ޚަބަރު

ލޯންޗުގައި ހިފީ ތެޔޮބައުޒަރުގައި ރޯވި އަލިފާން ގަނޑު - ލޯންޗުގެ ވެރިފަރާތް


ޓީޖެޓީ ސަރަހައްދުގައި ހިނގި އަލިފާނުގެ ހާދިސާގައި އެންމެ ފުރަތަމަ ރޯވެފައިވަނީ އއ.އަތޮޅުގެ ރަށްތަކަށް ދަތުރުކުރަމުންދާ ފެރީ ލޯންޗެއްގައިކަން ޕީއެސްއެމްނިއުސްއަށް އެނގިއްޖެއެވެ.

މިހާދިސާގައި އަލިފާން ރޯވެ އަނދައިހުލިވެފައިވަނީ "ނެވި 3" ނަމަކަށް ކިޔާ ލޯންޗެއްގައި. މިލޯންޗަކީ 60 މީހުންގެ ޖާގައިގެ އުޅަނދެއް. އެއީ ފެރީ ދަތުރުކުރުމަށް ޚާއްސަކޮށްފައިވާ ލޯންޗެކެވެ. އެހެންނަމަވެސް ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ލޯންޗުގެ ވެރިފަރާތުން ބުނީ، މިހާދިސާ ހިނގާފައިވަނީ އެލޯންޗު ޕެޓްރޯލް އަޅަން އެސަރަހައްދަށް ގޮސް އުޅުނިކޮށް އެސަރަހައްދުގައި އޮތް ތެޔޮބައުޒަރުގައި ރޯވި އަލިފާންގަނޑު ބޮޑުވެ ލޯންޗުގައި ހިފުމުންކަމަށެވެ.

މިހާދިސާގައި "ނެވި 3" އަދާ ހުލިވެފައިވާއިރު ލޯންޗުގައި އެވަގުތު ތިބި 3 ފަޅުވެރިންނާއި، ކެޕްޓަނަށްވެސް ވަރަށްބޮޑަށް ފިހި އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާދެމުންދާކަމަށް ލޯންޗުގެ ވެރިފަރާތުން މައުލޫމާތުދެއެވެ. މިލޯންޗަކީ ވަރަށްފަހުން އއ.އަތޮޅުގެ ރަށްތަކަށް ދަތުރުކުރަން ފެށި ލޯންޗެކެވެ. ނެވީގެ އިތުރު ލޯންޗުތަކެއްވެސް އެސަރަހައްދަށް ފެރީ ދަތުރުކުރަމުންދާކަން ފާހަގަކޮށްލެވޭ. "ނެވި 3 " ފެރީގެ ޙިދުމަތަކީ ކޮންމެ ދުވަހަކުވެސް އއ.އަތޮޅުގެ ރަށްތަކުގެ މީހުންނަށް ދެމުންދާ ޚިދުމަތެކެވެ.

ކޮންމެ ދުވަހެއްގެވެސް ހެނދުނާއި ހަވީރުގެ ދަތުރުތައް މާލެއިން ނަޓާލުމުގެ ކުރިން ލޯންޗަށް ޓީ-ޖެޓީ ސަރަހައްދުން ޕެޓްރޯލް އަޅާކަންވެސް ފާހަގަކޮށްލެވެއެވެ. ލޯންޗުގެ ވެރިފަރާތުން ބުނީ މި ލޯންޗަކީ 4 މިލިޔަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން ބަނދެފައިވާ އުޅަދެއްކަމަށާއި، ލޯންޗުވަނީ އިންސުއަރެންސްވެސް ކޮށްފައިކަމަށް ވެރިފަރާތުން ބުނެފައިވެއެވެ.