ޚަބަރު

މަޖިލިސް ފެށުމާއިއެކު އިންފޮމޭޝަން ކަމިޝަނަރުގެ މަޤާމަށް މީހަކު އައްޔަންކުރާނެ - ރޮޒައިނާ


ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ފެށުމާއިއެކު އިންފޮމޭޝަން ކަމިޝަނަރުގެ މަޤާމަށް މީހަކު ޢައްޔަންކުރާނެކަމަށް މިނިވަން މުއައްއަސާތަކުގެ ކޮމިޓީގެ މުޤައްރިރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމަށް ބޭފުޅަކު ކަނޑައެޅުމުގެ މަސައްކަތް ކޮށްފައިވާގޮތާ ގުޅޭގޮތުން ވާހަކަދައްކަވަމުން ރޮޒޭނާ ވިދާޅުވީ މަޖިލިސް ޗުއްޓީއަށް ދިއުމުގެކުރިން ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ނަންފުޅުތައް ދިރާސާކޮށް ޢާންމުންގެ ޚިޔާލުވެސް ހޯދާފައިވާކަމަށެވެ. އަދި މަޖިލިސް ޗުއްޓީއަށްފަހު ހުޅުވުމާއެކު ކޮމިޓީ މަރުހަލާގައި ކުރަންޖެހޭ މަސައްކަތް ނިންމުމަށްފަހު އެކަން މަޖިލީހުގެ ތަޅުމަށް ފޮނުއްވާނޭކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި އެމަޤާމަށް ކުރިމަތިލައްވާފައިވަނީ 9 ބޭފުޅެކެވެ. އެބޭފުޅުންގެ ނަންފުޅުތައް މަޖިލީހަށް ފޮނުއްވި އިރު ރައީސުލްޖުމްހޫރިއްޔާ އިސްކަން ދެއްވި ތަރުތީބުން އެންމެ ފުރަތަމަ އޮތް ހަތަރު ބޭފުޅުންނަކީ ހުސެއިން ފިޔާޒު މޫސާ އާއި، އަޙްމަދު ފަޔާޒާއި، އަޙްމަދު އާހިދް ރަޝީދުގެ އިތުރުން ފާތިމަތު ސައުޝަނެވެ.
ޤާނޫނުގައި އޮންނަ ގޮތުން، އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމް ހުސްވާތާ ލަސްވެގެން 60 ދުވަހުގެ ތެރޭގައި އެ މަގާމަށް މީހަކު އައްޔަން ކުރަންޖެހެއެވެ.

އެ މަގާމުގައި އެންމެ ފަހުން ހުންނެވީ ޢަބްދުލްއަޒީޒް ޖަމާލް އަބޫބަކުރެވެ. އޭނާގެ މަގާމުގެ މުއްދަތު މިދިޔަ ޖުލައި މަހުގެ 22ވަނަ ދުވަހަށް ވަނީ ހަމަވެފައެވެ. އިންފޮމޭޝަން ކޮމިޝަނަރަކީ މީގެ ފަސް އަހަރު ކުރިން ފާސްކުރި، މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން ރައްޔިތުންގެ މަޖިލީހުން އައްޔަންކުރާ މަޤާމެކެވެ. އިންފޮމޭޝަން ކޮމިޝަރުގެ އޮފީހަކީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އުފެއްދި އޮފީހެކެވެ.