ވިޔަފާރި

ވިޔަފާރި ޙަބަރު ގެނެސްދޭ "މޯލްޑިވްސް އިކޮނޮމިކް ރިވިއު" ލޯންޗްކޮށްފި


ވިޔަފާރިއާއި އިޤްތިޟާދީ ދާއިރާގެ ޙަބަރު ގެނެސްދޭ "މޯލްޑިވްސް އިކޮނޮމިކް ރިވިއު" ލޯންޗްކޮށްފިއެވެ.

މި މަޖައްލާ ލޯންޗްކޮށްދެއްވީ މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައި މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. މުޙައްމަދު ޝަރީފެވެ.

މި މަޖައްލާއާއި ބެހޭގޮތުން ވާހަކަދައްކަވަމުން ކޯ-ފައުންޑަރ އަދި އެޑިޓަރ އިބްރާހިމް އާތިފް ޝަކޫރު ވިދާޅުވީ، މިއީ 20 އަހަރުގެ އުންމީދެއް ހަޤީޤަތަކަށް ވުންކަމަށެވެ. މި މަޖައްލާގެ ބޭނުމަކީ ވިޔަފާރިއާއި އިޤްތިޞާދުގެ ދާއިރާއިން ދިރާސާކުރުވަނިވި ލިއުންތަކެއް ގެނެސްދިނުންކަމަށެވެ.

މޯލްޑިވްސް އިކޮނޮމިކް ރިވިއު ވެބްސައިޓްގައި މިއަހަރުގެ ފެބްރުއަރީ މަހުން ފެށިގެން ވިޔަފާރިއާއި އިޤްތިޞާދާ ގުޅުންހުރި އެކި ލިޔުންތައް ޝާއިޢުކޮށްފައިވާނެކަން އާތިފް ޝަކޫރު ފާހަގަކުރެއްވިއެވެ. ނަމަވެސް ވެބްސައިޓްގެ އިތުރުން މި މަޖައްލާ އަހަރަކު 4 ފަހަރު ނެރުމަށް ހަމަޖެހިފައިވާކަަމަށްވެސް އާތިފް ވިދާޅުވިއެވެ.

"އަޅުގަނޑުމެން ވެބްސައިޓްގައި ފުދޭވަރަކަށް އާޓިކަލް ވިޔަފާރީގެ ރޮނގުން، ގެސްޓްހައުސް އިންޑަސްޓްރީ ހަރުދަނާކުރުމުގެ ގޮތުން، އެކްސްޗޭންޖް ރޭޓް ހަރުދަނާ ކުރުމުގެ ގޮތުން ފަބްލިޝް ކުރެވިއްޖެ. ޤަވާއިދުން ވެބްސައިޓްގައި ޕަބްލިޝް ކުރުމުގެ އިތުރަށް އަހަރަކު 4 ފަހަރަށް ޕަބްލިޝް ޖާނަލްއެއް ނެރުން އެއީ އަޅުގަނޑުމެންގެ މަޤްސަދަކީ." އާތިފް ޝަކޫރު ވިދާޅުވިއެވެ.

އެމްއީއާރު ޑޮޓް އެމްވީއަށް ޒިޔާރަތްކޮށްގެން މޯލްޑިވްސް އިކޮނޮމިކް ރިވިއުގެ ފުރަތަމަ އަދަދު މިހާރު ޑައުންލޯޑް ކުރެވޭނެއެވެ. މި މަޖައްލާ ނެރުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވަނީ އިބްރާހިމް އާތިފް ޝަކޫރުގެ އިތުރުން އެމްއެމްއޭގެ ކުރީގެ ގަވަރުނަރު ފަޒީލް ނަޖީބެވެ.

މޯލްޑިވްސް އިކޮނޮމިކް ރިވިއުގެ ފުރަތަމަ އަދަދުގައި ދިރާސީ 5 ލިޔުމެއް ވަނީ ހިމަނާފައެވެ. ވިޔަފާރިއާއި އިޤްތިޟާދީ ދާއިރާއިން ދިރާސީ ލިޔުންތައް ލިޔަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލެވިފައިވާކަމަށް މޯލްޑިވްސް އިކޮނޮމިކް ރިވިއުއިން ބުނެއެވެ.