ޚަބަރު

ނިއުކްލިއަރ ހަތިޔާރު މަނާކުރާ މުއާހަދާގައި ރާއްޖޭން ސޮއިކޮށްފި


ނިއުކްލިއަރ ހަތިޔާރު މަނާކުރާ މުއާހަދާގައި ރާއްޖެއިން ސޮއިކޮށްފިއެވެ.

އދ.ގެ މައި އިދާރާގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ރާއްޖޭގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުއެވެ.

މިއީ 2017 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހުގެ 20 ވަނަ ދުވަހު އދ.ގެ އާއްމު މަޖިލީހުން ފާސްކުރި އެއްބަސްވުމެކެވެ. މިހާތަނަށް 70 ގައުމަކުން ވަނީ މިއެއްބަސްވުމުގައި ސޮއިކޮށްފައެވެ.

މި މުއާހަދާގައި ބައިވެރިވުމަށް ކެބިނެޓުން ނިންމާފައިވަނީ މިދިޔަ އޮގަސްޓްމަހުގެ 27 ވަނަ ދުވަހުއެވެ. އަދި މި މުއާހަދާގައި ރާއްޖެއިން ބައިވެރިވުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފައިވަނީ މިމަހުގެ 3 ވަނަ ދުވަހުއެވެ.

"ޓްރީޓީ އޮން ޕްރޮހިބިޝަން އޮފް ނިއުކްލިއަރ ވެޕަންސް" މުޢާހަދާގައި ދިވެހިރާއްޖެއިން ސޮއިކުރުމާ ބެހޭ ގޮތުން ވަޒީރުން ދެއްކެވި ވާހަކަފުޅުގައި މިދަފަ މުޢާހަދާއެއް އޮތުމަކީ މުޅި އިންސާނިއްޔަތުގެ ލާބަޔާ މަންފާއާ ގުޅުންހުރި ކަމެއްކަމަށާއި، ރާއްޖެ އަކީ ނިއުކްލިއަރ ހަތިޔާރު ނެތް ޤައުމަކަށް ވެފައި ޑިސްއާމަމަންޓް އެންޑް ނޮން-ޕްރޮލިފަރޭޝަންގެ ކަންކަމަށް ބައިނަލްއަޤުވާމީ މައިދާނުގައި ރާއްޖެއިން އަބަދުވެސް ތާއީދުކުރަމުންދާކަމަށްވަނީ ވިދަޅުވެފައެވެ.

ބޮޑެތި ގެއްލުންދެނިވި ހަތިޔާރު ގެންގުޅުން މަނާކުރާ މުއާހަދާ އާއި ނިއުކްލިއަރ ހަތިޔާރު ފެތުރުން މަނާކުރާ މުއަހަދާގައި ރާއްޖެއިން ވަނީ ސޮއިކޮށްފައެވެ. އެ މުއާހަދާގައި ރާއްޖެއިން ސޮއިކުރީ 1970 ގައެވެ.