ވިޔަފާރި

އާ އަހަރާއެކު މުޅި ރާއްޖޭގައި ފަތުރުވެރިކަމުގެ އައު މަޝްރޫޢުތަކެއް ފެށޭނެ - ޓޫރިޒަމް މިނިސްޓަރ


ރާއްޖޭގެ ފަތުރުވެރިކަމުގެ އާ އަހަރާއެކު ރާއްޖޭގެ އެކި އަތޮޅުތަކުގައި ފަތުރުވެރިކަމުގެ މުޅިން އާ މަޝްރޫޢުތައް ފެށޭނެކަމަށް ޓޫރިޒަމް މިނިސްޓަރ ޢަލީ ވަހީދު ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ، މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚިތާބުގައެވެ.

ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހުގެ މުނާސަބަތުގައި ޓޫރިޒަމް މިނިސްޓަރ ޢަލީ ވަހީދު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ ފަތުރުވެރިކަމުގެ ހުރިހާ ވަޢުދެއް މި ފަސް އަހަރުގެ ތެރޭގައި ހާޞިލު ކުރެވޭނެކަމަށެވެ. މިއަހަރުގެ ދުނިޔޭގެ ފަތުރުވެރިކަމުގެ ޝިޢާރުގައިވެސް އަލިއަޅުވާލާފައިވާ ފަދައިން، ފަތުރުވެރިކަމުގެ ސިނާޢަތުގައި ފަހި ފުރުޞަތުތަކެއް ހުޅުވާލުމަކީ ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒުކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

އެގޮތުން ދިވެހިންގެ އިޤްތިޞާދީ މައި ނާރެހުގެ ހުންގާނުގައި ދިވެހިން ހިފައި މަތީ މަޤާމުތަކަށް ދިވެހިންނަށް އާދެވޭނެ މަގު މި ސަރުކާރުން ކޮށައިދޭނެކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. ހުނަރުވެރި ވަޒީފާތަކުގައި ދިވެހިންނަށް ފައިތިލަ ސާބިތުކުރުމުގެ ހުނަރާއި ފަހި ފުރުޞަތު ހޯދައިދީ، ދިވެހި އަންހެނުން ފަތުރުވެރިކަމުގެ ސިނާޢަތުގައި އިތުރުވެގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތް މިއަދު މިދެކޭ ދުނިޔޭގެ އެންމެ މަތީ ހަރުފަތްތަކަށް ގެނައުމުގެ ހަޤީޤީ މޭސްތިރިންނަކީ މި ސިނާޢަތުގެ ފައުންޑަރ މެންބަރުންނާއި، ދޭސީބިދޭސީ އިންވެސްޓަރުންންގެ އިތުރުން މިސިނާޢަތަށް ޚިދުމަތްކުރުމުގައި ދެމިތިބި ހީވާގި ކުޅަދާނަ މަސައްކަތްތެރިންކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.

މިސަރުކާރުގެ ފުރަތަމަ އަހަރުގެ ތެރޭގައި ރާއްޖޭގެ ހުރިހައި ޓޫރިސްޓް ފެސިލިޓީއެއް އިންސްޕެކްޓްކޮށް ނިމިފައިވާތީ މިކަމަށް އަލިއަޅުވާލައްވާ މިނިސްޓަރ ވިދާޅުވީ، މި ފެށުމާއެކު، ސަލާމަތާ ރައްކާތެރިކަމުގެ ޒަމާނީ މިންގަނޑުތަކާއި، ސާވިސް ޗާޖު މުވައްޒަފުންގެ ރޭޝިއޯ އަދި މަސައްކަތްތެރިންގެ ހައްޤުތައް ކަށަވަރުކުރުމުގައި އެދެވޭ ހެޔޮ ބަދަލުތަކެއް އަންނާނެކަމީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫންކަމަށެވެ.