވިޔަފާރިތަކުން ފޯރުކޮށްދޭ ޚިދުމަތްތަކާއި އުފެއްދުންތައް އާންމުންނަށް ދައްކާލުމުގެ ފުރުޞަތު ހޯދައިދިނުމަށް ބޭއްވި ހަރަކާތެކެވެ.

ސެޕްޓެމްބަރ މަހުގެ 29 އިން 30 އަށް ކުރިއަށްގެންދިޔަ މި އެކްސްޕޯގެ ތެރެއިން 4 ސަމިޓެއް ވަނީ ބާއްވާފައެވެ. އެއީ މޯލްޑިވްސް ޔަންގް އެންޓަރޕްރެނުއަރސް ސަމިޓް، މޯލްޑިވްސް ވުމަން އެންޓަރޕްރެނުއަރސް ސަމިޓް، މޯލްޑިވްސް ޓެކް ސަމިޓް އަދި މޯލްޑިވްސް ފައިނޭންސް ޕްރޮފެޝަނަލްސް ސަމިޓެވެ.

އޯރކާ މީޑިއާ ގުރޫޕުން ބުނީ މި ސަމިޓްތަކަށްވެސް ބޮޑު ތަރުހީބެއް ލިބިގެންދިޔަކަމަށެވެ. މި ސަމިޓްތަކުގައި ޒުވާނުންގެ ޙިއްސާވަނީ ފެނިގެންގޮސްފައެވެ. ރާއްޖޭގެ ހުރިހާ ދާއިރާއެއްގައި މަސައްކަތް ކުރާ ވިޔަފާރިތައް ހިމެނޭގޮތުން މިއަހަރުގެ އެކްސްޕޯގައި ޖުމްލަ 80 ކުންފުންޏަކުން ވަނީ ބައިވެރިވެފައެވެ.

އަންނަ އަހަރުވެސް މި އެކްސްޕޯ ބާއްވާނެކަމަށް އޯރކާ މީޑިއާއިން ބުނެއެވެ. އަދި އަންނަ އަހަރުގެ އެކްސްޕޯ ބާއްވާއިރު ގޯލްޑް ހަންޑްރެޑް އާއި އެއްކޮށްލައިގެން ބޭއްވުމުގެ ވިސްނުމެއް ގެންގުޅޭކަމަށް އެ ކުންފުނިން ބުނެއެވެ. މިއަހަރުގެ އެކްސްޕޯގައިވެސް ގިނައިން ބައިވެރިވެފައިވަނީ ގޯލްޑް ހަންޑްރެޑް އަށް ހޮވުނު ކުންފުނިތަކެވެ.