ކުޅިވަރު

ފެތުންތެރިންގެ ހުވަފެން ހަޤީޤަތަކަށް!


ފަރިތުކުރުންތައް ކުރިޔަށްގެންދިޔުމަށް އިންޑޯރ ޕޫލެއްގެ އިންތިޒާރުގައި ތިބި ޤައުމީ ފަތާ ޓީމުގެ ކުޅުންތެރިން ދެކެމުންއައި ހުވަފެން ހަގީގަތަކަށް ވެއްޖެއެވެ.

ބައިނަލްއަޤްވާމީ މުބާރާތްތަކަށް ތައްޔާރުވުމަށް ރާއްޖޭގެ ފަތާ ޓީމު މީގެކުރިން ބޭނުންކުރަމުން އައި މާލޭ ޓްރެކް ސަރަހައްދެއެވެ. ނަމަވެސް ހުޅުމާލެ ސްޕޯޓްސް ކޮމްޕްލެކްސްގައި ޤާއިމުކޮށްފައިވާ ސްވިމިން ޕޫލް ސްވިމިންގް އެސޯސިއޭޝަނަށް ލިބުމާއެކު ފެތުންތެރިންގެ ހުވަފެން މިހާރު މިވަނީ ހަޤީޤަތަކަށްވެފައެވެ.

ހުޅުމާލޭ ސްޕޯޓްްސް ކޮމްޕްލެކްސްގައި ޤާއިމުކޮށްފައިވާ މި ސްވިމިންގް ޕޫލް އިއްޔެ ފުރަތަމަ ފަހަރަށް ބޭނުން ކުރަން ފަށާފައިވަނީ ޤައުމީ ފަތާ ޓީމުންނެވެ. އެގޮތުން މި ސްވިމިންގް ޕޫލްގައި އެޓީމުގެ ފަރިތަކުރުންތައް މިއަދު ވަނީ ކުރިޔަށް ގެންގޮސްފައެވެ.

ސްވިމިންގް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ނައިބު ރައީސް އިސްމާއިލް އަލީ ވިދާޅުވީ، މިއަދަކީ ވަރަށް ގިނަ ފެތުންތެރިންގެ އުންމީދުތައް ހަޤީޤަތަކަށް ވެގެންދިޔަ ދުވަސްކަމަށާއި، މިއީ ރާއްޖޭގެ ތާރީޙުގައި މުޅިން އައު ސަފްޙާއެއް ލިޔެވިގެންދާނެ ދުވަހެއްކަމަށެވެ. އަދި ޕޫލްގެ ސަބަބުން ފެތުންތެރިންނަަށް އަމިއްލަ ޤައުމުގައި ތިބެ މުބާރާތްތަކަށް ތައްޔާރުވުމަށް ފަސޭހަވެގެންދާނެކަމަށްވެސް އިސްމާއިލް އަލީ ވިދާޅުވިއެވެ.

އިސްމާއިލް އަލީ ވިދާޅުވީ ޤައުމީ ޓީމުގެ ފަރިތަކުރުންތައް މީގެ ކުރިން ކުރިޔަށްގެންދިޔައީ އެންމެ އެކަށީގެންވާ ތަނެއްގައި ނޫންކަމަށާއި، ނަމަވެސް އެހާލަތުގައި ފެތުންތެރިން މަސައްކަތްކުރަމުންއައީ ވަރަށް ކެތްތެރިކަމާއެކު ކަމަށެވެ. އިސްމާއިލް އަލީ ވަނީ މި ޕޫލް ބޭނުންކުރުމުގެ ފުރުސަތު އެ އެސޯސިއޭޝަނަށް ދެއްވީތީ ޔޫތް މިނިސްޓަރ އަޙުމަދު މަހުލޫފަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރައްވާފައެވެ.

"ރާއްޖޭގެ ފެތުމުގައި ހަރަކާތްތެރިވާ ފެތުންތެރިން ވަރަށް ގިނަ ދުވަސްތަކެއްގެ އުއްމީދު މިއަދު ހަޤީޤަތަކަށް ވެގެން މި ދިޔައީ. މިއަދު އަސްލު ހުޅުމާލޭގައި ސްވިމިންގް ޕޫލްގައި ޕްރެކްޓިސް ފެށިގެން ކުރިޔަށް ދިއުމަކީ އެއީ ރާއްޖޭގެ ފެތުންތެރިންނަށް ފެތުމުގެ ތާރީހުގައި މުޅިން އައު ސަފްޙާއެއް ލިޔެވިގެންދާ ދުވަހަކަށް ވެގެންދާނީ." އިސްމާއިލް އަލީ ވިދާޅުވި އެވެ.

ހުޅުމާލޭގައި ޤާއިމުކޮށްފައިވާ މި ސްޕޯޓްސް ކޮމްޕްލެކްސްގައި އިންޑޯ ސްވިމިންގ ޕޫލް އަކާއި ޖިމެއްގެ އިތުރުން ބޯލިންގ އެރީނާ އަކާއި ޕޫލް ބިލިއާޑް ސަރަހައްދެއް ވަނީ ހިމަނާފައިއެވެ. އަދި މީގެއިތުރުން އިތުރު ކުޅިވަރުތައް ކުޅުމަށް ތަންތަން ތަރައްގީކުރެވޭނެ ގޮތަށް ހުސް ސަރަހައްދުތަކެއްވެސް ހިމެނެއެވެ.