ޚަބަރު

ކެންސަރުގެ ފަަރުވާއަށް ޚާއްސަ، 100 އެނދުގެ ހޮސްޕިޓަލެއް ހުޅުމާލޭގައި ހަދަނީ


އިންޑިއާގެ ލައިން އޮފް ކްރެޑިޓްގެ ދަށުން، ކެންސަރު ބަލީގެ ފަރުވާއަށް ޚާއްސަ 100 އެނދުގެ ހޮސްޕިޓަލެއް ހުޅުމާލޭގައި ބިނާކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރު ހާމަކުރައްވާފިއެވެ.

ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ވާހަކަފުޅުދައްކަވަމުން، އިންޑިއާ ސަފީރު ސަންޖޭ ސުދީރު ވަނީ އިންޑިއާއަކީ ދިވެހިރާއްޖެއަށް އަބަދުވެސް ހެޔޮއެދޭ ރާއްޖޭގެ ތަރައްޤީގެ އެކުވެރިޔާގެ ގޮތުގައި ސިފަކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވެރިކަމާއި ހަވާލުވެވަޑައިގެން އިންޑިއާއާއި ރާއްޖެ ގުޅިގެން ގިނަ މަޝްރޫޢުތަކެއް ހިންގުމަށް ނިންމާފައިވާކަން ފާހަގަކުރައްވައި ސަފީރު ވަނީ، ސިއްޙީ ދާއިރާއިން ގިނަ މަޝްރޫޢުތަކެއް ރާއްޖޭގައި ހިންގުމަށް ނިންމާފައިވާކަން ހާމަކުރައްވާފައެވެ.

އެގޮތުން ކެންސަރު ބަލީގެ ފަރުވާއަށް ޚާއްސަ 100 އެނދުގެ ހޮސްޕިޓަލެއް ހުޅުމާލޭގައި ޤާއިމުކުރުމުގެ މަސައްކަތް ކުރަމުންދާކަން އިންޑިއާގެ ސަފީރު ހާމަކުރެއްވިއެވެ. އިންޑިއާގެ ލައިން އޮފް ކްރެޑިޓްގެ ދަށުން، ތަރައްޤީކުރާ ސްޓޭޓް އޮފް ދި އާޓް ކެންސަރު ހޮސްޕިޓަލުގެ ސަބަބުން، ކެންސަރު ބަލީގެ ފަރުވާއަށް ދިވެހިން ކުރާ ހޭދަ ބޮޑު އިންސައްތައަކުން ދަށަށްދާނެކަން ސަފީރު ފާހަގަކުރެއްވިއެވެ.

"އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ ރާއްޖެއަށް މިއަހަރު ކުރެއްވި ދަތުރުފުޅުގެ ތެރެއިން ސޮއިކުރި އެއްބަސްވުމުގެ ދަށުން ސިއްޙީ ދާއިރާއިން ގިނަ މަސައްކަތްތަކެއް ކުރުމަށް ވަނީ ނިންމާފައި. އެގޮތުން ރާއްޖޭގެ ހެލްތް މިނިސްޓަރ އަބްދުﷲ އަމީން އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައިވެސް މުހިންމު އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައި. އަޅުގަނޑުމެން މިހާރު މަސައްކަތް ކުރަމުން މިދަނީ ކެންސަރު ބަލީގެ ފަރުވާއަށް ޙާއްސަ 100 އެނދުގެ ހޮސްޕިޓަލެއް ހުޅުމާލޭގައި ޤާއިމުކުރުމަށް. މި ހޮސްޕިޓަލަކީ، އިންޑިއާގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ކުރިއަށްގެންދާނެ ޕްރޮޖެކްޓެއް." ސަފީރު ސަންޖޭ ސުދީރު ވިދާޅުވިއެވެ.

ދިވެހިން ބޭސްފަރުވާއަށް ބޮޑު ޚަރަދެއް ކުރާކަން ފާހަގަކުރައްވައި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރުވަނީ، މި މައްސަލަ ހައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރުމަށް ނިންމާފައިވާކަން ހާމަކުރައްވާފައެވެ. އެގޮތުން އިންޑިއާގެ ކުންފުންޏެއް މެދުވެރިކޮށް ބްރޭންޑެޑް ބޭސް ހެޔޮ އަގެއްގައި ގަތުމުގެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާކަން ސަފީރު ވަނީ ހާމަކުރައްވާފައެވެ. މި މަސައްކަތުގެ ދަށުން އެސްޓީއޯއާއި އިންޑިއާގެ "އަމްރިތް" ހޮސްޕިޓަލާދެމެދު ޤާއިމުކުރާ އެއްބަސްވުމުގެދަށުން ބްރޭންޑެޑް ބޭސް ހެޔޮ އަގެއްގައި ގަތުމުގެ އިންތިޒާމު ހަމަޖެހިގެންދާނެކަން ސަފީރު ފާހަގަކުރެއްވިއެވެ.

"އިންޑިއާއަކީ ދުނިޔޭގައިވެސް ބޭސް ހެދުމަށް މަޝްހޫރު ޤައުމެއް. ދިވެހިން ބޭސްފަރުވާއަށް ބޮޑު ޚަރަދެއް ކުރޭ. އިންޑިއާގެ ކުންފުންޏެއް މެދުވެރިކޮށް ބްރޭންޑެޑް ބޭސް ހެޔޮ އަގެއްގައި ގަތުމުގެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތްކުރަމުން މިދަނީ." ސަފީރު ސަންޖޭ ސުދީރު ވިދާޅުވިއެވެ.

ކެންސަރު ބަލީގެ ފަރުވާއަށް ޚާއްސަ 100 އެނދުގެ ހޮސްޕިޓަލެއް ހުޅުމާލޭގައި ޤާއިމުކުރުމުގެ މަސައްކަތް ކުރަމުންދާކަން ހާމަކޮށްފައިވާއިރު، ދެ ޤައުމުގުޅިގެން އިތުރު ގިނަ މަޝްރޫޢުތަކެއް ހިންގުމަށް ވަނީ ނިންމާފައެވެ. އެގޮތުން ރާއްޖެއާއި އިންޑިއާއާދެމެދު ފަށާ ކާރގޯ ފެރީނިޒާމުގެ ޚިދުމަތް ފެށުމުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރަމުންދާއިރު ކުޅިވަރުގެ ދާއިރާ، ޑިފެންސް އަދި ޓެކްނޮލޮޖީގެ ދާއިރާއިން ގިނަ މަސައްކަތްތަކެއް ކުރުމަށް ވަނީ ނިންމާފައެވެ.