ވިޔަފާރި

ރާއްޖެ އިޝްތިހާރުކުރުމަށް ތައިލެންޑުގެ މަޝްހޫރު ފޮޓޯގްރާފަރެއް ރާއްޖެއަށް


ފޮޓޯގްރަފީން ރާއްޖޭގެ ރީތިކަމާއި ޘަޤާފަތް އިޝްތިހާރުކުރުމަށް ތައިލެންޑުގެ މަޝްހޫރު ފޮޓޯގްރާފަރެއް ރާއްޖެ ގެނެސްފިއެވެ.

މިއީ މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، އެމްއެމްޕީއާރްސީން ފަތުރުވެރިކަން ފުޅާދާއިރާއެއްގައި އިޝްތިހާރު ކުރުމަށްޓަކައި ހިންގަމުންގެންދާ "ފެމިލިއަރައިޒޭޝަން ޓްރިޕް" ތަކުގެ ތެރެއިން ދަތުރެކެވެ.

މި ދަތުރުގައި ރާއްޖެ އައިސްފައިވަނީ ތައިލެންޑްގެ މަޝްހޫރު ފޮޓޯގްރާފަރެއްކަމަށްވާ ޑޭވިޑް ލައުއެވެ. އޭނާގެ މި ދަތުރުގައި ދިވެހިރާއްޖޭގެ މެހުމާންދާރީ ތަޖުރިބާކޮށް ނަގާ ފޮޓޯތައް ތައިލެންޑުގެ މަޝްހޫރު ޝޮޕިންގ މޯލް "ސިއަމް ޕެރަގަން"ގައި ދައްކާލުމަށް ހަމަޖެހިފައިވެއެވެ. މިދަތުރުގައި އޭނާ ހުރުމަށް ހަމަޖެހިފައިވަނީ ކުރަމަތި އައިލެންޑް ރިސޯޓް، ސީޒަން ޕެރަޑައިސް އަދި ޖުމެއިރާ ވިއްޓަވެލި ރިސޯޓްގައެވެ.

ފޮޓޯގްރާފަރ ޑޭވިޑް ލައުއަކީ އުމުރުން 8 އަހަރުން ފެށިގެން ފޮޓޯގްރަފީއަށް ޝައުގުވެރިކަން ހުންނަ މީހެކެވެ. ޑޭވިޑްގެ ފޮޓޯތަކުން ފެނިގެންދަނީ އޭނާ ޒިޔާރަތްކުރާ ގައުމުތަކުގެ އާދަކާދައާއި ސަޤާފަތުގެ ރީތި މަންޒަރުތަކެވެ. ޑޭވިޑްގެ މަސައްކަތްތަކުގެ ތެރެއިން ސިޗުއާން، ޓިބެޓް، އިންޑޮނޭޝިއާ، ރަޝިއާ، އަދި އެންމެ ފަހުން ކެންޔާ އަދި މޮރޮކޯއަށް ކުރިދަތުރުތަކުގެ ފޮޓޯތައްވަނީ ބެންކޮކްގައި އެގްޒިބިޓް ކުރެވިފައެވެ.

'ރޯޔަލް ފޮޓޯގްރަފިކް ސޮސައިޓީ އޮފް ގޮރޭޓް ބްރިޓެއިން' އަދި 'ރޯޔަލް ފޮޓޯގްރަފިކް ސޮސައިޓީ އޮފް ތައިލެންޑް'ގެ އެސޯސިއޭޓްޝިޕް ހޯދާފައިވާ މި ހުނަރުވެރި ފޮޓޯގްރަފަރ ވަނީ އޭނާގެ މަސައްކަތްތައް ދައްކުވައިދޭ ފޮތްތަކެއްވެސް ޝާއިޢު ކޮށްފައެވެ. އެގޮތުން، ރަޝިޔާ އަދި ޗައިނާގެ ދަތުރުގެ ފޮޓޯތައް ހިމެނޭގޮތަށް ދެފޮތެއް އޭނާވަނީ ނެރެފައެވެ.

އެމްއެމްޕީއާރުސީން ބުނީ އެކުންފުނީގެ އަމާޒަކީ ތައިލެންޑުގައި ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކޮށް އެޤައުމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމެވެ.