ޚަބަރު

ކުރިއަށްހުރި އިންތިޚާބުތަކަށް ތައްޔާރުވުމަށް އެތެރޭގެ އިންތިޚާބު މުހިންމު - އަފްޝަން


އެމްޑީޕީގެ އެތެރޭގެ އިންތިޚާބްތަކަކީ ކުރިއަށްއޮތް އިންތިޚާބްތަކަށް ތައްޔާރުވުމަށް ބޭއްވޭ ވަރަށްމުހިންމު އިންތިޚާބުތަކެއް ކަމުގައި އެމްޑީޕީގެ ސެކެރެޓަރީ ޖެނެރަލްގެ ނައިބު އަފްޝަން ލަތީފް ވިދާޅުވެއްޖެއެވެ.

މިމަހުގެ 19ވަނަ ދުވަހު ހުޅުވާލި އެމްޑީޕީގެ އެތެރޭގެ އިންތިޚާބާގުޅޭގޮތުން ވާހަކަ ދައްކަވަމުން އަފްޝަން ވިދާޅުވީ މިއިންތިޙާބުގައި ވޯޓްލެވޭނީ މިމަހުގެ 26ވަނަ ދުވަހާ ހަމައަށް ފޯމް ހުށަހަޅުއްވާ ފަރާތްތަކަށްކަމަށެވެ. ނަމަވެސް އިންތިޚާބުގައި އެކި މަޤާމުތަކަށް ވާދަކުރާ ފަރާތްތަކަށް މުއްދަތު އިތުރުކުރުމަށް އެކި ދާއިރާތަކުން އެދިފައިވާތީ މިމަހުގެ 30ގެ ނިޔަލަށް މުއްދަތު އިތުރުކޮށްފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިޚާބްތައް ބޭއްވުމުގެ އެންމެބޮޑު މަޤްސަދަކީ ކުރިއަށްއޮތް އިންތިޚާބުތަކަށް ތައްޔާރުވުންކަމަށާ، އެގޮތުން މިއިންތިޚާބުގެ އެންމެބޮޑު މަޤްސަދަކީ ކުރިއަށް އޮތް ކައުންސިލް އިންތިޚާބަށް ތައްޔާރުވުންކަމަށެވެ. އެމްޑީޕީއަކީ އިންތިޙާބްތަކަށް ޚާއްސަ އިސްކާމެއްދީގެން ވަކި ސްޓްރެޓެޖިކް ޕްލެއިނެއްގެ ދަށުން ކަންކަން އިންތިޒާމުކޮށްގެން ވާދަކުރާ ޕާޓީއެއްކަމުގައި އަފްޝަން ވިދާޅުވިއެވެ.

އަފްޝަން އަޑު..

މިބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އިންތިހާބު ކޮމިޓީގެ މުގައްރިރު، މުހައްމަދު އިބްރާހީމް މަނިކު ވިދާޅުވީ، އެތެރޭގެ އިންތިޚާބު ބާއްވާނީ ހުސްވެފައިވާ 45 ދާއިރާގެ 104 މަޤާމަށް ހުޅުވާލާފައިވާކަމަށެވެ. އޭގެތެރޭގައި އެކިދާއިރާތަކުން ހުސްވެފައިވާ 5 ރައީސްކަމުގެ މަޤާމާއި، 7 ނައިބްރައީސްކަމުގެ މަޤާމާއި، 27 ސެކެޓްރީގެ މަޤާމާއި، 29 ސެކެޓްރީގެ ނައިބްގެ މަޤާމުގެ އިތުރުން މީޑިޔާއާއި، އާންމު ޙިދުމަތާއިބެހޭ 36 މަޤާމަށް އިންތިޙާބް ކުރަން ހަމަޖެހިފައިވާކަމަށެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިޙާބް ބޭއްވުމަށް ހަމަޖެހިފައިވަނީ އޮކްޓޯބަރު 18ވަނަ ދުވަހުއެވެ.