ޚަބަރު

އައްޑޫ ސިޓީގެ ފަސްރަށެއްގައި ފެންބޮޑުވުން ހައްލުކުރުމަށް އީއައިއޭ ހެދުމަށް ކުންފުންޏަކާއި ހަވާލުކޮށްފި


އައްޑޫސިޓީގެ ފަސް ރަށެއްގެ ފެންބޮޑުވުމުގެ މައްސަލަ ޙައްލުކުރުމަށް މިނިސްޓްރީން ކުރިއަށްގެންދާ މަޝްރޫއުތަކުގެ އެންވަޔަރަމަންޓް އިންޕެކްޓް އެސެސްމަންޓް ރިޕޯޓް ހެދުމާއި މަސައްކަތް ޑިޒައިން ކުރުމުގެ މަސައްކަތް ކުންފުންޏަކާ ހަވާލުކޮށްފިއެވެ.

މިކަމަށްޓަކައި މިނިސްޓްރީ އޮފް އެންވަޔަރަމަންޓްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް އެންވަޔަރަމަންޓް ޑރ.ހުސައިން ރަޝީދު ހަސަން ވިދާޅުވީ ފެންބޮޑުވުމުގެ މައްސަލައަކީ އައްޑޫ ނޫނަސް މިހާރު ޢާންމުކޮށް ދިމާވަމުންއަންނަ ބޮޑު މައްސަލައެއް ކަމަށެވެ. އެހެންކަމުން ކުރިއަށްއޮތްތަނުގައި ހުރިހާރަށެއްގެ މިމައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ މިމަސައްކަތް ކުރާއިރު ކުރާނީ ދެވަނަ ފަހަރަށް ކުރަން ނުޖެހޭނެފަދަ ގޮތަކަށް ފުރިހަމަކޮށް ކަމަށެވެ.

މިއަދު ހަވާލުކުރެވިގެންދިޔަ މިމަސައްކަތުގެ ދަށުން އެ ރަށްތަކުގެ މިހާރުގެ ހާލަތާ ފައިނަލް ޑިޒައިން ހޯދާ އެސެސްމަންޓްތައް ހެދޭނެއެވެ. އެއާއެކު ފެން ހިންދުމަށް ޢަމަލީ މަސައްކަތް ފެށިގެންދާނެއެވެ.
އިޕޮކް އެސޯސިއޭޓްސްއާ ޙަވާލުކުރި މިމަސައްކަތައް ދީފައިވަނީ 4 މަސްދުވަހުގެ މުއްދަތެކެވެ. އެސެސްމަންޓްތައް ހެދުމަށް ޙަވާލުކޮށްފައިވަނީ އައްޑޫ ސިޓީ ހިތަދޫ، މަރަދޫ، މަރަދޫފޭދޫ، ހުޅުދޫ އަދި މީދޫއެވެ. އައްޑޫގައި ފެންބޮޑުވެ ބޮޑެތި ގެއްލުންތައް ލިބުންވަނީ އާންމުވެފައެވެ. އެގޮތުން ދާދީ ފަހުންވެސް އައްޑޫގެ ރަށްތަކަށް ވިއްސާރައިގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ވެފައިވެއެވެ.