ކުޅިވަރު

ބަލި ގަބޫލް ކުރަންޖެހޭކަމަށް ބުނެ ފޯކައިދޫ ކޯޗު ނިޝްތާރުގެ ފާޑުކިޔުން ނިލަންދޫއަށް


ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ރޭ ށ.ފޯކައިދުއާއި ފ.ނިލަންދޫ ބައްދަލުކުރި މެޗުން 1-2 އިން ނިލަންދޫ ބަލިވި މެޗަށް ފަހު ހިނގާދިޔަ ކަންތައްތައް ބަލައިނުގަނެވޭކަމަށާއި، މެޗުން ބަލީވިމަ އެކަން ޤަބޫލްކުރަން ޖެހޭކަމަށް ފޯކައިދޫ ފުޓްބޯޅަ ޓީމުގެ ކޯޗު އަލީ ނިޝްތާރު މުހައްމަދު ބުނެފިއެވެ.

ދިވެހި ލީގުގައި ރޭ ފޯކައިދުއާއި ނިލަންދޫ ބައްދަލުކުރި މެޗަށްފަހު ދެ ޓީމުގެ ކުޅުންތެރިންވަނީ ހަމަނުޖެހުން ހިންގާފައެވެ. މި ހަމަނުޖެހުން ހިނގަން މެދުވެރިވީ މެޗު ނިމުނުތަނާހެން ނިލަންދޫ ޓީމްގެ ކޯޗާއި ދިމާއަށް ފޯކައިދޫ ޓީމްގެ ކުޅުންތެރިޔަކު ބޭއަދަބީ ބަހެއް ބޭނުންކޮށް ވާހަކަދެއްކުމުންނެވެ. ދެ ހާފުގައިވެސް ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މެޗުގެ 93 ވަނަ މިނެޓުގައި ފޯކައިދޫ ޓީމުގެ މުހައްމަދު ޖައިލަމް އާއި ނިލަންދޫ ޓީމުގެ އަހުމަދު ސާޖިދު އަށް ރެފްރީ ވަނީ ރަތް ކާޑުވެސް ދައްކާފައެވެ. މި ދެކުޅުންތެރިންނަށް ރަތް ކާޑު ދެއްކި ހިސާބުން މެޗުވަނީ އިތުރަށް ހޫނުވެފައެވެ.

މިދިޔަ ސީޒަނުގައި ނިލަންދޫން 5-0 އިން ފޯކައިދޫ ބަލިކުރިއިރު މި ސީޒަނުގެ ފުރަތަމަ ބުރުގައިވެސް ނިލަންދޫއިން ވަނީ ފޯކައިދޫ 3-2އިން ބަލިކޮށްފައެވެ. އެހެންކަމުން މި މެޗަށް ފޯކައިދޫ ނިކުތީ ނިލަންދޫ އަތުން ބަދަލުހިފުމުގެ އަޒުމުގައެވެ.

މެޗަށް ފަހު ނޫސްވެރިންނާއި ވާހަކަދައްކަމުން ށ.ފޯކައިދޫ ޓީމުގެ ކޯޗު އަލީ ނިޝްތާރު މުހައްމަދު ބުނީ، މި މެޗުން މި ލިބުނު މޮޅަކީ ހުރިހާ ކުޅުންތެރިންވެސް މެޗުގެ އެންމެ ފަހު ވަގުތާއި ހަމައަށް ކުރި މަސައްކަތުގެ ނަތީޖާކަމަށާއި، ނިލަންދޫވެސް މި މެޗުގައި ވަރަށް މޮޅަށް ކުޅުނު ކަމަށެވެ.

