ބ.އަތޮޅު ތައުލީމީ މަރުކަޒުން މަތީ ސާނަވީ އިމްތިޙާނުން އެންމެ މޮޅު ދަރިވަރަކަށް ސަމީލާ އަބްދުލް ޖަލީލް، ސާނަވީ އިމްތިޙާނުން އެންމެ މޮޅު ދަރިވަރަކަށް ރަމްޝާ އަބްދުއް ރަޙްމާންހޮވިއްޖެއެވެ.
ރޭ ބޭއްވި އެމަރުކަޒުގެ 2018 ވަނަ އަހަރުގެ އިނާމު ދިނުމުގެ ޖަލްސާގައި މިދެ ދަރިވަރުންނަށް އިނާމާ ހަނދާނީ ފިލާ އަދި ރައީސުލް ޖުމްޙޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު ޙަވާލުކޮށް ދެއްވީ މިނިސްޓްރީ އޮފް އެޑިއުކޭޝަން ޕާރމަނަންޓް ސެކެޓްރީ އަޙްމަދު އަލީ އެވެ.
މިދިޔަ އަހަރު މި ސްކޫލްގެ ދެ ދަރިވަރަކު މަތީ ސާނަވީ އިމްތިޙާނުން އެކައުންޓުން ދުނިޔެއިން އެއްވަނަ ހޯދާފައިވާތީ އެކަމުގެ އަގު ވަޒަންކޮށް ވަނީ ފައިސާގެ އިނާމާ ހަނދާނީ ފިލާ މި ދެދަރިވަރުންނަށް ދީފައެވެ.
ސާނަވީ ބައިން އެއްވަނަ ހޯދި ރަމްޝާ ވަނީ ފަސް މާއްދާއިން އޭ ސްޓާ، ތިން މާއްދާއިން އޭ ހޯދައިފައެވެ. އޭނާ ވަނީ ގައުމީ ގަދަ ދިހަކުން ހަތަރު ވަނަ ހޯދައިފަ އެވެ. އަދި މަތީ ސާނަވީ އިން އެއްވަނަ ހޯދި ޝަމީލާ ވަނީ ގައުމީ ގަދަ ދިހަކުން ތިން ވަނަ ހޯދައިފަ އެވެ. އޭނާއަށް ތިން މާއްދާއިން އޭ ސްޓާ، ދެ މާއްދާއިން އޭ ލިބިފައި ވެ އެވެ. އަދި އެކައުންޓް މާއްދާއިން ވަނީ ދުނިޔެއިން އެއްވަނަ ހޯދާފައެވެ.
މަތީ ސާނަވީ އިމްތިހާނުން އެއްވަނަ ހޯދި ރ.އިނގުރައިދޫ ސަމީލާ އަބްދުލް ޖަލީލް ބުނި. މިއީ ފަޚުރުވެރިވާ ފަދަ ކާމިޔާބީއެއްކަ މަށެވެ. އަދި ކިޔެވުމުން ކާމިޔާބު ހޯދަން ބޭނުންވާ ދަރިވަރުން މައިބަފައިންގެ ބަސް އެހުމަށާ، ކިޔަވައިދޭ ޓީޗަރުންގެ އަޑުއެހުމަށް އޭނާ ލަފާ ދިނެވެ.
"ކާމިޔާބު ލިބޭނީ ތިމާއަށް އެނގޭ އެއްޗެއް އެހެން ދަރިވަރުންނަށް ބުނެދީގެން. މޮޅަށް ކިޔަވަނަ ބޭނުންވާނަމަ ނުވަތަ މޮޅު މީހަކަށް ވާން ބޭނުންނަމަ ކިބުރުވެރިކަމާ ބޮޑާކަމުން ދުރުވެ އެންމެނާ ގުޅިގެން މަސައްކަތްކުރުމުން މިފަދަ ވަނަތަށް ލިބޭނެ" ޝަމީލާ ބުންޏެވެ.
މިރަސްމިއްޔާތުގެ ޝަރަފްވެރި މެހުމާން އެޑިއުކޭޝަން މިނިސްޓްރީގެ ޕާރމަންންޓް ސެކެޓްރީ އަޙްމަދު އަލީ ދެއްކެވި ވާހަކަގައި ތަޢުލީމް އަދާކުރަމުންދާ އިރު ކުރިމަގުގައި ދާން ބޭނުންވާ ދާއިރާއެއް ކަނޑައެޅުން މުހިންމު ކަމުގެ މައްޗައް އަލިއަޅުއްވާ ލެވިއެވެ. އަދި ދިމާވާ އެކިއެކި ގޮންޖެހުންތަކުން އަރައިގަނެ ކާމިޔާބާ ދިމާއަށް ހުރިހާ ދަރިވަރުން މަސައްކަތްކުރުމަށް އިލްތިމާސް ކުރެއްވިއެވެ.
މިރަސްމިއްޔާތުގައި ވަނީ އެމަރުކަޒުން ސާނަވީ އަދި މަތީ ސާނަވީ އިމްތިހާނުންނާ ގްރޭޑްތަކުން އެންމެ މޮޅު ދަރިވަރުންނަށް އިނާމް ހަވާލުކޮށްފައެވެ.