ޚަބަރު

ޖަލުތަކުގައި ހުންނަންޖެހޭ އެންމެ ދަށްމިންގަނޑު މިއަހަރު ނިމުމުގެ ކުރިން ކަނޑައެޅޭނެ - އިމްރާން


ޖަލުތަކުގައި ހުންނަންޖެހޭ އެންމެ ދަށް މިންގަނޑު މިއަހަރު ނިމުމުގެ ކުރިން ކަނޑައެޅޭނެ ކަމަށް ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

ޖަލުތަކުގައި ހުރި މައްސަލަތަކަށް ޙައްލުގެނައުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުތައް ހާމަކުރައްވައި ވާހަކަފުޅު ދައްކަވަމުން ހޯމް މިނިސްޓަރ އިމްރާން ވިދާޅުވީ މިއަހަރު ނިމުމުގެ ކުރިން ޖަލުތަކުގައި ހުންނަންޖެހޭ އެންމެދަށް މިންގަނޑު ކަނޑައަޅާނެކަމަށެވެ. މިމިންގަނޑު ކަނޑައެޅުމުން ޖަލުތަކުގެ ޙާލަތަށް ބޮޑެތި ބަދަލުތަކެއް އަންނާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން ޤައިދީންނަށް ދެވޭ ޚިދުމަތާއި އަޅާލަންޖެހޭ މިންވަރާއި ޙައްލުކުރަންހުރި ކަންކަން ސާފުވެގެން ދާނެކަމަށެވެ. މިއާއިއެކު ކަރެކްޝަންގެ އޮފިސަރުންނާއި އިސްވެރިންނަށް ޖަލުތަކުގައި ދިމާވާ މައްސަލަތައް ޙައްލުކުރުމުގައި ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެކަމަށް މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.

ޖަލުބަލަހައްޓާ މުވައްޒަފުންގެ އެންމެބޮޑު އަމާޒަކަށް ވަންޖެހޭނީ ޖަލަށްލެވޭ މީހަކީ މުޖުތަމައު ބަލަގަންނަ މީހެއްގެ ގޮތުގައި ޖަލުން ނުކުންނަ އިރު އެމީހަކު ހެދުންކަމަށާ، އެކަންކުރެވޭނެވަރުގެ ޤާބިލްކަން ޖަލު އޮފިސަރުކާރުން ކިބައިގައި ހުރިކަމުގައި މިނިސްޓަރ ފާހަގަކުރެއްވިއެވެ. ޖަލަށްލެވޭ މީހުންގެ ކިބައިން ކުރިމަތިވާ ކަންކަމާއި، ދިމާވާ ގޮންޖެހުންތަކަށް ޖަލު އޮފިސަރުން ކެތްތެރިކަމާއިއެކު ކުރިމަތިލައި އެކްނަކަމަށް ޙައްލުހޯދުމަކީ ވަރަށް މުހިންމުކަމެއް ކަމަށެވެ. އަދި ސަރުކާރުން އަމާޒު ކަނޑައަޅާފައިވަނީ މިއަހަރުގެ ތެރޭގައި ޖަލުތަކުގެ ކަންކަން ހަރުދަނާ ކުރުމަށް "މަންޑޭލާ ރޫލްސް" ތަޢާރަފް ކުރުމަށް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ޖަލުގެތަކުގެ ޙާލަތު ރަނގަޅު ކުރުމަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުގެ ރިޔާސީ ވައުދެއްކަމަށާ، މިވަޢުދު ތަންފީޒުކުރުމުގެ މަސައްކަތް ހޯމް މިނިސްޓްރީއާއި، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް ގުޅިގެން ހުއްޓުމެއްނެތި މަސައްކަތް ކުރަމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން މިހާތަނަށް ކުރެވުނު އެންމެމުހިންމު މަސައްކަތަކީ ޖަލުތަކުގެ އޮޑިޓް ރިޕޯޓެއް ތައްޔަރު ކުރުންކަމަށާ، މިރިޕޯޓުން ޖަލުތަކުގެ ޙާލަތު ދެނެގަނެވި، ހުރި މައްސަލަތައް ވަރަށް ރަނގަޅަށް ސާފްވެފައިވާކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ޖަލުތަކުގެ އޮޑިޓް ރިޕޯޓް ތަންފީޒުކުރެވި ފިޔަވަޅު އެޅުމުންދަނީ އެންމެ ހަލުވި މިނުގައި ނޫންކަން ޤަބޫލުކުރައްވާކަމަށެވެ. ނަމަވެސް ބައެއްއިސްލާހީ ބަދަލުގެނެވި ކަންކަން ހައްލުކުރުމުގެ މަސައްކަތް ކުރެވެމުންދާކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ. މިކަން ކުރެވިގެންދަނީ ޖަލުބަލަހައްޓަވާ އިސްވެރިންނާއި، މުވައްޒިފުންގެ އެއްބާރުލުން ލިބިގެންކަމުގައިވެސް މިނިސްޓަރ ވިދާޅުވިއެވެ.

ރާއްޖޭގެ ޖަލުތަކުގެ ޙާލަތު ރަގަޅުކުރުމަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ރިޔާސީ ވަޢުދެކެވެ. ސަރުކާރުން ވަނީ ޖަލުތަކުގެ މިހާރުގެ ޙާލަތު އިތުރަށް ރަނގަޅުކޮށް އިތުރު ސަރަޙައްދުތަކުގައިވެސް ޖަލުހެދުމަށް ނިންމާފައެވެ. އަދި ޖަލަށްލެވޭ މީހުން މުޖުތަމައަށް ނެރުމަށްޓަކައި ދޭންޖެހޭ ފަރުވާއާއި، ރިހިބިލިޓޭޝަންގެ ފަރުވާ އަވަސްގޮތެއްގައި ދެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.