މެޗަށް ފަހު ހިނގައިދިޔަ ހަމަނުޖެހުންތަކާއި ގުޅޭގޮތުން ވާހަކަ ދައްކަމުން ނިޝްތާރު ބުނީ، މެޗަށް ފަހު ފެނުނު މަންޒަރުތަކަކީ ބަލައިގަނެވޭނެ ކަންތައްތަކެއްނޫންކަމަށާއި، އިދިކޮޅު ޓީމުގައި ހުރީ އޭނާއަށްވުރެއް މާ ސީނިއަރ ކޯޗެއް ކަަމަށެވެ. ނިޝްތާރު ބުނީ ނިލަންދޫ ޓީމުގެ ކޯޗު އަޙުމަދު މުޖުތަބާ (ފެސްކޯ) މެޗަށް ފަހު ފޯކައިދޫ ޓީމުގެ ކުޅުންތެރިންނާއި ދިމާލަށް އެއްޗެހި ކިޔަން ފެށުމުން އެކަން އެގޮތަށް ނުކުރުމަށް ބުނިކަމަށާއި، ކިޔަން ބޭނުންވާ އެއްޗެއް އޭނާއާއި ދިމާލަށް ކިޔާށޭ ބުނިންކަމަށެވެ.

"އާދެ އެދެން އަޅުގަނޑުމެންނަށް ގަބޫލް ކުރެވޭނެ ކަމެއް ނޫންމީ. އަޅުގަނޑަށްވުރެއް މާ ސީނިއަރ ކޯޗެއް އެއީ. އަޅުގަނޑުގެ ޕްލެޔަރަކާއި ދިމާލަށް އައީމަ އަޅުގަނޑު ބުނިން އަޅުގަނޑާއި ދިމާލަށް ކިޔާށެ ކިޔާ އެއްޗެއް ޕްލެޔަރުންނާއި ދިމާލަށް ކިޔާނެ ކަމެއް ނެތޭ". ނިޝްތާރު ބުންޏެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ފ.ނިލަންދޫ ޓީމުގެ ކޯޗު އަހުމަދު މުޖުތަބާ (ފެސްކޯ) ބުނީ، ކުޅުންތެރިން ދަނޑުމަތީގައި އުޅޭއިރު ޑިސިޕްލިން ހިފަހައްޓަން ޖެހޭނެކަމަށާއި، ދަނޑު މަތީގައި ކޮންމެ ގޮތަކަށް ކަންތައް ހިނގައިދިޔަ ނަމަވެސް އެެއްވެސް ކުޅުންތެރިއަކަށް އިދިކޮޅު ޓީމުގެ ކޯޗާއި ދިމާލަށް ހުތުރު ބަހުން ވާހަކަ ދެއްކުމުގެ ފުރުސަތެއް ނޯންނާނެކަމަށެވެ. އަދި ދަނޑަށް ކުޅެން އަރަންވަނީ ޑިސިޕްލިން ހިފެހެއްޓޭ ފެންވަރުގެ ކުޅުންތެރިންކަމަށް ފެސްކޯ ބުންޏެވެ.

"އެ އޮންނަ ޑިސިޕްލިންއެއް ހިފަހައްޓަން ޖެހޭނެ ދޯ. އެއީ އެއްވެސް ކުޅުންތެރިއަކަށް އައިސް އިދިކޮޅު ޓީމުގެ ކޯޗާއި ދިމާލަށް ހުތުރުބަހުން ވާހަކަ ދެއްކުމުގެ ފުރުސަތެއް ނޯންނާނެ. އެއީ އަދި ދަނޑު މަތީގައި ކޮންމެ ގޮތަކަށް ކަންތައް ހިނގައި ދިޔަނަމަވެސް. ޑިސިޕްލިންގެ މީހުން މިތާ ކުޅެން ޖެހޭނީ". ފެސްކޯ ބުންޏެވެ.

ރޭގެ މެޗަށްފަހު ދެޓީމުގެ ކޯޗުންނާއި، ކުޅުންތެރިންގެ ދެމެދުގައި ހިންގި ހަމަނުޖެހުން ހުއްޓުވަން ފުލުހުންނާއި ޓީމުގެ އޮފިޝަލުން ވަނީ ދަނޑައަށް އަރާ އެކަން ހުއްޓުވާފައެވެ.