ގދ. މާވާރުލުގައި ތަރައްގީ ކުރާ ޑޮމެސްޓިކް އެއާޕޯޓްގެ ޚިދުމަތް ދިނުމަށް ބޭނުންވާ މެޝިނަރީ ތައް ހޯދުމުގެ މަސައްކަތް ފަށައިފި
އެ ކުންފުނިން ކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވަނީ އެއާޕޯޓުގެ އޮޕަރޭޝަން ފެއްޓުމަށް ބޭނުންވާ މުހިއްމު މެޝިނަރީއާއި ހޯދަން ބޭނުންވާ ކަމަށެވެ. މިތަކެތީގެ ތެރޭގައި ވައިގެ މިސްރާބު ދެނެގަންނަ ޑިވައިސްއާއި ލޯން މޯވަރާއި ބެންޗް ގޮނޑިއާއި ޓްރޯލީ އަދި ބެގޭޖް ކާޓައި ބެގޭޖް ޓްރެކަރު ފަދަ ތަކެތި ހިމެނެއެވެ. މީގެ އިތުރުން އަލިފާން ނިއްވުމަށް ބޭނުންވާ ސާމާނުވެސް ހޯދަން ވެސް އެކުންފުނިން ވަނީ އިއުލާންކޮށްފައެވެ.
ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން ރީޖަނަލް އެއާޕޯޓްސްސް އިން ސާމީ އަޤީލް ވިދާޅުވީ މާވާރުލު އެއާޕޯޓުގެ ރަންވޭގެ މަސައްކަތް ނިމިފައިވާ ކަމަށާއި މިހާރު ކުރިއަށް ދަނީ އޮފީސް އިމާރާތްތައް އަޅައި ނިންމުމުގެ މަސައްކަތް ކަމަށެވެ. އަދި ތާވަލާ އެއްގޮތަށް މިއަހަރުގެ ޑިސެމްބަރު މަހަށް އެއާޕޯޓުގެ ޚިދުމަތް ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ހުވަދު އަތޮޅު ދެކުނުބުރީ މާވާރުލުގައި ތަރައްޤީ ކުރާ އެއަރޕޯޓަކީ 1200 މީޓަރުގެ ދިގު ރަންވޭ އަކާއި އެކު ތަރައްޤީ ކުރާ އެއަރޕޯޓެކެވެ.
މާވާރުލުގައި ޑޮމެސްޓިކް އެއާޕޯޓެއް ތަރައްގީކޮށް ހިންގުމަށް 2011 ވަނަ އަހަރު ޙަވާލުކުރީ މޫވިން އިންޓަނޭޝަންލްއާ އެވެ. ނަމަވެސް އެކަށީގެންވާ ގޮތަށް މަސައްކަތް ކުރިއަށް ނުދިއުމުން އެގްރީމެންޓް ބާޠިލްކޮށް އެތަން އަނބުރާ ސަރުކާރަށް ވަނީ ނަގާފައެވެ. އެއަށްފަހު މިދިޔަ އަހަރުގެ މާޗް މަސް ތެރޭ އެ އެއާޕޯޓު ނިންމުމަށް އެމްޓީސީސީއާ ހަވާލުކުރިއެވެ.
ސަރުކާރުގެ ބަޖެޓުގައި ހިމަނައިގެން ކުރިއަށް ގެންދާ އެ އެއާޕޯޓުގެ މަސައްކަތް އެމްޓީސީސީއާ ޙަވާލުކުރީ 160 ދުވަސް ތެރޭ ނިންމާ ގޮތަށް 57 މިލިއަން ރުފިޔާއަށެވެ. އެ މަޝްރޫއު ނިންމުމަށް މިއަހަރުގެ ބަޖެޓުގައި 3.5 މިލިއަން ރުފިޔާ ހިމަނާފައި ވެއެވެ.