ކުޅިވަރު

ގްރީން ސްޓްރީޓްސްއާއި ދެކޮޅަށް ކުޅޭ މެޗު ޗެލެންޖިން މެޗަކަށް ވާނެ: މޯހަން

ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ކްލަބް ގްރީން ސްޓްރީޓްސްއާއި ދެކޮޅަށް ކުޅޭ މެޗަކީ ޗެލެންޖިން އަދި އުދަނގޫ މެޗަކަށް ވާނެކަމަށް ކްލަބް އީގަލްސްގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ބުނެފިއެވެ.

ލީގުގެ ދެވަނަ ބުރުގެ ފުރަތަަމަ މެޗުގައި މާދަމާރޭ ގްރީން ސްޓްރީޓްސްއާއި ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ނޫސްވެރިންނާއި ވާހަކަ ދައްކަމުން އީގަލްސްގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ބުނީ، އެޓީމުގެ މުހިއްމު ތިން ކުޅުންތެރިއަކު ނުލާ މި މެޗަށް ނުކުންނަން ޖެހުމަކީ އެޓީމަށް ދިމާވި ވަރަށް ބޮޑު ޗެލެންޖެެއް ކަމަށާއި، މި މެޗަށް ނުކުންނަން ޖެހޭނީ ޒުވާން ކުޅުންތެރިން ހިމަނައިގެންކަމަށެވެ.

މޯހަން ބުނީ ކާޑު ހަމަވުމުގެ ސަބަބުން އެޓީމުގެ ގޯލް ކީޕަރ ސުޖަން ޕެރޭރާއާއި ޑިފެންޑަރ ހައިޝަމް ހަސަންއަށް މި މެޗު ނުކުޅެވޭއިރު އަނިޔާގައި ހުރި އަހުމަދު ނޫމާން (ހެލްމެޓް)އަށް މެޗެއް ކުޅެވޭނެ ދުވަހެއް ބުނަން އަދިވެސް ނޭންގޭކަމަށެވެ. މޯހަން ބުނީ ގްރީން ސްޓްރީޓްސް ކަހަލަ ވަރުގަދަ ޓީމަކާއި ދެކޮޅަށް މުހިއްމު ކުޅުންތެރިންތަކެއް ނުލާ ނުކުންނަންޖެހޭތީ ކޮންމެވެސް ވަރެއްގެ ނުތަނަވަސްކަމެއް އެބަހުރިކަމަށާއި، ނަމަވެސް ޒުވާން ކުޅުންތެރިނަށް ފުރުސަތު ދެވޭތީ ހިތްހަމަޖެހޭކަމަށެވެ. މޯހަން ބުނީ މިއީ ޒުވާން ކުޅުންތެރިންނަށް އެކުޅުންތެރިން ހުނަރު ދައްކާލަން ލިބޭނެ ފުރުސަތަކަށް ވެގެންދާނެކަމަށެވެ.

"ވަރަށް ބޮޑު ޗެލެންޖެއް ހަގީގަތުގައި މި ތިން ޕްލެޔާސް ނުލާ ގްރީންއާއި ދެކޮޅަށް ނުކުންނަން ޖެހުމަކީ. ދެން އެއްގޮތަކުން ޕޮޒިޓިވްކަމެއް އެއީ. ސަބަބަކީ ޒުވާން ކުޅުންތެރިންނަށް ޗާންސް ލިބެނޭ. ވަރަށް އިތުބާރު އެބައޮތް ދެން ކީޕަރއަށް މި މެޗުގައި އަރާ. ދެން ޕްލެޔާސްއަށްވެސް ވަރަށް އިތުބާރުއެބަ އޮތް". މޯހަން ބުންޏެވެ

ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި އެންމެ ފަހުން ކްލަބް އީގަލްސް ކުޅުނު ދެ މެޗުންވެސް ވަނީ އެއްވަރުވެފައެވެ. އެއާއެކު އޮތް އީގަލްސް މިހާރު އޮތީ 14 ޕޮއިންޓާ އެކު ތިން ވަނައިގަ އެވެ. އެ އަދަދަށް ޕޮއިންޓް އެއްކޮށްގެން ލަނޑުގެ ތަފާތުން ދަ ގްރާންޑޭ އޮތީ ހަތަރު ވަނައިގަ އެވެ. ތާވަލުގެ އެއް ވަނައިގައި 20 ޕޮއިންޓާ އެކު މާޒިޔާ އޮތްއިރު ދެ ވަނައިގައި 15 ޕޮއިންޓާ އެކު އޮތީ ކްލަބް ގްރީންސްޓްރީޓްސް އެވެ.