ޚަބަރު

މިހާރު ވިސްނަންވީ ރާއްޖެއަށް އާ ބާވަތްތަކުގެ ފަތުރުވެރިކަން ގެނައުމަށް - ރައީސް


ދިވެހިރާއްޖޭގެ ފަތުރުވެރިކަން މިހާރަށްވުރެ ކުރިއެރުވުމަށްޓަކައި، ދުނިޔޭގެ ފަތުރުވެރިކަމުގައި މަޝްހޫރުވަމުން އަންނަ ބާވަތުގެ ފަތުރުވެރިކަން ރާއްޖެއަށް ތަޢާރަފްކުރެވޭނެ ގޮތްތަކާއިމެދު ވިސްނަންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހުގެ މުނާސަބަތުގައި ނެރުއްވި ޚިތާބުގައެވެ.

2019ވަނަ އަހަރުގެ ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙް ނެރުއްވި ޚިތާބުގައި އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމަށް، ފަތުރުވެރިކަމުގެ އާ ވައްތަރުތައް ތަޢާރަފްކޮށް ފުޅާކުރަންޖެހިފައިވާކަމަށެވެ. އެގޮތުން މުޅި ދުނިޔޭގައިވެސް މަޝްހޫރުކަން ހޯދަމުން އަންނަ ވިޔަފާރި ފަތުރުވެރިކަމާއި، ޡަޤާފަތާއި ތަރިކައިގެ ފަތުރުވެރިކަމާއި، ކުޅިވަރު ފަތުރުވެރިކަން، ބޭސްފަރުފާގެ ފަތުރުވެރިކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ މީގެ ތެރޭގައި ރާއްޖޭގައި އާލާކުރެވޭނެ ކިތައްމެ ބާވަތެއްގެ ފަތުރުވެރިކަމުގެ ބާވަތްތައް ހުރިކަމަށެވެ.

ރައީސް ވިދާޅުވީ ރާއްޖެއަށް ފަތުރުވެރިކަމުން ލިބޭ ޢާމްދަނީއާ އަޅާބަލާއިރު، ފަރުދުންނަށް އޭގެ އިޤްތިޞާދީ މަންފާ ކުރާމިންވަރު އަދިވެސް ކުޑަކަމަށެވެ. އެހެންކަމުން ސަރުކާރުކާރުގެ ޢަމާޒަކީ ދުނިޔޭގެ ބާޒާރުގައި ދިވެހި ފަތުރުވެރިކަމަށް ލިބޭ މަޤްބޫލުކަމުގެ ފައިދާ، މިހާރަށްވުރެ ބޮޑަށް ވަކިވަކި ފަތުދުންނަށް ލިބޭނެ ގޮތް ހަމަޖެއްސުންކަމަށް ރައީސް ވިދާޅުވިއެވެ.

ރާއްޖޭގައި މިހާރުވެސް 4 ބާވަތެއްގެ ފަތުރުވެރިކަން ކުރެއެވެ. މީގެތެރޭގައި 567 ގެސްޓްހައުސްއާއި، 154 ސަފާރީއާއި، 149 ރިސޯޓާއި، 10 ޓުއަރިސްޓް ހޯޓާ ހިންގަމުންދެއެވެ. މިއީ ޖުމްލަ 47114 އެނދެވެ.

ޚިތާބުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ ރާއްޖޭގައި ދެމެހެއްޓެނިވި ފަތުރުވެރިކަމެއް ކުރެވެމުންދާ އެންމެ ބޮޑު ސަބަބަކީ ދިވެހިރާއްޖޭގެ ހަމަޖެހިމާއި ސުލްހަވެރިކަމަށެވެ. ހަމަމިއާއިއެކު ރާއްޖޭގެ ފަތުރުވެރިކަމުގެ ނާރެހަކީ، މި ޖަޒީރާތަކުގެ ރީތިކަމާއި ޤުދުރަތީ މުއްސަނދިކަންކަމަށް ރައީސް ވިދާޅުވިއެވެ. ކަނޑުފަޅުތަކާއި، ގިރިފަރުތަކާއި، ނޫވިލުތަކާއި، ދޮންވެލި ގޮނޑުދޮށްތައް ރައީސް ފާހަގަކުރައްވާފައިވެއެވެ. އަދި ރަށްރަށުގެ ހޭޅިފަށާއި، ވާތަކާއި، ކުޅިތައް ޙިމާޔަތްކޮށް އެ ދިރުންތައް ބެލެހެއްޓުމަކީ ރާއްޖޭގެ ފަތުރުވެރިކަން ދެމެހެއްޓުމަށްޓަކައި ކޮންމެ ފަރުދެއްގެ ކޮނޑުގައި އެޅިފައިވާ ޤައުމީ ވާޖިވެއްކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސްވަނީ ފަތުރުވެރިކަމުގެ ޞިނާޢަތް އިތުރަށް ތަރައްޤީކުރުމުގައި ކުރިމަތިވާ ގޮންޖެހުންތަކާއި ހުރަސްތައް ދެނެގަނެ، އެކަންކަން ޙައްލުކުރުރާނެ ގޮތްތަކާއިމެދު ބައިނަލްއަޤްވާމީ މުޖުތަމަޢު ގުޅިގެން މަސައްކަތް ކުރަންޖެހޭކަމަށް ވިދާޅުވެފައެވެ.

60 އެނދާއިއެކު ރާއްޖޭގެ ފަތުރުވެރިކަން ފަށާފައިވަނީ 1972ވަނަ އަހަރުއެވެ. ރަޢީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙްވަނީ ރާއްޖެއަށް ފަތުރުވެރިކަން ތަޢާރަފްކޮށް، ދާއިރާ ކުރިއެރުވުމުގައި މަސައްކަތް ކުރައްވާ އެންމެހާ ފަރަތްތަކަށް ޝުކުރު އަދާކުރައްވައި ދުވަހުގެ ތަޙުނިޔާ ފޮނުވާފައެވެ.