ޚަބަރު

އިންޑިޔާގެ އެހީގައި ރާއްޖޭގެ ކްރިކެޓް ޓީމްތައް ތަމްރީންކުރަން ނޮވެންބަރު މަހު ފަށަނީ


އަންނަ ނޮވެމްބަރު މަހުގައި ކްރިކެޓް ކޯޗުންނާއި ޤައުމީ ޓީމްތައް ތަމްރީން ކުރުމުގެ ޕްރޮގްރާމްތައް ފެށޭނެކަމަށް އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުވާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރު ވިދާޅުވެއްޖެއެވެ.

އިންޑިޔާ އާއި ރާއްޖެއާއި ދެމެދުގައި އޮންނަ ގުޅުން ބަދަހިކުރުމުގެ ގޮތުން އިންޑިޔާއިންވަނީ، ކްރިކެޓަށް ގިނަ އެހީތަކެއް ވެދިނުމަށް ނިންމާފައެވެ. މީގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ އިންޑިޔާގެ އެހީގައި ރާއްޖޭގައި ކްރިކެޓް ސްޓޭޑިއަމް އެޅަން ނިންމުމެވެ. ޤައުމީ ޓީމްތަކާއި ކޯޗުންނަށް ތަމްރީންގެ ފުރުސަތުތައް ހޯދައިދޭނެކަމަށް އިންޑިޔާއިންވަނީ މީގެ ކުރިން ބުނެފައެވެ.

އިންޑިޔާގެ ފޮރިން މިނިސްޓަރ ޝުޝްމާ ޝުވަރާޖް މިއަހަރުގެ މާޗް މަހުގައި ރާއްޖެ ވަޑައިގެންނެވިއިރުވަނީ ރާއްޖޭގެ ކްރިކެޓް ކުރިއެރުވުމަށް ކޯޗުންނާއި ކުޅުންތެރިން ތަމްރީން ކުރުމުގެ ޕްރޮގްރާމެއް ހިންގުމަށް ނިންމާފައެވެ. މިކަމާއި ގުޅޭގޮތުން ވާހަކަދައްވަކަމުން އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުވާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރު ވިދާޅުވީ މިތަމްރީން ޕްރޮގްރާމްގެ ދަށުން ޤައުމީ ޓީމާއި، ކޯޗުންނާއި، ދަނޑުގައި މަސައްކަތް ކުރާ، ސްކޯރަރުންނާއި، އަމްޕަޔަރުންގެ އިތުރުން ތަފާތު ހިސާބުނަގާ ފަރާތްތައްވެސް ތަމްރީން ކުރުމަށް ހަމަޖެހިފައިވާކަމަށެވެ.

އިންޑިޔާ ސަފީރު ވިދާޅުވީ މި ތަމްރީންތަކުގެ އެއްބައި ކުރިއަށްދާނީ މާލޭގައިކަަށާއި، ޓީމްތަކުގެ ތަަމްރީންތައް ކުރިއަށް ގެންދަން ނިންމާފައިވަނީ ޗެންނާއީގައިކަމަށެވެ.

"މިއީ ފުރިހަމަ ޕެކޭޖްއެއް. އަޅުގަނޑުމެން މިދަނީ ވަރަށް ބޮޑަށް ކްރިކެޓް ކުރިއެރުވުމަށް މަސައްކަތް ކުރަމުން. މިތަމްރީން ތަކުގެ ތެރެއިން އެއްބައި ކުރިއަށްދާނީ މާލޭގަ. އަދި ތަމްރީންގެ ބާކީބައި، ހާއްސަކޮށް ޓީމްތަށް ތަމްރީން ކުރުމުގެބައި ކުރިއަށްދާނީ ޗެންނާއީގަ. މިކަންތައްތައް ކުރުމަށް މިހާރުވަނީ ނިމި، ފައުންޑޭޝަންއެއް ގާއިމް ކުރެވިފަ. މިތަމްރީން ޕްރޮގްރާމްގައި ބައިވެރިވާ ކޯޗުންވަނީ މިހާރު ފާހަގަކުރެވިފަ. އެހެންވީމަ އަންހެން އަދި ފިރިހެން ޓީމް ނޮވެމްބަރ މަހުގައި އެއްވަނަ ދުވަހު ޗެންނާއިއަށް ފުރާނެ، ވަރުގަދަ ތަމްރީން ޕްރޮގްރާމްއެއް ފުރިހަމަ ކުރުމަށް." އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުވާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރު ބުންޏެވެ.