ޚަބަރު

ޤައުމީ ސަލާމަތަށް ހުރި ނުރައްކާގުޅޭގޮތުން އެމްއެންޑީއެފްގެ ސީނިއަރ އެންލިސްޓެޑް ލީޑަރުންނަށް ސެމިނާއެއް ބާއްވައިފި


އިސްތިރާޖީ މާޙައުލާއި ޤައުމީ ސަލާމަތަށް ހުރި ނުރައްކާތަކާއި އަދި އެމްއެންޑީއެފްގެ ކެޕްސްޓޯން ޑޮކްޓަރިންއަށް، ސިފައިންގެ ސީނިއަރ އެންލިސްޓެޑް ލީޑަރުން އަހުލުވެރިކުރުމުގެ ގޮތުން މިއަދު ސެމިނަރއެއް ބާއްވައިފިއެވެ.

އެމްއެންޑީއެފް ކޮލެޖު އޮފް ޑިފެންސް އެންޑް ސެކިޔުރިޓީ ސްޓަޑީޒްއިން ބަންޑާރަކޮށީގައި މިއަދު ބޭއްވި އެއްދުވަހުގެ ސެމިނަރ ފައްޓަވައިދެއްވީ، އެމްއެންޑީއެފް ކޮލެޖު އޮފް ޑިފެންސް އެންޑް ސެކިޔުރިޓީ ސްޓަޑީޒްގެ ކޮމާންޑިންގ އޮފިސަރ، ބްރިގޭޑިއަރ ޖެނެރަލް ވައިޘް ވަޙީދެވެ.

"ސެމިނަރ އޮން ސްޓްރެޓެޖީ، ނޭޝަނަލް ސެކިޔުރިޓީ އެންޑް ޑޮކްޓަރިންގ" ގެ ނަމުގައި ސިފައިންގެ ސީނިއަރ އެންލިސްޓެޑުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ މި ސެމިނަރގެ ސެޝަންތަކުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް ބައިވެރިވެ ވަޑައިގަންނަވައި ބައިވެރިންނަށް ވަނީ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.

މިއަދު ބޭއްވުނު ސެމިނަރ އަކީ ބަވަނަވަމުންދާ ދުނިޔެއާއި ނުތަނަވަސް އަދި ހަމަނުޖެހުންބޮޑު އިސްތިރާޖީ މާހައުލުގައި ސިފައިން މަސައްކަތްކުރާއިރު، ބައިނަލްއަޤްވާމީ އަދި ދާޚިލީ މަޝްރަޙުގައި ކުރިމަތިވާ ތަފާތު އޮއިވަރުތަކާއި ސަލާމަތީ ގޮންޖެހުންތަކާ ބެހޭ ގޮތުން އަހުލުވެރިކުރުމުގެ ގޮތުން ހިންގި ސެމިނަރއެކެވެ.

މި ސެމިނަރގައި ކުރިއަށްގެންދިޔަ ސެޝަންތަކުގެ ތެރޭގައި، މޫސުމީ ބަދަލު އަދި ދޭދޭ ޤައުމުތަކުގެ ގުޅުންތަކާއި، ސޯޝަލް މީޑިއާ ޓެކްނޮލޮޖީ އަދި އެހެނިހެން ހައިބްރިޑް ނުރައްކާތަކާއި، ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތު އަދި އިންޑިޔާ ކަނޑުގެ އިސްތިރާޖީ މަޝްރަހާއި، ދިވެހިރާއްޖޭގެ ޤައުމީ ސަލާމަތަށް ހުރި ނުރައްކާތައް އަދި، ނިރުބަވެރިކަމާއި ނުރައްކާތެރި ޙައްދުފަހަނައެޅުމާއި އޭގެ ޙައްލާ ބެހޭގޮތުން ކުރިއަށްގެންދިޔަ މިސެޝަންތަކުގައި އެ ދާއިރާތަކާ ގުޅުންހުރި ތަޖުރިބާކާރުން ވަނީ މަޢުލޫމާތު ފޯރުކޮށްދީފައެވެ.

މި ސެމިނަރގައި އެމްއެންޑީއެފްގެ ކޮމާންޑް ސާޖަންޓް މޭޖަރުންނާއި، ސާޖަންޓް މޭޖަރުންނާއި، އެންސީއޯ އެޑްވާންސްޑް ކޯހުގެ ބައިވެރިން އަދި ވޮރަންޓް އޮފިސަރސް ކޯހުގެ ބައިވެރިން ވަނީ ބައިވެރިވެފައެވެ.