ޚަބަރު

ތިނަދޫގެ ސްކޫލުތަކުގެ މެދުގައި ސައިންސް ފެއަރ އެއް ފަށައިފި


ގދ. ތިނަދޫގެ ތިން ސްކޫލް ތަކުގެ މެދުގައި ސައިންސް ފެއަރއެއް ފަށައިފިއެވެ. މި ފެއާ ފަށާފައިވަނީ ގދ. އަތޮޅު ތައުލީމީ މަރުކަޒުގައެވެ.
ޕީއެސްއެމް ނިއުސްއަށް މައުލުމާތު ދެއްވަމުން އެ ސްކޫލުގެ ޕްރިންސިޕަލް، ޝިފާޒް މުޙައްމަދު ވިދާޅުވި ގޮތުގައި އެ ފެއާރގެ މަގްސަދަކީ ސައިންސްގެ ތަބީއަތަށް ހޭލުންތެރިކުރުވުމާއިއެކު ކުދިންގެ ހުނަރުތައް ދައްކާލުމެވެ. އަދި ފެއަރގެ ސަބަބުން އެކުދިންގެ ޢިލްމާއި ހުނަރަށް ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މިފެއަރގައި ޗީފް ޖަޖެއްގެ ގޮތުން ސްޓެމް އެޑިއުކޭޝަން އަށް ޚާއްސަކޮށްގެން ރާއްޖޭގެ ގައުމީ ޔުނިވާސިޓީއާއި ފަރެސްމާތޮޑާގައި ހުންނަ ސްމޯލް އައިލެންޑް ރިސަރޗް ސެންޓަރގައި މަސައްކަތް ކުރައްވާ ކޮލަމްބިއާ ޔުނިވާސިޓީގެ ސައިންޓިސްޓް ޑރ. ލަރީފް މިފެއަރގައި މަސައްކަތް ކުރައްވާތީ މިފެއަރ އަށް ދަރިވަރުންގެ ޝައުޤު ވެރިކަން ވަރަށް ބޮޑުކަން ޕްރިންސިޕަލް ފާހަގަ ކުރެއްވިއެވެ.

" މީގެ ސަބަބުން އަޅުގަނޑުމެން ސައިންސްވެރިއެއްގެ ޕޮއިންޓް އޮފް ވިއު އިން ދަރިވަރުންނަށް ދޭން ޖެހޭ އެކި އެކި އިރުޝާދުތައްވެސް ފެއަރ ޖަޖުކުރަމުންދާ ގަޑިގަޑީގަވެސް އެހެނިހެން ގަޑިގަޑީގަވެސް ކުރިއަށް އެބަދޭ. މި ސައިންޓިސްޓަކީ ކްލައިމެޓް ޗޭންޖް އެކްސްޕަރޓެއް. އެއީ ކޮލަމްބިއާ ޔުނިވަސިޓީގެ އަރތް އިންސްޓިޓިއުޓްގަ މަސައްކަތް ކުރައްވާ ބޭފުޅެއް،" ޕްރިންސިޕަލް ޝިފާޒް ވިދާޅުވިއެވެ.

މި ފެއަރ ފަށާފައިވާއިރު، މިއީ ތިނަދޫގައި ބާއްވާ މިފަދަ ފުރަތަމަ ފެއަރ އެވެ. މި ފެއަރގައި ތިނަދޫ ސްކޫލާއި އަބޫބަކުރު ސްކޫލާއި، ގދ. އަތޮޅު ތައުލީމީ މަރުކަޒުން ޖުމްލަ 317 ދަރިވަރުން ބައިވެރިވެއެވެ. އަދި ފެއަރއަށް އެކުދިން 57 ޕްރޮޖެކްޓު ތައްޔާރު ކޮށްފައިވާއިރު އޭގެ ތެރެއިން 48 ޕްރޮޖެކްޓަކީ ވޯކިން މޮޑެލްސް އެވެ.

ދެ ދުވަހުގެ މުއްދަތަކަށް ކުރިއަށްދާ މި ފެއަރ އާންމުންނަށް ހުޅުވާލާނީ މާދަމާއެވެ. އެގޮތުން މާދަމާ ހަވީރު 16:00 އިން 18:00 އާންމުންނަށް ފެއާ ހުޅުވާލާނެއެވެ. މި ފެއަރ ސްޕޮންސަރ ކޮށްފައިވަނީ ގދ. ތިނަދޫ ކައުންސިލާއި ގދ. އަތޮޅު ކައުންސިލުންނެވެ.