ވިޔަފާރި

މިއަހަރުގެ ޓޫރިޒަމް ކޮންފަރެންސް އޮންނާނީ ކްރޮސްރޯޑްސް މޯލްޑިވްސްގައި


މިއަހަރުގެ ޓޫރިޒަމް ކޮންފަރެންސް އެންޑް ގާލާ އޮންނާނީ ކްރޮސްރޯޑް މޯލްޑިވްސްގައިކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ، މި ކޮންފަރެންސްގައި ބައިވެރިވުމަށް ރާއްޖޭގެ ބޮޑެތި ހުރިހާ ރިސޯޓްތަކަށް ދައުވަތުދީފައިވާކަމަށެވެ. މި ކޮންފަރެންސްގައި ތަފާތު 4 މައުޟޫއަކަށް މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފައެވެ. އޭގެތެރޭގައި ފަތުރުވެރިކަމުގައި ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުން ހިމެނެއެވެ. މި ކޮންފަރެންސްގައި ރާއްޖޭގެ ސިފައިންނާއި ފުލުހުން އަދި އިނގިރޭސިވިލާތުގެ ސަލާމަތީކަންކަމައި ގުޅޭ ފަރާތްތައް ބައިވެރިވާނެކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެއެވެ.

ދެންހުރި މައުޟޫތަކުގެ ތެރޭގައި ދެމެހެއްޓެނިވި ފަތުރުވެރިކަމަކަށް ތިމާވެށި ހިމެނެއެވެ. މި ކޮންފަރެންސްގައި ސިންގަލް ޔޫސް ޕްލާސްޓިކާއި ދުރަށްދެވޭނެ ގޮތްތަކާއި، އެއްތަނުން އަނެއްތަނަށް ގަސް ބަދަލުކުރެވޭނެ ގޮތްތަކާއި ބެހޭގޮތުން މަޝްވަރާކުރާނެއެވެ.

ދިވެހިންނަށް ފަތުރުވެރިކަމުގައި ވަޒީފާގެ ފުރުސަތު ލިބޭނެ ގޮތްތަކާއި މަތީ މަގާމްތަކަށް ދިވެހިންނަށް އަންނަން އުނދަގޫވަނީ ކީތްވެގެންތޯވެސް މިއަހަރުގެ ފަތުރުވެރިކަމުގެ ދުވަހު މަޝްވަރާކުރާނެއެވެ. އަދި މިކަމުގައި ސަރުކާރަށް ކޮށްދެވޭނެ ކަމަކީ ކޮބައިތޯ ބަލައި، ސަރުކާރުގެ ސިޔާސަތު އެކުލަވާލުމުގައި މި ކޮންފަރެންސްގެ ތެރެއިން މަޝްވަރާކުރެވޭ ކަންކަމުގެ ބޭނުން ހިފާނެކަމަށް މިނިސްޓަރ އަލީ ވަހީދު ވިދާޅުވިއެވެ.

މީގެ އިތުރުން ދިވެހި ފަންނާނުންނާއި އުފެއްދުންތެރިންނަށް ޙާއްސަ ސެޝަނެއްވެސް ކުރިއަށްދާނެއެވެ. މި ސެޝަނުގައި ފަތުރުވެރިކަމުގެ ސިނާއަތުގައި ދިވެހި ފަންނާނުންނަށް ހުރި ފުރުސަތުތަކާއި ގުޅޭގޮތުން މަޝްވަރާކުރާނެކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެއެވެ.

މިއަހަރުގެ ފަތުރުވެރިކަމުގެ ދުވަސް ރާއްޖޭގައި ކުލަގަދަކޮށް އަންނަނީ ފަހަގަކުރަމުންނެވެ. މިއަހަރުގެ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރަނީ މުޅި ރާއްޖެ ޝާމިލްވާ ގޮތަށެވެ.