ސިޔާސީ

ކުދި ޖަޒީރާ ޤައުމުތަކުގައި އިންވެސްޓްކުރަން މާލީ އިދާރާތަކުން އަދިވެސް ޖެހިލުންވޭ - ރައީސް ޞާލިޙު


ކުދި ޖަޒީރާ ޤައުމުތަކުގައި އިންވެސްޓްކުރުމަށް މާލީ އިދާރާތަކުން އަދިވެސް ފަސްޖެހޭކަމަށާ، މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގައި މާލީ ފައިދާއަށް ވިސްނުމުގެ ބަދަލުގައި އަނބުރާ އަދާކުރުމުގެ ޤާބިލުކަން ހުރި މިންވަރަށް އިސްކަންދިނުމަށް މާލީ އިދާރާތަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ގޮވާލައްވައިފިއެވެ.

އެމަނިކުފާނު މިކަމަށް ގޮވާލެއްވީ، އެމެރިކާގެ ނިއު ޔޯކްގައި ކުރިއަށްދިޔަ "ސިޑްސް އެކްސެލެރޭޓެޑް މޮޑެލިޓީސް އޮފް އެކްޝަން" (ސެމޯއާ ޕާތްވޭ)ގެ ހައި-ލެވެލް ރިވިއު ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން ވާހަކަފުޅުދައްކަވަމުންނެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވީ "ސެމޯއާ ޕާތްވޭ" މުޢާހަދާގެ އަމާޒަކީ ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ ކުރިމަގު އުޖާލާކޮށް، ދެމެހެއްޓެނިވި ގޮތަކަށް ކުރިމަގު ބައްޓަން ކުރުން ކަމުގައެވެ. އަދި ކުދި ޖަޒީރާ ޤައުމުތައް އުފެދިފައިވާ ގޮތުން މި މަސައްކަތުގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ރައީސް ވިދާޅުވީ، ސެމޯއާ ޕާތްވޭގައި ހިމެނޭ ކަންކަން ޤައުމުތަކުން ޙާޞިލް ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް އިތުރަށް ހަލުވިކޮށް ހަރުދަނާ ކުރެވޭނެ ގޮތްތަކެއް އެކަށައެޅުން މުހިއްމުކަމަށެވެ. އަދި ސެމޯއާ ޕާތްވޭގައި ހިމެނޭ ކަންތައްތައް ޙާޞިލުކުރެވޭނެކަމުގެ އުންމީދު އޮތްނަމަވެސް، މިކަމުގައި ކުރަންޖެހޭ މަސައްކަތްތަކުގެ ދުވެލި ހަލުވި ކުރަންޖެހޭ ކަމުގައި އެކަމަނިކުފާނު ވިދާޅުވިއެވެ.

ދެމެހެއްޓެނިވި ތަރައްޤީ ކަށަވަރު ކުރަން ސިޑްސްގެ ޤައުމުތަކަށް އޮތް ހުރަސްތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ސިޑްސްގެ ޤައުމުތަކަކީ ވަރަށް ގިނަ ގޮތްގޮތުން އެހެނިހެން ޤައުމުތަކާ ތަފާތު ޤައުމުތަކެއް ކަމުގައެވެ. މީގެ ތެރޭގައި ގުދުރަތީގޮތުން އެ ޤައުމުތައް އުފެދިފައިވާގޮތާއި، މޫސުމީ ބަދަލުތަކާއި، ވެށީގެ ނާޒުކުކަމާއި، ދުނިޔޭގެ އިޤްތިޞާދަށް އަންނަ ބަދަލުތަކުގެ އަސަރު ކުރާ މިންވަރު ބޮޑުވުން ހިމެނޭ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ޞާލިޙު ވިދާޅުވީ، ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ އިޤްތިޞާދީ ދުވެލި ކުރިއަރާދާ މިންވަރު ފާއިތުވި އަހަރުތަކުގެ ތެރޭގައި އިތުރުވެފައިވީނަމަވެސް، އަދިވެސް ބައިނަލްއަޤްވާމީ މާލީ އެހީ ދޭ އިދާރާތަކުން ޖެހިލުވާކަން ފާހަގަކުރެވޭކަމަށެވެ.

ރައީސް ޞާލިޙު ވިދާޅުވީ، ސެމޯއާ ޕާތްވޭގައިވާ އަމާޒުތައް ހާޞިލްކުރުމަށް ޞުލްޙަވެރި، އަދި ތިމާވެއްޓާ ރަޙުމަތްތެރި ދިރިއުޅުމެއް ބިނާ ކުރުމުގެ މަސައްކަތް މިއަދު ފަށަން ޖެހޭކަމަށެވެ. އަދި ސިޑްސްގެ ޤައުމުތަކުގެ ތަރައްޤީއަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކުގެ ފުރިހަމަ އެއްބާރުލުން މިކަމުގައި ބޭނުންވާނެ ކަމުގައި ވިދާޅުވެ، އެ ފަރާތްތަކުން އެ ގޮތުގައި ދެމިތިބުމަށް ރައީސުލްޖުމްހޫރިއްޔާ ގޮވާލެއްވިއެވެ.

ސިޑްސް އެކްސެލެރޭޓެޑް މޮޑެލިޓީސް އޮފް އެކްޝަން، (ސެމޯއާ) ޕާތްވޭގެ ހައި-ލެވެލް ރިވިއު ބައްދަލުވުމަކީ ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތައް ނުވަތަ ސްމޯލް އައިލެންޑް ޑިވެލޮޕިންގް ސްޓޭޓްސް، ސިޑްސް އިން 2014 ވަނަ އަހަރު އެކުލަވާލާފައިވާ ސެމޯއާ ޕާތްވޭގައި ކަނޑައަޅާފައިވާ ކަންކަން ޙާޞިލުވެފައިވާ މިންވަރު ބެލުމަށާއި، އެކަންކަމާމެދު ޤައުމުތަކުގެ އިސްވެރިން ދެކެވަޑައިގަންނަވާގޮތާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ކުރިއަށްގެންދިޔަ ބައްދަލުވުމެކެވެ.