ޚަބަރު

ކޯޓާއަށް ވަގުލިޔުންތައް ހުށައެޅި ފަރާތްތައް އާއްމުކޮށް މައްސަލަ ފުލުހުންނަށް


ބިދޭސީން ރާއްޖެ އެތެރެކުރުމުގެ ކޯޓާ ހޯދުމަށް ވަގު ލިޔުންތަކެއް ހުށަހެޅި ކުންފުނިތަކާއި އޢްމުންގެ ނަންތައް އާއްމުކޮށް އެ މައްސަލަ ފުލުހުންނަށް އިކޮނޮމިކް މިނިސްޓްރީން ހުށައަޅައިފިއެވެ.

ކޯޓާ ހޯދުމަށް ވަގު ލިޔުންތައް ހުށައެޅި 13 ފަރާތެއްގެ ނަން އިކޮނޮމިކް މިނިސްޓްރީން ވަނީ އާއްމުކޮށްފައެވެ.

އިކޮނޮމިކް މިނިސްޓްރީން ވިދާޅުވީ، ރާއްޖޭގައި ވަޒީފާ އަދާކުރުމަށް ބިދޭސީ މަސައްކަތްތެރިން ގެނައުމުގެ ހުއްދަ ހޯދުމަށްޓަކައި ކޯޓާއަށް އެދި ވަޒީފާދޭ ފަރާތްތަކުން ހުށަހަޅާއިރު، އޮޅުވާލާފައިވާ ސައްޙަ ނޫން ލިޔެކިޔުންތައް ހުށަހަޅާކަން އެ މިނިސްޓްރީއަށް ފާހަގަކުރެވިފައިވާކަމަށެވެ. އަދި އެފަދަ ފަރާތްތަކާމެދު ޤާނޫނީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުން އަންނަކަމަށްވެސް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެއެވެ.

އޮޅުވާލާފައިވާ ސައްޙަ ނޫން ވަގު ލިޔެކިޔުންތައް ހުށަހަޅާފައިވާކަން ފާހަގަކުރެވިގެން މިހާތަނަށް 13 ފަރާތެއްގެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާކަމަށް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެއެވެ. އަދި އެފަރާތްތަކުގެ މަޢުލޫމާތު އިކޮނޮމިކް މިނިސްޓްރީން އާއްމުކޮށްފައިވާއިރު، އޭގެ ތެރޭގައި 9 ކުންފުންޏަކާއި، އަމިއްލަ 4 ފަރާތެއްގެ މައްސަލަ ހިމެނެއެވެ.

ކޯޓާ ހޯދުމަށް ވަގު ލިޔުންތަކެއް ހުށަހެޅި 9 ކުންފުންޏަކީ :

1- ނިއު ސަން އިންވެސްޓްމެންޓްސް ޕްރައިވެޓް ލިމިޓެޑް
2- މިޝްކާ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް
3- ވެމްޒޯ ޕްރައިވެޓް ލިމިޓެޑް
4- ސަރަމީ ޕްރައިވެޓް ލިމިޓެޑް
5- ޖިއާޒު މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
6- ނިއޯ އީކޯ ޕްރައިވެޓް ލިމިޓެޑް
7- ސަން ސިޓީ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް
8- ސިނޮޕެކް ޕްރައިވެޓް ލިމިޓެޑް
9- ވޯޓަރ ޕާކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް

ކޯޓާ ހޯދުމަށް ވަގު ލިޔުންތަކެއް ހުށަހެޅި އަމިއްލަ 4 ފަރާތަކީ :

1- ޒުބައިރު ޢަބްދުﷲ (ރަން ހިރު ފެހުން)
2- ސައިފުﷲ ޙަސަން (ކިންގް ކޮންސްޓްރަކްޝަން)
3- އުޘްމާން ނަޢީމް (ކޮމްބައިން ބިލްޑް)
4- މުޙައްމަދު ފަތުޙުﷲ (އެފް.އެސް.ބީ ހޯލްޑިންގްސް)


ރާއްޖޭގައި ޤަވާއިދާ ޚިލާފަށް މަސައްކަތް ކުރާ ބިދޭސީންގެ މައްސަލައާއި، ބިދޭސީ މަސައްކަތްތެރިން ރާއްޖެ އެތެރެކުރުމުގައި ދިމާވާ ތަފާތު މައްސަލަތައް ހައްލުކުރުމަށް ސަރުކާރުގެ އެންމެ މަތީ ފެންވަރުގައި އަންނަނީ ޙާއްސަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން ޤަވާއިދާ ޚިލާފަށް އެތެރެވެފައިވާ ބިދޭސީން ޤަވާއިދުގެ ތެރެއަށް ފެއްތުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

މި މަސައްކަތުގެ ދަށުން ބަންގަލަދޭޝް އިން މަސައްކަތު މީހުން ރާއްޖެއަށް އަށް ގެނައުން އެއް އަހަރު ދުވަހަށް ވަނީ މަނާކޮށްފައެވެ. އަދި ކޯޓާ ދިނުމާއި ޑިޕޮޒިޓް ފައިސާ ބެހެއްޓުމުގެ ބައެއް އުސޫލުތަކަށްވެސް ވަނީ ބަދަލު ގެނެސްފައެވެ.